ސްރީލަންކާގެ ރައްޔިތުން އިއްޔެ ވޯޓުލާން ނުކުތީ, ގައުމު ކުރިން ނުދެކޭ ފަދަ އިގުތިސާދީ އަނދަވަޅަކުން ލިބުނު ހިތި ތަޖުރިބާއަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބަށެވެ. ޖުމްލަ 38 ކެންޑިޑޭންނުންނާއެކު، މިހާތަނަށް އެންމެ ވާދަވެރިން ގިނަކޮށް ބޭއްވި މި އިންތިޚާބުގައި ކުރީގައި އުޅުއްވަނީ ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އެލަޔަންސްގައި އިސްކޮށް ހުންނަވާ އަނޫރާ ކުމާރާ ޑިސަނަޔަކަ އެެވެ.
ސްރީލަންކާގެ ރައްޔިތުންނަށް 'ރީތި ދިރިއުޅުމަކާއި ތިޔާގިކަން' ގެެނެސްދެއްވާނެ ކަމަށް ބުނާ މެނިފެސްޓޯއަކާއެކު ކެމްޕެއިން ކުރެއްވި ޑިސަނަޔަކަގެ ވައުދަކީ އެގައުމުގައި ޒަމާންތަކެއް ވަންދެން އޮތް ސިޔާސީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ކޮރަޕްޝަން ނައްތާލާނެ ކަމަށެވެ.
ދެހާސް ބާވީސް ވަނަ އަހަރު ރައްޔިތުން އުތުރިއަރައިގެން އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ވެރިކަން ބަދަލުކުރިއިރު ވެސް، މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ގޮވާލުމަކަށްވީ އެ ދެ ޝަރުތު ފުރިހަމަކޮށްދިނުމެވެ.
އެހެންކަމުން، ލަންކާގެ މުސްތަގުބަލަށް ޓަަކައި މިފަހަރު ޚިޔާރުކުރި ޑިސަނަޔަކައަކީ، ރިޔާސީ ރޭހުގައި ދެން ކުރީގައި އުޅުއްވި ކެންޑިޑޭޓުންނާ ތަފާތު ބޭފުޅެކެވެ. އޭނާއާ އެންމެ ގާތުން ދެން ވާދަކުރެއްވި ތިން ކެންޑިޑޭޓުންނަކީ ވެސް ނުފޫޒު ގަދަ ސިޔާސީ އާއިލާތަކަށް ނިސްބަތްވާ ބޭފުޅުންނެވެ. ނަމަވެސް ޑިސަނަޔަކަ މިހާ ހިސާބަށް ކުރެއްވި ދަތުރު ތަފާތެވެ.
ޑިސަނަޔަކަގެ އާއިލާ
ޑިސަނަޔަކަ ނިސްބަތްވެވަޑައިގަންނަވަނީ އަނޫރަދަޕޫރާ ޑިސްޓްރިކްޓުގެ ތަމްބުތެގަމަ އަވަށުގެ އާދައިގެ އާއިލާއަކަށެވެ. މަސައްކަތު މީހެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވި ބައްޕައަކާއި ގޭގައި މަސައްކަތް ކުރެއްވި މަންމައަކަށެވެ.
ޑިސަނަޔަކަ ވެވަޑައިގަތީ ތަމްބުތެގަމާ ސެންޓްރަލް ކޮލެޖުން އުނގުނެވަޑައިގަތުމަށްފަހު، ޔުނިވާސިޓީއަކުން ފުރުސަތު ހޯއްދެވި ފުރަތަމަ ދަރިވަރަށެވެ. އަދި ކޮލޮމްބޯގެ ޔުނިވާސިޓީ އޮފް ކެލާނިޔާއިން ސައިންސް ޑިގްރީއެއް ހާސިލުކުރެއްވިއެވެ.
ސިޔާސީ މަސައްކަތްތަކުގެ ފެއްޓެވުން
ޑިސަނަޔަކަ ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވާން ފެއްޓެވީ ކޮލެޖަށް ވަޑައިގަތް ދުވަސްވަރެވެ. އެގޮތުން 1987 އާއި 1989އާ ދެމެދު އޭނާ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)އާ ގުޅިވަޑައިގަތެވެ. އެއީ އޭރު އޮތް ވެރިކަމާ ދެކޮޅަށް ޖޭވީޕީން ބަޣާވާތް ކުރަން އުޅެ، ހަމަލާތައް ދެމުންދިޔަ ދުވަސްވަރެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 1989ގައި ވެރިކަމުގައި ހުންނެވީ ރިޔާސީ އިންތިޚާބުގައި ޑިސަނަޔަކައާ ވާދަވަކުރެއްވި ސަޖިތު ޕްރެމަދާސަގެ ބައްޕާފުޅު ރަނަސިންހަ ޕްރެމަދާސަ އެވެ.
ޖޭވީޕީގެ ބަޣާވާތާ ސަރުކާރުން ވެސް ހަރުކަށިކޮށް ކުރިމަތިލިއިރު، އެ ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުންނާއި މަރުވި މީހުންގެ އަދަދު 60،000އަށް އަރާ ކަމަށް ލަފާކޮށްފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި ޖޭވީޕީން ވަނީ ކުރީގެ ހަރުކަށި ފިކުރުތަކުން ދުރުވެފައިވާކަން ސާބިތުކޮށްދިނުމަށް ގިނަ ބަދަލުތަކެއް ގެނެސް، ޑިމޮކްރެޓިކް ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކޮށްފައެވެ.
ޑިސަނަޔަކަ 1995 އާއި 1998އާ ދޭތެރޭގައިވަނީ ޖޭވީޕީގެ ސެންޓްރަލް ވޯކިން ކޮމިޓީ އާއި ޕޮލިޓިކަލް ބިއުރޯގެ މެންބަރަކަށް ވެވަޑައިގެންފައެވެ. އޭނާ އެންމެ ފުރަތަަމަ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތީ 2000 ވަނަ އަހަރެވެ. އަދި އޭގެ 14 އަހަރު ފަހުން ޕާޓީގެ ލީޑަރުގެ މަގާމަށް އިސްވެވަޑައިގަތެވެ.
އެ މަގާމަށް ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ވަނީ ޖޭވީޕީން މީގެ ކުރިން ސަރުކާރުތަކާ ދެކޮޅަށް ހަތިޔާރު އަޅައިގެން ނުކުމެ ހިންގި ހަމަނުޖެހުންތަކަށް މައާފަށް އެދިވަޑައިގެންފައެވެ.
މިނިސްޓަރުކަން ކުރައްވައި، ފުރަތަމަ ފަހަރަށް ރިޔާސީ ރޭހަށް
ދެހާސް ސާދަ ވަނަ އަހަރު ޖޭވީޕީން އޭރުގެ ރައީސް، ޗަންދުރިކާ ކުމާރަތުންގަގެ ވެރިކަން ކުރާ އެލަޔަންސާ ބައިވެރިވިއެވެ. އޭރު އެގްރިކަލްޗާ މިނިސްޓަރުކަމަށް ޑިސަނަޔަކަ އައްޔަން ކުރި ނަމަވެސް، ސިޔާސީ ޚިޔާލު ތަފާތުވުންތަކާ ހެދި ޖޭވީޕީން އެލަޔަންސާ ވަކިވުމުން އޭނާ ވެސް މަގާމުން އިސްތިއުފާދެއްވިއެވެ.
އެއަށްފަހު 2014 ވަނަ އަހަރު ޑިސަނަޔަކަ ޕާޓީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ޕާޓީ އިސްވެ އޮވެ އެންޕީޕީ އުފެއްދެވިއެވެ. އަދި 2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވިއެވެ. އެ އިންތިޚާބުގައި 418،553 ވޯޓާއެކު އޭނާއަށް ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓް ވޯޓެވެ.
ތިން ޕަސެންޓު ވޯޓަށް ފަހު މަގުބޫލުކަން ހޯއްދެވީ ކިހިނެއް؟
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ގިނަ ވޯޓުތަކެއް މިހާރު ގުނައިފައިވާއިރު ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޑިސަނަޔަކަ ވަނީ ރައީސްކަމަށް ހޮވުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.
ލަންކާގެ ރައްޔިތުން ފެންބޮވައިގެންފައިވަނީ ނިޒާމީ ބަދަލަކަށްކަން ޑިސަނަޔަކައަށް އެނގިވަޑައިގަންނަވައެވެ. އެ ބަދަލަށް އެދި 2022ގައި ރާޖަޕަކްސަގެ ވެރިކަމާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އޭނާ އާއި ޖޭވީޕީން ވެސް ހަރަކާތްތެރިވެފައިވެއެވެ.
އެ މުޒާހަރާތަކުން ރާޖަޕަކްސަގެ ވެރިކަން ނިމުމަކަށް ގެނެވުނު ނަމަވެސް ދެން ރައީސްކަމާ ހަވާލުވެވަޑައިގަތް ރަނިލް ވިކްރަމަސިންހަގެ ފަރާތުން ރައްޔިތުން ބޭނުންވި ފަދަ ނިޒާމީ ކުރިއެރުމެއް ނުލިބޭ ކަމަށް ޑިސަނަޔަކަ ވިދާޅުވެއެވެ.
ޑިސަނަޔަކަ ވައުދުވެވަޑައިގެންފައިވާ ބަދަލުތައް
އަށާވީސް ސިޔާސީ ޕާޓީ ހިމެނޭ އެންޕީޕީގެ ސަރުކާރެއްގައި ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ. އޭގެ ބޭނުމަކީ މިހާރު އޮތް ރިޔާސީ ނިޒާމަށްވުރެ ބޮޑަށް ބާރުތައް ބަހާލުން ކަމަށް އެ އެލަޔަންސުން ބުނެއެވެ.
ޑިސަނަޔަކަ ވަނީ ސަރުކާރުގެ އެންމެ މަތީފަޑީގެ ޚަރަދުތައް ކުޑަކުރުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ރައީސްގެ ރަސްމީ ގެކޮޅުތައް މަދުކުރުމާއި ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ އާއިލާތަށް ލިބިދޭ ބައެއް އިނާޔަތްތައް ކަނޑާލުން ހިމެނެއެވެ.
ގައުމު ހިންގުމުގައި އެތައް ސަރުކާރަކުން ވެފައިވާ އިހުމާލުތަކާއި ކޮވިޑް ބަލިމަޑުކަމުން ލިބުނު ގެއްލުމުން އަރައިނުގަނެވި، ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި ނުލިބޭ ހިސާބަށް ގައުމު ދިޔަ ފަހުން، ވިކްރަހަމަސިންހަގެ ރައީސް ކަމުގައި އިގުތިސާދަށް ކުރިއެރުންތަކެއް ގެނެސްދެއްވައިފައިވެއެވެ. އޭގެ ސަބަބުން ޑީޖީޕީ މަތިވެ، އިންފްލޭޝަން ދަށްވި ނަމަވެސް ސަރުކާރުން ވަނީ ވެލްފެއާ ސްކީމްތަކަށް ޚަރަދު ކުރާ މިންވަރު ކުޑަކޮށް، ކަރަންޓު ސަބްސިޑީ ކަނޑާލައި، ވެލިއު އެޑެޑް ޓެކްސް ދެގުނަކޮށްފައެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން އަގުތައް އުފުލި، އޭގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ އެންމެ ނިކަމަތި ރައްޔިތުން ކަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
އެ ފިޔަވަޅުތައް އަޅަން ޖެހިފައިވަނީ، ލަންކާގެ ބޮޑުވެފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެހީވުމަށް އެއްބަސްވެފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެންގުމަށެވެ.
އައިއެމްއެފާއެކު ހަދައިފައިވާ އެއްބަސްވުމަށް އެންޕީޕީން ފާޑުކިޔައިފައިވާއިރު، ޑިސަނަޔަކަ ވަނީ އެ އެއްބަސްވުމަށް އިޚުތިރާމު ކުރައްވާނެ ކަމަށާއި ނަމަވެސް ގައުމުގެ ދަރަނީގެ ސަބަބުން ރައްޔިތުން އުފުލަން ޖެހޭ ބުރަ ކުޑަވާ ގޮތަށް ފިޔަވަޅުތައް ބަދަލުކުރަން މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރުން ނަގައިފައިވާ ލޯނުތަކުގެ އޮޑިޓެއް ހަދައި، މުހިންމު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމެންޓް ހޯދުމަށް ވެސް މެނިފެސްޓޯގައި ހިމަނައިފައިވެއެވެ.
ހަމައެއާއެކު ކޮރަޕްޝަނާއި ޖިނާއި މައްސަލަތައް އަލުން ބަލައި، ކުށްވެރިވާ ބަޔަކަށް އަދަބު ދޭނެ ކަމަށް ޑިސަނަޔަކަ ވަނީ ވައުދުވެވަޑައިގެންފައެވެ.
"އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުން އިންތިޒާރުކުރަނީ ބަދަލަކަށް. އެ ބަދަލު ގެންނާނެ ބަޔަކީ އަޅުގަނޑުމެން. ބާކީ ހުރިހާ ކެންޑިޑޭޓުންނަކީ ޒަމާންވެ، ފެއިލްވެފައިވާ ނިޒާމެއްގެ މީހުން،" އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވެއެވެ.
ލަންކާގެ ރައްޔިތުން ގިނަ ގުރުބާނީތަކެއްވެގެން މިހާ ހިސާބަށް ވާސިލުވެ ޚިޔާލު ފާޅުކޮށްފައިވާއިރު، މިހާރު ތިބީ އާ ސަރުކާރުން އެ މީހުންގެ ގޮވާލުންތަކަށް ފުރިހަމައަށް އިޖާބަދޭނެ ކަމުގެ އުއްމީދުގައެވެ.