ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ އެޓަލާންޓާއާއި އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.
މެޗުގައި މާ ގިނަ ހަމަލާތަކެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ވެސް ނުއުފެއްދުނެވެ. އެކަމަކު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓަލަންޓާއަށެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނު ތަނާ ލިބިގެންދިޔަ މި ޕެނަލްޓީ މެޓިއޯ ރެޓެގުއި ފުރަތަމަ ޖެހުމުން އާސެނަލްގެ ކީޕަރު ޑެވިޑް ރާޔާ މަތަކުރިއިރު ރެޓެގުއި ފޮނުވާލި ރީބައުންޑް ވެސް ރާޔާ ވަނީ މަތަކޮށްފައެވެ.
މިއީ މުޅި މެޗުގައި ވެސް އެޓަލާންޓާއިން އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ދެ ހަމަލާއެވެ.
މިމެޗު އެއްވަރުވުމާ އެކު ޗެމްޕިއަންސް ލީގުގެ އާ ލީގު ފޭސްގައި ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ލިބިގެންދިޔައިރު ދެވަނަ މެޗުގައި އާސެނަލް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އާއެވެ. އެޓަލާންޓާ ބައްދަލުކުރާނީ ރަށުން ބޭރުގައި ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކްއާއެވެ.
ލީގު ފޭސްގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު ލީގާ ޕޯޗުގަލްގެ ބެންފީކާއާއި ސާބިއަން ސުޕާ ލީގާގެ ކުރްވެނާ ޒުވެޒްޑާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ބެންފީކާއެވެ.
މެޗުގައި ބެންފީކާގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު ކަރީމް އަކްޓާކޮގްލޫއާއި އޯކުން ކޮކްޗޫއެވެ. އަދި، ޒުވެޒްޑާގެ ލަނޑު ކާމިޔާބުކޮށްދިނީ މިލްސަންއެވެ.
މީގެ އިތުރުން، ފްރެންޗް ލީގު އާންގެ ބްރެސްޓްއާއި އޮސްޓްރިއަން ބުންޑެސްލީގާގެ ސްޓާމް ގްރާޒް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކުރީ ބްރެސްޓްއެވެ. މި މެޗުގައި ބްރެސްޓްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫގޯ މެގްނެޓީއާއި އަބްދުﷲ ސިމާއެވެ.