އިމިގްރޭޝަން އޮފިސަރެއް ކަމަށް ބުނެ ފޭރުނު މީހާގެ ބަންދަށް 10 ދުވަސް

އޮޅުވައިލައިގެން ބިދޭސީއެއް އަތުން ފޭރުނުކަމަށް ތުހުމަތުކުރާ މީހާ --

އިމިގްރޭޝަންގެ އޮފިސަރެއްކަމަށް ބުނެ އޮޅުވައިލައިގެން ބިދޭސީއަކު ދިރިއުޅޭ ތަނަކަށް ވަދެ، ބިދޭސީއެއްގެ އަތުން 9،000 ރުފިޔާ ފޭރިގަތް މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ، މާލެ، ގ. ބެރުގެއަށް އުފަން އުމުރުން 44އަހަރުގެ މުހައްމަދު ނަވީން އިތުރު ބަޔަކާ ބައިވެރިވެގެން އިމިގްރޭޝަން މީހެއްކަމަށް ބުނެ ޝަޚްސު އޮޅުވައިލައިގެން ބިދޭސީން އަތުން ފޭރިފައިވާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝް ރައްޔިތަކު ދިރިއުޅޭ ތަނަކަށް ވަދެ އޭނާގެ ފޯނާއި ފައިސާތަކެއް ފޭރިގެންފައި ވާކަމަށާއި ނަވީން ފޭރުނު ފައިސާ އަދި ހޯދިފައި ނުވާކަމަށް އަމުރުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، އޭނާ ބިދޭސީންގެ އަތުން ފޭރިފައި ވަނީ ފޯނެއްގެ އިތުރުން 9،000 ރުފިޔާ ކަމަށެވެ.

މުއްދަތުގެ މަޖިލީހުގައި ނަވީން ބުނީ، އޭނާއަކީ މާލޭގައި އަމިއްލަ މަސައްކަތެއް ކުރާ މީހެއްކަމަށެވެ. މިކަމަށް ހުސްބިމެއް އޮންނަ އިރު، އޭނާ މަސައްކަތް ކުރަނީ ރައްޓެހިން މަސައްކަތަށް ނަގައިގެން ކަމަށް ބުނެފައި ވެއެވެ.

ނަވީން ބުނީ، މަސައްކަތަށް ނެގި މީހުންނާ ވާހަކަދެއްކުމަށްފަހު އޭނާ މަސައްކަތްކުރާ ތަނުގެ ބޭރުގައި ހުއްޓިގެން ހުރީ ކަމަށާއި އެހެން ހުއްޓައި އެތަނަށް ބަޔަކު ވަނުމަށްފަހު ނުކުމެ ދުއްވައިގަންނަކަމަށެވެ. އެމީހުން ދުއްވައިގަތުމުން ނަވީން ވެސް ހިނގާފައި ދާމަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއަށްފަހު ފުލުހުން އޭނާ ގޭގައި ހުއްޓާ ވަކި ބަޔަކު ދަންނަންތޯ ސުވާލުކުރުމުން އެމީހުން ދަންނަކަމަށް ބުނިކަމަށާއި އެމީހުން ހޯދަން އެހީތެރިވެދޭނެ ކަމަށް ވެސް ބުނި ކަމަށް ނަވީން ވަނީ ބުނެފައެވެ.

ސީސީޓީވީ ފުޓޭޖާ ހަވާލާދީ މުއްދަތުގެ މަޖިލީހުގައި ފުލުހުންބުނީ، ހާދިސާ ހިނގި ސަރަހައްދުން ނަވީން ނުކުމެގެންދާ މަންޒަރު ފެންނަ ކަމަށާއި ޝަޚްސު އޮޅުވައިލައިގެން ފޭރުމުގައި އޭނާ ބައިވެރިވާ ކަމަށެވެ. އަދި އެއަށްފަހު އޭނާ ފިލަންއުޅޭ މަންޒަރު ވެސް ފުޓޭޖުން ފެންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީނާ ހައްޔަރުކުރީ ރޭގަނޑުގެ ވަގުތެއްގައެވެ. އަދި މީނައަކީ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެއްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މި މައްސަލައިގައި މީނާއާ ދެކޮޅަށް ހެކީގެ ގޮތުގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ސީސީޓީވީ ފުޓޭޖް ހުށަހަޅައިފައެވެ.

މިކަމުގައި އިތުރު ބަޔަކު ޝާމިލުވާކަމަށް ތުހުމަތު ކުރި ނަމަވެސް، މިހާތަނަށް އިތުރު ބަޔަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް