ކުޑަދޮރު ވެއްޓުނު: ފުލުހުން އާއިލާ ގާތު ދެއްކި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން: ވިދާޅުވީ ކުޑަދޮރު ވެއްޓުނު މައްސަލާގައި ހެކި ހޯދަން އާއިލާގާތު ނުބުނާކަމަށް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މާލޭ ގެއެއްގެ މަތިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި، ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަނިޔާވި މީހާގެ މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އެ ހާދިސާ ހިނގި މަންޒަރު ފެނުނު މީހުން، އާއިލާއިން ހޯދަން ފުލުހުން ބުނެފައިވާކަމަށް މިރޭ އާއިލާއިން ބުނި ބުނުން ފުލުހުން ދޮގުކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖަހާމުގުރި ގޯޅީގައި މިދިޔަ ބުދަ ދުވަހުގެ ރޭ 19:12 ހާއިރެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު ފިރިހެންމީހާގެ އަންހެނުން ވަނީ އެ ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ބުނެ، އެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓުގައި ވަނީ، އެ މައްސަލައިގައި އާއިލާއިން ފުލުހުންގެ އެހީތެރިކަމަށް އެދުނު ނަމަވެސް، ބިއްލޫރިގަނޑު ވެއްޓުނު އިމާރާތުގެ ވެރިފަރާތުން ޒިންމާ ނުނަގާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެފައެވެ. އަދި ފުލުހުން އެދިފައި ވަނީ އެ ހާދިސާ ހިނގި މަންޒަރު ފެނުނު މީހުން، އާއިލާއިން ހޯދަން ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ނަމަވެސް ހެކިވެރިން ހޯދުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި އެއީ އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ އާއިލާގެ ހިތާމައިގައި ފުލުހުން ބައިވެރިވާ ކަމަށާއި ފުލުހުންގެ ފަރާތުން އެދެނީ އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ފުލުހުން އެގޮތަށް ޖަވާބުދާރީ ވެފައި ނުވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް ހުރި ގޮންޖެހުންތައް އާއިލާއަށް ތަފްސީލުކޮށް ކިޔައިދީފައި ވާނެ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/196985

އެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ޒަޚަމްވެ، ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އާއިލާއިން ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް