ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮތް މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު، ހަށިގަނޑު މާލެ ގެނެސްފި

ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ނެގުން: އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު ވަނީ މާލެ ގެނެސްފައި -- ފޮޓޯ/ އެމްވީކްރައިސިސް

ކުޅުދުއްފުށި ސިޓީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފަހު މިއަދު މާލެ ގެނެސްފިއެވެ.

ކުޅުދުއްފުށި ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނުނީ މި މަހު 11 ގައެވެ. މަރުވެފައި އޮއްވައި ފެނުނީ، އެ ސިޓީ، ޑެއިޒީފެހި، މުޙައްމަދު ހަސަން (36އ)އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޅުދުއްފުށި ފަޅު ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްމޯޓަމް ހެދުމަށް ފަހު، މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހަރުމުން ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިލީ މިދިޔަ ހަފުތާގައެވެ.

ކަށުނަމާދުގެ މައުލޫމާތު ހިއްސާކުރާ ޕޭޖުގައި ވާގޮތުން އޭނާގެ ކަށު ނަމާދު މިއަދު އަސުރުނަމާދަށް ފަހު ކުރާނެއެވެ.

މުޙައްމަދު ހަސަންގެ މަރާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް