ރާއްޖެ އޮތް ހާލަތުގެ ގޮތުން އދ.އަށް ދިޔުން މުހިންމު، ދަތުރުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ މިހާރު އޮތް ހާލަތުގެ ގޮތުން އެ މަނިކުފާނު އދ.އަށް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށާއި މި ދަތުރުފުޅުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް ރައީސް ވަނީ މިއަދު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައެވެ. އެ މަނިކުފާނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އދ.ގައި ދިވެހި ރައްޔިތުންގެ ބަސް އިއްވަވާނެ ކަމަށެވެ.

އެ ސެޝަންގައި އާންމު މަޖިލީހުގެ އިތުރުން އެހެން ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެން، ރައްޖެއަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ފައިދާވާނީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅި ލާމެހުނު ވަރަކަށް. ރާއްޖެއަށް ފައިދާހުރި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާ ގިނަގިނައިން ވާހަކަދައްކާ އެކުގައި މަސައްކަތް ކުރެވިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ރައީސް އދ.އަށް ވަޑައިގެން، ރާއްޖޭގެ ފަރާތުން ދައްކަވަން ހުރި ވާހަކަ ދެއްކެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގައި ހިނގާ އެކި ކަންކަމުގައި ވެސް ދިވެހީންގެ ބަސް އެ ތަނަށް ނުގޮސް އިއްވުމާއި އެތަނަށް ގޮސް އެ ވާހަކަ ދެއްކުމާ ވަރަށް ތަފާތު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތިމާވެއްޓާއި ޓެކްނޮލޮޖީއާއި ތަރައްގީއާއި ރާއްޖޭގެ މުސްތަގުބަަލަށް ބޭނުންވާ ގޮތް ހާމަކޮށްދީ އެކަމުގައި އދ.ގެ އެހީތެރިކަން ހޯދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އދ.ގެ އެކި ޖަމިއްޔާތަކުގެ އެހީތެރިކަމާއި އެކިއެކި ގައުމުތަކުގެ އެހީތެރިކަމާއި މަލްޓިލެޓެރަލް އެކި ކަހަލަ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމުގައި އަޅުގަނޑުމެން އެ އޯޑިއެންސް ލިބިގަތުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް އެންމެ މުހިންމުކަން،" ރައީސް ވިދާޅުވިއެވެ.

އެހެންވެ، އެ މަނިކުފާނު އދ.ގައި ވީހާވެސް ގިނަ ކަންކަމެއްގައި ބައިވެރިވެވަޑަިއގެން ރައްޔިތުންގެ ފަރާތުން ވީހާ ވެސް ގިނަ ވާހަކަތަކުން ހަމަކޮށްދެވޭތޯ ބައްލަވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަދި މި ދަތުރު އަޅުގަނޑު ޔަގީންކުރަން ވެގެންދާނީ ރައްޔިތުންނަށް ފައިދާހުރި ދަތުރަކަށް އަދި އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބު ކަމާއެކީގައި ލިބޭނެ ދަތުރަކަށް ވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް، އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ.

މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާ ވެސް މެއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ 29ވާ އާދީއްތަ ދުވަހު ކަމަށެވެ.

comment ކޮމެންޓް