ކުޑަދޮރެއް ވެއްޓުން: ދަރިފުޅުގެ ފަރުވާގެ ބޭނުމެއްގައި ދަނިކޮށް، ބައްޕައަށް ބޮޑެތި އަނިޔާތަކެއް

ބިއްލޫރިގަނޑު ވެއްޓުނު މައްސަލާގައި އަނިޔާ ލިބުނު ފިރިހެންމީހާގެ ޒަޚަމްތައް ފެންނަ ފޮޓޮއެއް: އެ މީހާގެ އަންހެނުންނާއި ދަރިފުޅު ބަލިވެ އުޅެނިކޮށް، ފިރިމީހާއަށް ބޮޑެތި އަނިޔާތަކެއް ވުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --

މާލޭ ގެއެއްގެ މަތިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި، ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަނިޔާވި މީހާއަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަން ހާމަކޮށް، އެ މައްސަލައާ ގުޅުންހުރި ކަންބޮޑުވުންތައް އާއިލާއިން ފާޅުކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖަހާމުގުރި ގޯޅީގައި މިދިޔަ ބުދަ ދުވަހުގެ ރޭ 19:12 ހާއިރެވެ.

ފުލުހުން އެރޭ ބުނީ އެ ހާދިސާގައި އަނިޔާވީ އެ ވަގުތު ސައިކަލެއް ޕާކުކުރަން އުޅުނު މީހަކަށް ކަމަށެވެ. އެގޮތުން ބިއްލޫރިގަނޑު ވެއްޓި ތަޅައިގެން ގޮސް އޭނާގެ ގަޔަށް ބިއްލޫރިތައް ބުރީކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި މީހާގެ އަނބިމީހާ ފޭސްބުކްގައި ހިއްސާކުރި ގޮތުގައި، އެ ހާދިސާގައި އޭނާގެ ފިރިމީހާގެ ހަށިގަނޑުގެ އެކި ތަންތަން ޒަޚަމްވެ، ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އަދި އެ ހާދިސާގައި އޭނާގެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އޭނާ ބުނި ގޮތުގައި، އޭނާގެ ފިރިމީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު އޭނާ އިނީ ބަލިވެއެވެ. އަދި އެދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަކީ ނޭވާހިއްލުމުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ ކުއްޖެއް ކަމަށާއި، އެކްސިޑެންޓު ހިނގީ ކުއްޖާގެ ފަރުވާއަށް ބޭނުންވާ ސިއްހީ އާލާތެއް ހޯދަން ހޮސްޕިޓަލަށް ގޮސް، ގެޔަށް އައިސް ޕާކު ކުރަނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.

"އަސްތުމާގެ ތަކުލީފު އުފުލާ އުމުރުން ފަސް އަހަރުގެ ކުއްޖަކު ގޮވައިގެން އުޅޭ މާބަނޑު އަންހެނެއްގެ ހައިސިއްޔަތުން މިކަމާ ވަރަށް ކަންބޮޑުވޭ. މި ހާދިސާގެ ނަފުސާނީ ގެއްލުން ވަރަށް ބޮޑު. ފިރިމީހާއަށް ލިބުނު އަނިޔާތަކުގެ އިތުރު ސްޓްރެސްއާއި ކުރިއަށް ވާނެ ގޮތް ނޭނގޭތީ މިއީ ވަރަށް ޗެލެންޖިން ވަގުތަކަށް ވެއްޖެ،" އަންހެން މީހާ ބުނެފައިވެއެވެ.

އޭނާ ބުނީ އެ މައްސަލައިގައި ފުލުހުންގެ އެހީތެރިކަމަށް އެދުނު ނަމަވެސް، ބިއްލޫރިގަނޑު ވެއްޓުނު އިމާރާތުގެ ވެރިފަރާތުން ޒިންމާ ނުނަގާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. އަދި ފުލުހުން އެދިފައި ވަނީ އެ ހާދިސާ ހިނގި މަންޒަރު ފެނުނު މީހުން، އާއިލާއިން ހޯދަން ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ނަމަވެސް ހެކިން ހޯދުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި އެއީ އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިފަރާތާ ވާހަކަދައްކަން މަސައްކަތްކުރި ކަމަށް ވެސް އެ އަންހެން މީހާ ބުންޏެވެ. އަދި ކުޑަދޮރު ހަރުކޮށްފައި ހުރި ކޮޓަރިއަކީ އެތައް އަހަރެއް ވަންދެން ބޭނުން ނުކޮށް ހުރި ކޮޓަރިއެއްކަން އެނގުނު ކަމަށާއި އެ އިމާރާތުގެ މެއިންޓެނެންސް މަސައްކަތްތަކާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

އެ ޕޯސްޓު ނިންމާލަމުން އެ ހާދިސާގެ އެއްވެސް މައުލޫމާތެއް ފޯރުކޮށްދެވިދާނެ ފަރާތެއް ވާނަމަ ނުވަތަ އެކަމުގައި ހެކިވެރިއަކަށް ވެވިދާނެ ފަރާތެއް ވާނަމަ، އަންހެންމީހާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ފުލުހުން މީގެ ކުރިން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

މާލޭގެ ގޭގޭގައި މަގަށްވާ ގޮތަށް ބިއްލޫރި ކުޑަދޮރުތައް ހުންނައިރު ވެއްޓިއްޖެނަމަ ރައްކާތެރިވެވޭނެ އިތުރު ގޮތެއް ނޯވެއެވެ. ހަމައެއާއެކު ބެލްކަނިތަކުގައި، މަގަށްވާ ގޮތަށް ގަސް މުށި ބަހައްޓައިފައި ހުރުމަކީ ވެސް އާންމު ކަމެކެވެ. ވައިގަދަވާ ހާލަތްތަކުގައި މީގެ ކުރިން ވެސް އެ ފަދަ ތަންތަނުން ތަކެތި ވެއްޓި ހާދިސާތައް ހިނގައިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް