ޑޮކްޓަރެއް ހިމެނޭ ގޮތަށް، ޣައްޒާގައި އިސްރާއީލުގެ 4 ސިފައިން މަރާލައިފި

ޣައްޒާގައި އިއްޔެ މަރާލި އިސްރާއީލުގެ 4 ސިފައިން

ޓެލްއަވީވު (18 ސެޕްޓެމްބަރު 2024): ޣައްޒާގައި އިއްޔެ މަރާލި އިސްރާއީލުގެ ހަތަރު ސިފައިންނާ ބެހޭ މައުލޫމާތު، އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އިސްރާއީލު ސިފައިންގެ އަސްކަރީ މުރާސިލު ބުނިގޮތުގައި ހަމާސްގެ ހަމަލާތަކުގައި އިއްޔެ މަރުވި އިސްރާއީލު ހަތަރު ސިފައިންގެ ތެރޭގައި ހިމެނެނީ އަސްކަރީ އޮފިސަރަކާއި އާދައިގެ ސިފައިންގެ ދެ މީހުންނާއި ސިފައިންގެ މެޑިކަލް ޚިދުމަތުގައި އުޅޭ އަންހެން ޑޮކްޓަރެކެވެ.

އޭގެ އިތުރުން ފަސް ސިފައިން ޒަޚަމްވިކަމަށާއި ޒަޚަމްވި މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ދެރަކަމަށް މުރާސިލު ބުންޏެވެ. އިސްރާއީލު ސިފައިންގެ އަސްކަރީ މުރާސިލު ބުނިގޮތުގައި ހަމާސްއިން މި ހަތަރު ސިފައިން މަރާލައި ފަސް މީހުން ޒަޚަމްކޮށްލާފައިވަނީ ޣައްޒާގެ ހަލާކުވެފައިވާ އިމާރާތަކަށް އެމީހުން ވަދެތިއްބައި އެތަނަށް ވަރަށް އިންޓެންސިވްކޮށް ކުއްލި ހަމަލާތަކެއްދީގެންނެވެ.

މަރުވި ސިފައިންގެ ހަށިތަކާއި ޒަޚަމްވި ސިފައިން ގެންދިޔުމަށް އެސަރަހައްދަށް އައި އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރަށް ހަމާލާދޭންވެސް ހަމާސްއިން މަސައްކަތްކުރިއެވެ. ހެލިކޮޕްޓަރަށް ހަމަލާދެވޭގޮތްނުވީ އިސްރާއީލުގެ އަސްކަރީ ފައިޓާ ޖެޓްތައް އެވަގުތު އެސަރަހައްދަށް ފޮނުވައި ވަރަށް ތިރިން އެތަކެތި އުދުހި ދުން ބޮން އެޅުމާ ގުޅިގެންކަމަށް އިސްރާއީލުގެ އަސްކަރީ މުރާސިލު ބުނެފައިވެއެވެ.

ޣައްޒާއަށް ވަދެގަނެގެން އުޅޭ ޔަހޫދީ ސިފައިން މެރުމުގައި ފަލަސްތީނު މުޖާހިދުންގެ ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ހިމެނެނީ އެމީހުން ފިލަން ވަންނަ އިމާރާތްތަކަށް ހަމަލާދިނުމާއި ގޮވާތަކެތި ބޭނުންކޮށްގެން އެއިމާރާތްތައް ގޮއްވުމާއި ޣައްޒާގައި ދަތުރުކުރާ އިސްރާއީލުގެ ޓޭންކްތަކަށާއި އާމެޑް ވެހިކަލްތަކަށް ހަމަލާދިނުމެވެ.

މުޖާހިދުން މިގޮތަށް ދޭ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލު ސިފައިންގެ 714 މީހަކު މަރުވެ ފަސް ހާހަށް ވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާކަމަށް އިސްރާއީލު އެއްބަސްވެފައިވެއެވެ. ނަމަވެސް މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 10 ހާހަށްވުރެ މަތިވާނެކަމަށާއި ޒަޚަމްވި ސިފައިންގެ އަދަދު 25 ހާހަށްވުރެ މަތިވާނެކަމަށް މުހައްލިލުންނާއި ތަޖުރިބާކާރުން ލަފާ ކުރައްވައެވެ.

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 14 ހާސް އިމާރާތެއްގައި ހަމާސްއިން ސިއްރިޔާތުގައި ގޮވާތަކެތި ހަރުކޮށްފައިވާކަމަށް އިސްރާއީލު ސިފައިން ލަފާކޮށްފައިވެއެވެ. ޣައްޒާގައި އިސްރާއީލު ސިފައިން ވަންނަ ގިނަ އިމާރާތްތައް ވަރަށް އަވަހަށް ގޮއްވާލައެވެ. މިކަމުގެ ސަބަބުން އިސްރާއީލު ސިފައިންގެ މީހަކު މަރުނުވާ ދުވަހެއް ވަރަށް މަދުން ނޫނީ ނުދެއެވެ.

އިސްރާއީލުން އިއްޔެވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް ތިން ތަނެއްގައި ގަތުލުއާންމު ހިންގާފައިވެއެވެ. އެއީ ރަފްހުގައި ހިންގި ދެ ގަތުލުއާންމާއި ޣައްޒާގެ މެދުތެރޭގައިވާ ނުސައިރާތުގައި ހިންގި ގަތުލުއާންމެކެވެ. މި ތިން ގަތުލުއާންމުގައި 32 މީހުން ޝަހީދުކޮށް 60 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.

އިސްރާއީލުން އިއްޔެވަނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން އަސްކަރީ ކޮމިއުނިކޭޝަންތަކަށް ބޭނުންކުރާ ޕޭޖަރުތަކެއް ގޮއްވާލައިގެން އެޖަމާއަތުގެ ތިން ހާހެއްހާ މީހުން ޒަޚަމްކޮށްލުމުގެ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. ޕޭޖަރުތައް ގޮއްވާލުމުގެ ސަބަބުން ނުވަ މީހަކު މަރުވެސް ވެފައިވެއެވެ. އޭގެތެރޭގައި ތުއްތު އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

ގޮއްވާލާފައިވަނީ ދާދިފަހުން ހިޒްބުﷲ އިން ގަތް ޕޭޖަރުތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން އަލަށް ގަތް ޕޭޖަރުތައް ގެނައުމުގެ ތެރޭގައި އިސްރާއީލުގެ ޖާސޫސުންވަނީ އެޝިޕްމަންޓް ފޮނުވި ފަރާތާ ގުޅިގެން އޭގައި ގޮވާ ވައްތަރުގެ ޑިވައިސްއެއް ހަރުކޮށްފައެވެ. އެ ޑިވައިސް ގޮއްވާލަނީ އެއަށް ރޭޑިއޯ ވޭވްތަކެއް ފޮނުވައި އެޑިވައިސް ހޫނުކޮށްގެންނެވެ. މިކަން އިސްރާއީލުވަނީ ކާމިޔާބުކަމާއެކު ކޮށްފައެވެ. އަސްކަރީ ކޮމިއުނިކޭޝަންތަކުގައި ޕޭޖަރު ބޭނުންކުރަނީ އެއީ ސެޓަލައިޓާ ނުލައި ބޭނުންކުރާ އެއްޗަކަށްވާތީ ލޮކޭޝަން ދެނެނުގަނެވޭނެތީއެވެ.

މޯބައިލް ފޯނު އަސްކަރީ ކޮމިއުނިކޭޝަންތަކުގައި ބޭނުމެއް ނުކުރެއެވެ. ހިޒްބުﷲ އިންވަނީ މިއީ މޭޖަރ ސެކިއުރިޓީ ބްރީޗް އެއްކަމަށް އެއްބަސްވެފައެވެ. ނަމަވެސް މިކަމުގެ ބަދަލު އިސްރާއީލުގެ ކިބައިން ހިފާނެކަމުގެ އިންޒާރު އެޖަމާއަތުންވަނީ ދީފައެވެ.

comment ކޮމެންޓް