ދިވެހި ބަހުގެ އެކެޑަމީން މިއަހަރު ބާއްވާ ގައުމީ ތިން މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފަށައިފިއެވެ.
މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތެވެ.
އެގޮތުން، މަޒުމޫނު ލިޔުމުގެ މުބާރާތް ހެނދުނު 8:00އިން 11:00ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައި ވާއިރު، 13:00އިން 16:00ގެ ނިޔަލަށް ކުރު ވާހަކަ ލިޔުމުގެ މުބާރާތް ކުރިއަށް ދާނެއެވެ. އަދި، ޅެން ހެދުމުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިރުއޮއްސި 18:00 އިން 21:00ގެ ނިޔަލަށެވެ.
މުބާރާތްތަކާ ގުޅުވައި 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ބަހުގެ އެކެޑަމީގެ ޑިރެކްޓަރު ޝަހުމާ އަލީ ވިދާޅުވީ، މަޒުމޫނާއި ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި 800އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށެވެ.
މީގެއިތުރުން، އެކި ސުކޫލުތަކުން ޅެން ހެދުމުގެ މުބާރާތުގައި 400 ދަރިވަރުން ބައިވެރިވާ ކަމަށާއި ހުރިހާ ސުކޫލުތަކެއްގައި މުބާރާތްތައް ކުރިއަށް ދަނީ އެއް ވަގުތުތަކެއްގައި ކަމަށެވެ.
މި މުބާރާތްތަކުގެ ސަބަބުން ވަރަށް ބޮޑަށް ބަހަށް ލޯބި ޖެހޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަދި މުބާރާތްތަކުން ފާހަގަކުރެވޭ ކުދިންނަކީ ހަމަ އެކިއެކި މައިދާނުގައި ފާހަގަކޮށްލެވޭ ކުދިން ގޮތުގައި އަޅުގަނޑުމެނަށް ފެންނާތީ ވެސް ވަރަށް އުފާވޭދިވެހި ބަހުގެ އެކެޑަމީގެ ޑިރެކްޓާ ޝަހުމާ އަލީ
މަޒުމޫނާއި ކުރު ވާހަކައަކީ ދަރިވަރުން އޯލެވެލްއާއި އޭލެވެލް އިމްތިހާނުގައި ލިޔާ ލިޔުންތަކެއްކަން ފާހަގަކުރައްވައި ޝަހުމާ ވިދާޅުވީ، މި މުބާރާތުގެ ސަބަބުން އެ ލިޔުންތަކަށް ދަރިވަރުން ފަރިތަވާ ކަަމަށެވެ.
މަޒުމޫނާ ޚިލާފަށް، ޅެން ހެދުމަކީ މަންހަޖުގައި ނެތް ކަމަކަށް ވިޔަސް އެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ކުރިއަށް ދިޔުމަށް މިފަދަ މުބާރާތް ތަކުގެ ސަބަބުން ފުރުސަތުތައް ފަހިވާކަން ޝަހުމާ ވަނީ ފާހަގަކުރައްވާފައެވެ.
މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވި ދަރިވަރަކު 'ސަން'އަށް ބުނީ، މިފަދަ މުބާރާތްތަކުގެ ސަބަބުން ލިޔުންތައް ލިޔުމަށް ފަރިތަވާ ކަމަށެވެ. މުބާރާތަކުން އިނާމެއް ނުލިބުނަސް ދެން އަންނަ މުބާރާތަކަށް ތައްޔާރުވެ، އަލުން ބައިވެރިވެ އިނާމުތައް ހާސިލްކުރަން ބޭނުންވާ ކަމަށް އެ ދަރިވަރު ބުންޏެވެ.
މިއަދުގެ މުބާރާތް ވެސް ވަރަށް ފަސޭހަކަމާއެކު ލިޔެ ނިންމާލެވުނުކަން އެ ދަރިވަރު ފާހަގަކޮށްފައިވެއެވެ.
މި މުބާރާތްތަކުގައި އެންމެ އަތޮޅަކުން ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އަތޮޅުތަކުގެ 82 ސުކޫލަކުން މި މުބާރާތްތަކުގައި ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 22 ސުކޫލަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތްތަކުގައި ޖުމުލަ 104 ސުކޫލަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައެވެ.
މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި، ވާހަކައިގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތް ކުރިއަށްދާ ވަގުތު ނަމާދުކުރުމަށް ދަރިވަރުންނަށް ފުރުސަތު ދެވޭނެކަން އެކެޑަމީން ވަނީ ފާހަގަކޮށްފައެވެ. އަދި މުބާރާތުގައި ދަރިވަރު ލިޔަމުންދާ ވަގުތު ހުސް ވަގުތުކޮޅެއް ބޭނުންވެއްޖެ ނަމަ އެއްވެސް މީހަކާ މުއާމަލާތު ނުކުރެވޭ ގޮތަށް ދަރިވަރުންނަށް ލިޔަމުންދާ ހޯލުން ނުކުމެ އުޅުމުގެ ފުރުސަތު ދެވޭނެކަން ވެސް ފާހަގަކޮށްފައި ވެއެވެ.