ތިންވަނަ މިނެޓުގައި ލަނޑެއް ޖެހީމާ ވެސް މިލާން ބަލިކުރަން ލިވަޕޫލަށް އުނދަގުލެއް ނުވި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ފަހަތުން އަރައި އިޓާލިއަން ސެރީއާގެ އޭސީ މިލާންގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.

މިލާނުން މި މެޗު ފެށީ ވަރަށް ފޯރީގައެވެ. މިލާނުން ދިޔައީ ފުލުފުލުގައި ލިވަޕޫލުގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެހެންވެ، ލިވަޕޫލުން ހަމަޖެހިނުލައި އުޅެނިކޮށް ތިންވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ވަނީ މިލާނަށް ލީޑު ނަގައިދީފައެވެ.

އެކަމަކު، ލިވަޕޫލުން މެޗުގެ ތެރެއަށް ވަދެ ހަމަލާތައް އުފައްދަން ފެށުމާ އެކު މިލާން ހާސްކަމުގެ ތެރެއަށް ވައްޓާލިއެވެ. ހާސްކަމުގެ ތެރޭ މިލާންގެ ޑިފެންސަށް ގޯސް ހެދި، ނުރައްކާތެރި ހިސާބުތަކުން ފައުލްތައް ކުރަމުން ދަނިކޮށް މެޗުގެ 23 ވަނަ މިނެޓުގައި ލިވަޕޫލުން މެޗު އެއްވަރުކުރީ ހިލޭ ޖެހުމަކުންނެވެ. އެ ލަނޑު ޖަހައިދިނީ އިބްރާހީމާ ކޮނާޓޭއެވެ.

ލަނޑާ އެކު ލިވަޕޫލުން ފުލުފުލުގައި މިލާންގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. މުޙައްމަދު ސަލާހް ފޮނުވައިލި ދެ ހަމަލާއެއް ވެސް ދަނޑީގައި ޖެހިފައި ސަލާމަތްވިއެވެ.

މެޗު ލިވަޕޫލް ކޮޅަށް އަނބުރާލަދިނީ 41 ވަނަ މިނެޓުގައި ކެޕްޓަން ވާޖިލް ވެންޑައިކެވެ. އެއަށް ފަހު، މެޗުގެ 67 ވަނަ މިނެޓުގައި ޑޮމިނިކް ސަބޯޒްލާއި ވަނީ ލިވަޕޫލަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅަށް ފަހު، ލިވަޕޫލުން ދެން ބައްދަލުކުރާނީ ވެސް އިޓަލީ ލީގުގެ ބޮލޯނިއާއާެވެ. އެ މެޗު ކުޅޭނީ ލިވަޕޫލްގެ ދަނޑުގައެވެ. މިލާނުން ދެން ނުކުންނާނީ ރަށުން ބޭރުގައި ޖަރުމަނު ލީގުގެ ބަޔާ ލެވަކޫސެންއާ ދެކޮޅަށެވެ.

މީގެ އިތުރުން، ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާއި ފްރެންޒް ލީގު އާންގެ ލީލް ބައްދަލުކުރި މެޗު 2-0 ކާމިޔާބުކުރީ ސްޕޯޓިންއެވެ.

ސްޕޯޓިން ދެން ކުޅޭ މެޗުގައި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދުހޯވެންއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ލީލް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑާއެވެ.

comment ކޮމެންޓް