ދިވެހިބަހުގެ އެކެޑަމީން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ބާއްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހަކީ 10 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނި ގޮތުގައި މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި ދިވެހިބަހަށް މުވައްޒަފުން އަހުލުވެރިކުރުމެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހިންގި ކޯހުގެ ނިންމުން ފާހަގަކުރުން --- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ
އެ ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ލަފުޒު ވަކިކޮށް ލިޔުމުގެ އުސޫލާއި ސުކުނާއި ފިލިތަކާއި އަދަބު އިޙްތިރާމާއެކު ދިވެހިބަހުން މުޢާމަލާތުކުރާނެ ގޮތާއި، ސާފު ރީތި ބަހުން އިބާރާތްކުރާނެ ގޮތުގެ އުސޫލު ހިމެނެއެވެ.
މި ކޯހުގައި ކިޔައިވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ނައިބު ރައީސް ޒުލްފާ އިބްރާހީމާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު އަދި ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު ޙަލީމާއި، އިސްލާމީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި، ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު އާމިރު އަޙްމަދެވެ.
އެ ކޯހުގައި އިޖުތިމާއީ ވުޒާރާގެ 25 ބައިވެރިން ވަނީ ބައިވެރިވެފައެވެ.