އައްޑޫގެ ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހިތަދޫ: ހިތަދޫގެ ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީ، ހިތަދޫގެ ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް އަނިޔާކޮށްފައިވާ ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަނިޔާކޮށްފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެމީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތުދިނެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓެއްގައި ވަނީ ރޭ ހިތަދޫގެ ގެޔަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، މީހަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެފައެެވެ. އަދި އަނިޔާ ލިބުނު މީހާގެ ފޮޓޯތަކެއް ކަމަށް ބުނެ ހިއްސާކޮށްފައިވާ ފޮޓޯތަކުން، އެ މީހާ ޒަޚަމްވެފައިވާ މަންޒަރާއި އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރު ފެނެއެވެ.

comment ކޮމެންޓް