ދިވެހިބަހުގެ ގައުމީ މުބާރާތްތަކަށް ވަރަށް ބޮޑު ފޯރިއެއް އެބައޮތް: އަޝްރަފް

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދިވެހިބަހުގެ ގައުމީ މުބާރާތްތަކަށް ވަރަށް ބޮޑު ފޯރިިއެއް އެބައޮތް ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، ދުވަހަކު ގައުމީ މުބާރާތެއްގައި ވަނަ ނުލިބޭ ކުދިކުދި ރަށްރަށުން ނުވަތަ ގައުމީ މުބާރާތަކުން ދުވަހަކު އަޑުނީވޭ ރަށްރަަށުން ވެސް މިހާރުގެ މުބާރާތްތަކުން ވަނަތައް ހޯދާ ކަމަށެވެ.

ހުރިހާ ރަށަކުން ވެސް މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ކަމަށާއި ނަމަވެސް، އިތުރު ހަރަކާތްތަކުގެ ކަލަންޑަރުގެ ތާށިކަމުން ދަރިވަރުންނަށް ބައިވެރިވެވޭ ގޮތްނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ވަރަށް ވާދަވެރި ވަރަށް ފޯރިގަދަކޮށް ހިންގާ މުބާރާތްތަކެއް ކަމަށެވެ.

އެ ގޮތުން، މިދިޔަ އަހަރު ވެސް 3،000 އަށްވުރެ ގިނަ ދަރިވަރުން މި މުބާރާތްތަކުގައި ބައިވެރިވިއިރު، ގިނަ އިނާމުތަކެއް އަތޮޅު ތެރޭގެ ރަށްރަށަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޝްރަފް ވިދާޅުވީ، މިއިން މުބާރާތަކުން ވަނައަކަށްދާ ކުއްޖެއް ނަމަ ރަތްދޫލައިގައި ރަށުން މަރުޙަބާ ކިޔާ ކަމަށެވެ.

"މިއަށް ދީފައި ހުރި ސަމާލުކަމަކީ، މިއިން މުބާރާތެއްގެ ވަނައަކަށްދާ ކުއްޖާއަށް ރަތް ދޫލައިގައި ރަށުން އެބަ މަރުޙަބާ ކިޔާ. އެ ކުއްޖާ ގޮވައިގެން ބެރު ދުންމާރި ތާޅަފިލީގައި ސްކޫލާ ހަމައަށް ގޮސް އެކަން ފާހަގަކުރޭ އެބަ،" އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިބަހުގެ ގައުމީ މުބާރާތްތަކަށް ސްކޫލުތަކުގައި ވަރަށް ބޮޑު ފޯރިއެއް އެބައޮތް ކަމަށެވެ. މިކަމުގެ އަސްލަކީ ދިވެހިބަސް ކިޔަވައިދެއްވަން ތިއްބެވި ޓީޗަރުން ކަމަށާއި އެ ކުދީންގެ ހިތްތަކުގައި އެ ކަންކަމަށް ލޯބި އުފައްދައިދެނީ ޓީޗަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައިންބަފައިންގެ ލޯތްބާއި ޓީޗަރުންގެ ލޯތްބާ އެކު ސްކޫލު ކުދީން ދިވެހި ކަންކަމަށް ނުކުންނަކަން އަޝްރަފް ވަނީ އުފަލާ އެކު ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް