ބިދޭސީއެއްގެ ފޯނު ފޭރުނު ދިވެއްސަކު ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފި

ބިދޭސީއެއްގެ ފޯނު ފޭރުނު މައްސަލާގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާގެ ވަނަވަރު -- ފޮޓޯ/ ފުލުހުން

ބިދޭސީއެއްގެ ފޯނު ފޭރުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެހި މީހާ އާންމުން ވެގެން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ، ރިހިވެލި، އަހުމަދު ނިޒާރު (31އ) އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައި ހުރިކަމަށް ރޭ 23:43 ހާއިރު ފުލުހުން ރިޕޯޓުކުރި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެޓެންޑުވިކަމަށް ފުލުހުން ބުންޏެވެ.

އަދި އާންމުންގެ އެހީތެރިކަމާއެކު އެމީހާ ހައްޔަރުކޮށް، އޭނާ ފޭރުނު ފޯނު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގުކުރަމުންނެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް މިހާރު ވަރަށް ގިނައެވެ. އޭގެ ތެރޭގައި މީހުންނަށް ބިރު ދައްކައިގެން ފޭރުމުގެ މައްސަލަތައް ވެސް މި ފަހުން ވަރަށް ގިނައިން ފެންމަތިވެފަވެއެވެ.

comment ކޮމެންޓް