މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި 3.8 މިލިއަން މީހުން ވޯޓުނުލާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރަޖިސްޓްރީކޮށްފައިވާ 17،140،354 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ އެންމެ %79.46 މީހުންނެވެ. ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 13،619،916 އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ގޮތުގައި އޭގެ ތެރެއިން %97.8 އަކީ ސައްހަ ވޯޓު ކަމަށާއި އެއީ 13،319،616 ވޯޓެވެ. ނަމަވެސް އޭގެތެރެއިން 300،300 ވޯޓު ބާތިލްވެފައިވާއިރު، މިއީ ޖުމްލަ ވޯޓުގެ %2.2 އެވެ.
ސްރީ ލަންކާގެ އިގްތިސާދު މީގެ ދެ އަހަރު ކުރިން ބަނގުރޫޓުވެ އާންމު ދިރިއުޅުން ދަތިވެފައިވަނިކޮށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނަޔަކައެވެ.
އުމުރުން 55 އަހަރުގެ އަނޫރާ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށްވުރެ މިލިއަނަކަށްވުރެ ގިނަ ވޯޓުން ކުރީގައެވެ.
ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމުން ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާއަށް ހާއްސަކޮށް ދެއްވި އިންޓަވިއުއެއްގައި އަނޫރާ ވިދާޅުވީ ބަދަލެއްގެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭނާގެ ކާމިޔާބީއަކީ އޭނާ ބަދަލު ގެނެސްދޭނެ ކަމަށް އުންމީދުކުރި ރައްޔިތުންނަށް ލިބުނު ފައިދާއެއް ކަމަށެވެ.
އަދި ރައީސްކަމުގެ ހުވާ ކުރައްވާހާ އަވަހަކަށް ލަންކާގެ އިގްތިސާދީ ހަމަޖެހުން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެކަމަށްޓަކައި ވިޔަފާރިވެރިންގެ އެހީތެރިކަން ހޯއްދެވާނެ ކަމަށް ވެސް އިންތިޚާބީ ރައީސް، އަނޫރާ ވިދާޅުވިއެވެ.
ގައުމު ކުރިއަށް ގެންދިއުމަށް އޭނާއާ ގުޅެން އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުން ނަގާނެތޯ ސުވާލު ކުރުމުން އަނޫރާ ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގެނައުމުގެ ވިސްނުންފުޅު ނުގެންގުޅޭ ކަމަށެވެ.
ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީހުގައި އަނޫރާ ފުރުއްވި ގޮނޑި ދެން ފުރުއްވާނީ އެންޕީޕީގެ މެމްބަރު ލަކްޝްމަން ނިޕުނާރްޗީއެވެ.
ރިޔާސީ ސެކްރެޓޭރިއަޓުގައި މިއަދު ބާއްވާ ރަސްމިއްޔާތެއްގައި އަނޫރާ ލަންކާގެ ނުވަ ވަނަ ރައީސް ކަމުގެ ހުވާ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.