އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއާޕޯޓުގައި: އެ މަނިކުފާނު ވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ ނިއުޔޯކަށް ރައީސް މިރޭ އިރާކޮޅު، ފުރާވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް، އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ރައީސް އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާ ވެސް މެއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ 29ވާ އާދީއްތަ ދުވަހު ކަމަށެވެ.

ރައީސް އދ.އަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަން އިއްޔެ އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއެވެ. އެ ދަތުރުފުޅުގައި ރައީސް އދ.ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.

https://sun.mv/196934

ރައީސް އެ ބަހުސްގައި ބައިވެރިވެވަޑައިގަތުން ވާނީ، ދިވެހި ރައީސަކު ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ.


comment ކޮމެންޓް