ފަލަސްތީނުގެ ހައްގުގައި އދ. އިން ފާސްކުރި ތާރީޚީ ގަރާރުގެ ސަބަބުން އިސްރާއީލާއި އެމެރިކާ ރުޅި ގަދަވެފައި

އދ. މަޖިލިސް (19 ސެޕްޓެމްބަރު 2024) : އިސްރާއީލުން 1967 ވަނަ އަހަރު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އެއްވެސް ޝަރުތެއްނެތި 12 މަސްތެރޭގައި ފޭބުމަށް އިސްރާއީލަށް ގޮވާލާ ގަރާރެއް އދ. ގެ އާންމު ޖަމްއިއްޔާއިން ފާސްކޮށްފިއެވެ.

އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި ގައުމުތަކުން މިގާރާރަށް ތާއީދުކޮށްފައިވާއިރު މިގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އިސްރާއީލުގެ އިސްތިއުމާރާއި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުންނެވެ.

މިގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އދ. ން މެންބަރު 193 ގައުމުގެ ތެރެއިން އެންމެ 14 ގައުމެވެ. މީގެތެރޭގައި ހިމެނެނީ އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގެ އިތުރުން އެމެރިކާ ކޮންޓްރޯލްކުރާ މައިކްރޮނީޝިއާ ފަދަ ވަރަށް ކުދި ގައުމުތަކެވެ.

މި ގަރާރަށް 124 ގައުމަކުން ތާއީދުކޮށްފައިވާއިރު 43 ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. މުސްތަގިއްލު ރިޕޯޓްތައް ބުނާގޮތުން ވަކިކޮޅަކަށް ވޯޓުނުދޭ ގައުމުތައް ތަންކޮޅެއް ގިނަވީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުންނެވެ. މިގަރާރާ އެއްކޮޅަށް ވޯޓު ދީފިނަމަ އެމެރިކާގެ ފިއްތުންތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ބައެއް ގައުތަކަށް އެމެރިކާ ދީގެންނެވެ.

މި ގަރާރާ އެއްކޮޅަށް ވޯޓުދީފިނަމަ ޕްރެޝަރު ކުރާނެކަމުގެ އިންޒާރު އެމެރިކާއިން ބައެއް ގައުމުތަކަށް ދިންކަން ނަންހާމަކުރަން ނޭދޭ އެ ގައުމުތަކުގެ ޑިޕްލޮމޭޓުން ވިދާޅުވެފައިވާކަމަށް ރިޕޯޓްތައް ކަށަވަރުކޮށްދެއެވެ. އެމެރިކާ އިންޒާރު ނުދިންނަމަ މި ގަރާރަށް ވޯޓު ދިން ގައުމުތަކުގެ އަދަދު 140 އަށް އަރާނެކަމަށް ވެއެވެ.

މިއީ އެއްވެސް ޝަރުތެއްނެތި ކުރުމުއްދަތެއްގެ ތެރޭގައި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން ފޭބުމަށް އިސްރާއީލަށް ގޮވާލައި އދ. އިން ފާސްކުރި ފުރަތަމަ ގަރާރެވެ.

މިއީ އދ. ގެ އާންމު ޖަމްއިއްޔާއިން ފާސްކުރި ގަރާރަކަށްވާތީ މިއަށް އަމަލުނުކުރުމުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ޖާގަ ނެތްނަމަވެސް އިސްރާއީލަކީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތަކަށްވެސް ގޮންޖަހައި އެ ގަރާރުތަކަށް އަމަލު ނުކުރުމުގެ ރެކޯޑު އޮންނަ ގައުމެކެވެ. އަދި ބައިނަލްއަގްވާމި ނިޒާމަށާއި ގާނޫނުތަކާއި ގަވައިދަށް ނުކިޔަމަންތެރި ގައުމެކެވެ. ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އަމަލުކުރުމަކީ މަޖުބޫރު ކަމެކެވެ.

މި ގަރާރު ފާސްކުރުމަށް އދ. އަށް ބާރު ލިބުނީ މިދިޔަ މަހު ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން އިސްރާއީލާ ދެކޮޅަށް ނެރުނު އިސްތިޝާރީ ރައުޔާ ގުޅިގެންނެވެ. މި ރައުޔުގައި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ބުނެފައިވަނީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި (ހުޅަނގު އައްސޭރިއާއި ޣައްޒާ) ސޫރިޔާގެ ގޯލާންގެ ބިންތަކާ އަދި އުރުދުންގެ ޣޫރުލް އުރުދުންގެ ބިންތައް އިސްރާއީލު ހިފައިގެން އޮންނަނީ އިސްތިއުމާރީ އުސޫލުން ޣައިރު ގާނޫނީ ގޮތެއްގައި ކަމަށެވެ. އަދި އެބިންތަކުން އެއްވެސް ޝަރުތެއްނެތި އިސްރާއީލު ފައިބަން ޖެހޭނެކަމުގައެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގެ ގާނޫނީ މި ރައުޔަކީ ބައިނަލްއަގްވާމީ މަހްފަލްތަކާއި ގާނޫނީ މުއައްސަސާތަކާއި އަދި އދ. ގެ ގުނަވަންތަކުގައި ގާނޫނީ ގޮތުން ވަރަށް ބާރުގަދަ އެއްޗެކެވެ. މިއާ ދެކޮޅު ހެދުމަކީ އަދި މިއާ ދެކޮޅު ހެދުމުގައި އިސްރާއީލަށް ވާގިވެރިވުމަކީ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމެވެ.

މިއަށް އަމަލުނުކޮށްފިނަމަ އަދި އަމަލު ނުކުރާ ފަރާތާ އަދި އެފަރާތަށް އެހީތެރިވާ ގައުމުތައްވެސް ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމެކެވެ. އެހެންކަމުން ބައިނަލްއަގްވާމީ ކޯޓުގެ ރައުޔާއި އޭގެ މައްޗަށް ބިނާކޮށް އދ. އިން ފާސްކުރި މި ގަރާރަކީ އެމެރިކާއާއި ޔޫރަޕް ފަދަ އިސްރާއީލުގެ އިސްތިއުމާރާއި ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކަށް ބައިނަލްއަގްވާމީ މަހުފަލްތަކުގައާއި ބައިނަލްއަގްވާމީ ގާނޫނީ ދާއިރާގައި ބޮޑު ބޮލުގެ ރިހުމަކަށް ވެގެންދާނެ އެއްޗެކެވެ.

އަރަބި އިސްލާމީ ގައުމުތަކުން ވަނީ އދ. ގެ މި ގަރާރަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައި މިއީ ތާރީޚީ ގަރާރެއްކަމަށް ސިފަކޮށްފައެވެ. ތާރީޚީ ގަރާރަކަށް ވަނީ ކުރީގެ ގަރާރުތަކާ މި ގަރާރު ޚިލާފު ވުމުންނާއި ބައިނަލްއަގްވާމީ ކޯޓުގެ ރައުޔުގެ މައްޗަށް ބިނާކޮށް ގާނޫނީ ބާރު ލިބިގެން މި ގަރާރު ފާސްކޮށްފައި ވުމުންނެވެ. އަދި މި ގަރާރަށް އދ. ގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި ގައުމުތަކުން ތާއީދުކޮށްފައި ވުންނެވެ.

ކުރީގެ ގަރާރުތަކުގައި އިސްރާއީލަށް ގޮވާލަނީ ފަލަސްތީނާއެކު ވެވޭ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން އިސްރާއީލަށް އަމާންކަން އޮންނަ ގޮތަށް މިބިން ތަކުން ފޭބުމަށެވެ. މިކަމަށް މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ނަމަވެސް އދ. އިން ފާސްކުރި މި ގަރާރު ބުނާގޮތުން ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އިސްރާއީލު ފައިބަންޖެހޭނީ އެއްވެސް ޝަރުތަކާ ނުލައެވެ. އަދި މިކަމަށް ދީފައިވާ މުއްދަތީ 12 މަސް ދުވަހެވެ. އިސްރާއީލާއި އެމެރިކާ ވަނީ މިގަރާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ރުޅި ގަދަވެ ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް