57 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

މަރުވެފައި އޮއްވައި ފެނުނު މީހާ ހޮސްޕިޓަލަށް ގެންދަނީ: ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ 57 އަހަރުގެ ދިވެއްސެއް ކަމަށް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކު މާލޭގައި ގެއެއްގެ ތެރޭ މަރުވެފައި އޮއްވައި ރޭ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 23:33 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ މ. ނަލަހިޔާ މަންޒިލް، އަހުމަދު ފަޔާޒް (57)އެވެ.

މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށާއި އަދި މި ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް ވެސް މިހާތަނަށް ބެލިބެލުމަށް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އީވް ކްލިނިކް ކައިރީ ރޭ އެމްބިއުލާންސް: މަރުވީ 57 އަހަރުގެ ދިވެއްސެއް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މާފަންނުގައި ހުރި ގެއެއްގައި ތިންވަނަ ފަންގަފިލާގެ ކޮޓަރިއަކުން ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެއީ ކޮން ގެއެއް ކަމެއް ސީދާ ނުބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގަޑިބުރު ކައިރީގައި ހުންނަ އީވް ކްލިނިކާ ޖެހިގެން ހުރި ގެއެއްގައެވެ.

comment ކޮމެންޓް