ބީއެމްއެލްގެ ބޯޑުން ސަޖުނީ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ބޯޑުން ސަޖުނީ ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އައިޝަތު ސަޖުނީ އިސްތިއުފާދެއްވައިފިއެވެ.

ސަޖުނީ އިސްތިއުފާދެއްވާފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ބީއެމްއެލްއިން ބުނީ ބޯޑު މެންބަރުންނާ ގުޅޭ މައުލޫމާތުތައް ހާމަކުރާނީ އެ ކުންފުނީގެ ޚާއްސަ އާއްމު ޖަލްސާ (އީޖީއެމް)އަށް ފަހު ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަޖުނީއަކީ ބީއެމްއެލް ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ އެއް މެންބަރެވެ.

ސަޖުނީއަކީ މެކްރޯއިކޮނޮމިކްސްއާއި ފައިނޭންސްގެ ދާއިރާއިން 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ތަފާތު މަގާމުތައް ފުރުއްވާފައިވާއިރު، 2017އިން 2019އަށް އެ އޮތޯރިޓީގެ ރިސާޗް ޑިވިޝަންގައި އިސްކޮށް ހުންނެވިއެވެ. އަދި ފެބްރުއަރީ 2019އިން މާޗު 2020އަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިކޮނޮމިސްޓެއްގެ ގޮތުގައި ސަޖުނީ މަސައްކަތް ކުރެއްވިއެވެ.

އޭނާ އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވީ ސިންގަޕޫރުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ކަމަށްވާއިރު، އެޕްލައިޑް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ އެމެރިކާގެ އީސްޓާން މިޝިގަން ޔުނިވާސިޓީންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ކުރީކޮޅު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސަޖުނީ ވަކިކުރިއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އަލުން ބޯޑަށް އައްޔަންކޮށްފައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު 25ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

އޭގެ ފަހުން ސީދާ ރައީސް މުއިއްޒު ވަނީ ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވައިފައެވެ.

ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ދޫކުރަމުން އައި ޑޮލަރު ލިމިޓު އުވާލީ، އެ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުން އެހެން ގޮތެއް ނެތިގެން ކަމަށް ބުނެއެވެ. އަދި ހިއްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޮގަސްޓު މަހުގެ 24ގައި އެދިފައި ވަނިކޮށް އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށް ވެސް ބޭންކުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޢާއިޝަތު ނޫރައްދީން ވެސް މިދިޔަ މަހު 24 ގައި ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، ޑެޕިއުޓީ ސީއީއޯކަމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވައިލަން ނިންމި ދަނޑިވަޅު ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ކަމަށާއި ގައުމު ހަލަބޮލިކޮށް، ވެރިކަން ވައްޓާލަން ބަޣާވާތްކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.

comment ކޮމެންޓް