ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހެއްގެ ބަންދަށް 10 ދުވަސް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި ޅ. ކުރެންދޫ މަގުމަތީގޭ އުމުރުން 24 އަހަރުގެ އަލީ ސަމާހް މުޙައްމަދު--- ފޮޓޯ/ ފުލުހުން

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅުވާ ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހެންވޭރު ދަނޑު ކައިރީގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު ޅ.ކުރެންދޫ، މަގުމަތީގޭ، އުމުރުން 24 އަހަރުގެ އަލީ ސަމާހް މުޙައްމަދު ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިޔަކަމަށެވެ.

އޭނާ ގާތުގައި ފުލުހުން މަޑުކުރަން ބުނުމުން ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ސަމާހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތައް އޭނާ ބަންދުކުރުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މިފަދަ މައްސަލަތައް ވެސް މި ފަހަކަށް އައިސް ވަނީ އާންމުވެފައެވެ. އެގޮތުން ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތު ކުރުން ފަދަ ކަންކަން ވެސް ދިމާވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް