ރަޝިއާއިން އީރާނާއެކު ''ސްޓްރެޓީޖިކް ޕާޓްނާޝިޕް'' އެއްބަސްވުމެއްގައި ސޮއިކުރަނީ

އީރާނާއި ރަޝިއާގެ ރައީސުން

މޮސްކޯ (23 ސެޕްޓެމްބަރު 2024): ރަޝިއާއިން އީރާނާއެކު "އިންކްލޫސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއް"ގައި ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރަޝިއާގެ "އާރުޓީ" ޓީވީ ނެޓްވާކުން ބުނެފިއެވެ.

"އާރުޓީ" ބުނާގޮތުން އީރާނާއެކު ސޮއިކުރަން ރަޝިއާ ތައްޔާރުވަމުންދަނީ ދިފާއީ ކަންތައްތަކުގެ އިތުރުން ވިޔަފާރިއާއި އިގުތިސާދީ މަސްލަހަތު ހިމެނޭ ވަރަށް ޝާމިލު ސްޓްރެޓީޖިކް އެއްބަސްވުމެއްގައެވެ. ރަޝިއާއާއި އީރާނާދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް މި އެއްބަސްވުމުގެ ދަށުން އެއްކޮށް ކުރެވޭނީ އެދެގައުމުގެ ފައިސާއިންނެވެ. މިހާރުވެސް އެތައް މުއާމަލާތްތަކެއްގައި ދެގައުމުގެ ފައިސާ ބޭނުންކުރެއެވެ.

ރަޝިއާގައި އުފައްދާ މަތީ ފެންވަރުގެ އަސްކަރީ ސިނާއަތްތަކުގައި ބައިވެރިވުމާއި ދެގައުމު ގުޅިގެން ފައިޓާޖެޓް ފަދަ ޒަމާނީ ހަތިޔާރު އުފެއްދުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގެ ދަށުން އީރާނަށް ލިބޭނެއެވެ. އަދި ރަޝިއާގެ ގޭސް އީރާނުގެ މަގުން އަފްޣާނިސްތާނާއި މެންގޯލިޔާ ފަދަ ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހޮޅިތައް ވެސް މި އެއްބަސްވުމުގެ ދަށުން އަޅާނެއެވެ. މިދިޔަ ޖޫންމަހު ރަޝިއާގެ ގޭހާ ބެހޭ މައި ކުންފުންޏާއި އީރާނުގެ ގޭހާބެހޭ މައި ކުންފުންޏާ ދެމެދު ވަނީ މިކަމާބެހޭ ފަންނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

"އާރުޓީ" ބުނާގޮތުން މިއެއްބަސްވުމުގައި ހިމެނޭ ބައިތަކާބެހޭގޮތުން ރަޝިއާއާއި އީރާނުގެ ފަންނީ ޓީމުތަކުގެ މެދުގައި އަދިވެސްދަނީ މަޝްވަރާތައް ކުރަމުންނެވެ. ރަޝިއާ އާ ގުޅިގެން ފައިޓާޖެޓާއި މަދަނީ މަތިންދާ ބޯޓު އުފެއްދުމަކީ އީރާނުގެ ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ފައިޓާޖެޓް އުފެއްދުމުގެ ރީސާޗްތަކާއި އެކަމާބެހޭ އަމަލީ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ގައުމެކެވެ.

އަނެއްކޮޅުން އެމެރިކާގެ ނޫސް އެޖެންސީއެއްކަމަށްވާ "ބުލޫމްބާގް" ބުނާގޮތުން ރަޝިއާ، އީރާން، ޗައިނާ އަދި އުތުރު ކޮރެއާ މި ހަތަރު ގައުމުން އަސްކަރީ ދާއިރާގައި ގުޅުންތައް ބަދަހިކުރަމުން ގެންދާތީ އެމެރިކާއާއި ޔޫރަޕްގައިވާ އެމެރިކާގެ ނޭޓޯގެ ބައިވެރިންގެ ހިތްތަކަށްވަނީ ނުތަނަވަސްކަން ފޯރާފައެވެ. މި ހަތަރު ގައުމުގެ ދެމެދުގައި ހިނގާ އަސްކަރީ އެއްބާރުލުންތައް އަމާޒުކުރާނީ އެމެރިކާއާއި ނޭޓޯއަށްކަމަށް ކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.

"ބުލޫމްބާގް" ބުނާގޮތުން އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުކަމަށްވީ ނަމަވެސް ދުނިޔޭގެ އެތައް ސަރަހައްދެއްގައި އެމެރިކާގެ ބާރާއި ނުފޫޒަށް މިހާރުވަނީ ބޮޑެތި ލޮޅުން އަރައިފައެވެ. މީގެތެރޭގައި އަރަބި ކަނޑާއި ރަތްކަނޑުގައި ޔަމަންގެ ހޫޘީން ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބު ވުމާއި އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރުން އެމެރިކާ ބޭރުކޮށްލުމާއި ޗައިނާ އިގްތިސާދީ ގޮތުން މެދުއިރުމަތީގައި އާދަޔާ ޚިލާފަށް ބާރުގަދަކުރަމުން ގެންދިޔުމާއި އެފްރިކާގައި ޗައިނާ އިގްތިސާދީ ގޮތުން ބާރުގަދަކޮށްފައިވުން ހިމެނެއެވެ.

އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ އާއި ޔަމަންގެ ހޫޘީންނާއި އިރާގުގެ އިސްލާމީ މުގާވަމާ ޖަމާއަތްތަކުން އެއްވެސް ޖެހިލުމެއްނެތި އިސްރާއީލުގެ އެތަން މިތަނަށް މިސައިލާއި ޑްރޯނުން ހަމަލާތައް ދެމުން ގެންދިޔުމަކީ ވެސް އެމެރިކާ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

މީގެއިތުރުން އިރާގުގައިވާ އެމެރިކާގެ ބާރުތައް އެގައުމުން ބާލަން ޖެހިފައިވުމަކީވެސް އެމެރިކާގެ ކަންބޮޑުވުމެކެވެ. އިރާގުންވަނީ އެގައުމުގައި ތިބޭ އެމެރިކާގެ 2500 ސިފައިން އަނބުރައި އެމެރިކާއަށް ފޮނުވާލުމާބެހޭ ގޮތުން ދާދިފަހުން އެމެރިކާއާއެކު އެއްބަސްވުކަމަށް އައިސްފައެވެ. މި އެއްބަސްވުން ބިނާކޮށްފައިވަނީ 2026 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އެމެރިކާގެ ހުރިހާ ސިފައިން އިރާގުން ބޭލުމުގެ މައްޗަށެވެ.

އިރާގުގެ ބޮޑުވަޒީރުވަނީ އިރާގު އަމިއްލައަށް އެގައުމުގެ ދިފާއީ ކަންކަން މިހާރު ބެލެހެއްޓޭކަމަށް ވިދާޅުވެ އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ އެއްވެސް ބޭނުމެއްނެތްކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ ސިފައިން ބޭތިއްބުމަކީ އިރާގު ސަރުކާރަށް ވާގިވެރިވާ ޖަމާއަތްތަކާއި އެގައުމުގެ އާންމުން ދެކޮޅު ހަދާ ކަމެއްކަމުން މިއީ އިރާގުގެ އެތެރޭގައި ބައިބައިވުން އުފައްދާ ކަމެއްކަމަށް އިރާގުގެ ބޮޑުވަޒީރުވަނީ ވިދާޅުވެފައެވެ.

އިރާގުގައި އެމެރިކާ ސިފައިން ބައިތިއްބަނީ އީރާނަށް ފާރަލުމަށާއި އަވަށްޓެރި ސޫރިޔާގައި ބައިތިއްބާފައިވާ އެމެރިކާ ސިފައިންނަށް ބޭނުންވާ ސަޕޯޓް ދިނުމަށެވެ. ސޫރިޔާގައި އެމެރިކާ ސިފައިންގެ 800 މީހުން ބައިތިއްބާފައިވަނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާ ނުލައި ގަވައިދާ ޚިލާފަށެވެ. އެެހެންކަމުން އިރާގުން ފޭބުމަށްފަހު ސޫރިޔާގައި ސިފައިން ބޭތިއްބުމަކީ އެމެރިކާ ސިފައިންގެ ފުރާނައަށް ނުރައްކާތެރިވާނެ ކަމެއްކަމަށް އެމެރިކާ ދެކެއެވެ.

އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ ހަރަކާތްތައް "އައިއޭއީއޭ" މެދުވެރިކޮށް ބެލުމުގެ ފުރުސަތުވެސް އެމެރިކާއަށް މިހާރު ގެއްލިފައިވާތީ މިއީވެސް އެމެރިކާގެ ކަންބޮޑުވުމެކެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ ހަރަކާތްތައް ބެލުމުގެ ފުރުސަތު އެމެރިކާއަށް ގެއްލުނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގައިވާ "އައިއޭއީއޭ" ކެމެރާތަކުގެ މަސައްކަތް އީރާނުން ހުއްޓުވާފައިވާތީއެވެ. މިކަން އީރާނުން ހުއްޓުވީ 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމާ ގުޅިގެންނެވެ.

"ބުލޫމްބާގް" ބުނާގޮތުން އީރާނާއި އިންޑިއާ އާ ދެމެދު ބަދަހިވަމުންދާ އިގްތިސާދީ ގުޅުންތަކަކީވެސް އެމެރިކާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެއީ އިންޑިއާ އީރާނާއެކު އިގްތިސާދީ ގުޅުންތައް ބަދަހިކުރިނަމަވެސް އިންޑިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާއަށް ކުރަންކެރޭ ކަމަކަށް ނުވާތީއެވެ.

އަނެއްކޮޅުން ތުރުކީއާއި އެނޫންވެސް އެތައް ގައުމަކުން "ބްރިކްސް" ޖަމާއަތުގައި ބައިވެރިވާން ތައްޔާރުވެފައި ވުމަކީވެސް އެމެރިކާގެ ކަންބޮޑުވުމެކެވެ. އެއީ "ބްރިކްސް" ޖަމާއަތަކީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބައިނަލްއަގްވާމީ މާލީ ނިޒާމަށް ނެރެން މަސައްކަތްކުރާ އަދި ޗައިނާއާއި ރަޝިއާގެ ކޮންޓްރޯލް އޮންނަ ޖަމާއަތަކަށްވާތީއެވެ.

comment ކޮމެންޓް