ރައީސް އދ.އަށް ވަޑައިގެން، ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސް އދ.އަށް ވަޑައިގެން، ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، އދ.ގެ އާންމު މަޖިލީހުގެ 79 ސެޝަންގައިއާއި، ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވުމަށް ނިންމަވަވައިފައިވާ ކަމަށެވެ. އެ ސެޝަންގެ އިތުރުން، ސެކިއުރިޓީ ކައުންސިލްގެ އޯޕެން ޑިބޭޓެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދުނިޔެއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ހޭނި، މުސްތަގުބަލަށް ޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމަށް ބާއްވާ މަތީ ފަންތީގެ ސަމިޓެކެވެ.

ހަމައެއާއެކު އެ ދަތުރުފުޅުގައި ރައީސް، އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުޚާތަބު ކުރައްވައި ވެސް ތަގުރީރު ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ފަށައިފައިވާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގަންނަވާނެ ތާރީޚެއް ހީނާ ވިދާޅެއްނުވެއެވެ.

އެ ސެޝަންގައި ދުނިޔޭގެ ލީޑަރުން ތަގުރީރުކުރައްވާނީ މިމަހުގެ 24ވާ އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 30ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އދ.ގެ އެންމެ ބާރުގަދަ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ މަޖިލީހުގެ އޯޕެން ޑިބޭޓެއް އަންނަ ބުދަަ ދުވަހަށް ތާވަލުކޮށްފައިވެއެވެ. އެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ސުލްހައާއި ސަލާމަތަށް ޓަކައި ލީޑާޝިޕްގެ ދައުރާ ގުޅޭ ގޮތުންނެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފުވާ ގައުމުތަކަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ސަލާމަތީ މަޖިލީހުގައި، ކޮންމެ ނިންމުމެއް ވެސް ވީޓޯކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމެއް ހިމެނެއެވެ. އެއީ އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރައްވައިފައެވެ.

comment ކޮމެންޓް