ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ފޯގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނާއި ސްވިޓްލަންޒަންޑް ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބުކޮށް، މެޗަކުން ބަލިނުވެ، ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.
ސްޕެއިންގެ ޓެނެރީފޭގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔެރެމީ ޕީނޯއެވެ. ފުރަތަމަ ހާފުގައި ސްޕެއިނަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް ޕެޑްރީ ފޮނުވާލި ޕެނަލްޓީވަނީ ސްވިޓްޒަލަންޑްގެ ކީޕާ ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސްވިޓްޒަލަންޑްއިން ފެނިގެންދިޔައީ އާ ހިތްވަރަކާ އެކު ކުޅެމުންދިޔަ ތަނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ސްވިޓްޒަލަންޑުން ތަނަވަސްކުރިތަން ފެނިގެންދިޔައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޖޮއެލް މޮންޓޭރޯވަނީ މެޗުގެ ނަތީޖާ ސްވިޓްޒަލަންޑަށް ހަމަހަމަކޮށްދީފައެވެ. މެޗުގައި ދެވަނަ ފަހަރަށް ސްޕެއިނުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައި ބްރަޔަން ގިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ސްވިޓްޒަލަންޑުން ކާމިޔާބުކުރި ދެވަނަ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަންޑީ ޒެގީރީއެވެ. މި ލަނޑާ އެކު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުން ސްޕެއިން މޮޅުވި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އެ ޓީމަށް މެޗުގައި ލިބިގެންދިޔަ ދެވަނަ ޕެނަލްޓީންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ބްރަޔަން ޒަރަގޯޒާއެވެ.
މި ކާމިޔާބީއާ އެކު ސްޕެއިން ގްރޫޕް މަރުހަލާ ނިންމާލާފައިވަނީ ކުޅުނު ހަ މެޗުން ފަސް މެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރުވެ، 16 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސްވިޓްޒަލަންޑް މި ފަހަރުގެ ނޭޝަންސް ލީގު ނިންމާލާފައިވަނީ ދެ ޕޮއިންޓާ އެކު ގްރޫޕުގެ އެންމެ ފުލަށް ގޮސް ލީގު ބީއަށް ރެލިގޭޓްވެގެންނެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ޑެންމާކާއި ސާބިއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސާބިއާގައި ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ސާބިއާގެ ސްޓްރަހިންޔާ ޕަވްލޮވިޗްއަށްވަނީ ރަތް ކާޑު ދައްކާފައެވެ.
މެޗު އެއްވަރުވުމުން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޑެންމާކް ވަނީ އަށް ޕޮއިންޓާ އެކު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ސާބިއާ ގްރޫޕު މަރުހަލާ ނިންމާލީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ ތިންވަނައިގައި އޮވެގެންނެވެ.
ސާބިއާއަށް ޖެހޭނީ ލީގު ބީގެ ޓީމަކާ އެކު ރެލިގޭޝަން ޕްލޭ އޮފް ދެ މެޗު ކުޅޭށެވެ.