ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޖަރުމަނު ބުންޑެސްލީގާގެ ވީއެފްބީ ސްޓުޓްގާޓް ބަލިކޮށް، މި ސީޒަންގެ ފެށުން ރަނގަޅުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމަށް ވެސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ޚާއްސަކޮށް 10 ވަނަ މިނެޓުގައި ސްޓުޓްގާޓްގެ އެންޒޯ މިލޮޓަށް ލިބުނު ފުރުސަތު ފާހަގަވިއެވެ.
ދެވަނަ ހާފު ފެށިތާ 20 ވަނަ ސިކުންތުގައި ރެއާލުން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ. އެކަމަކު، ސްޓުޓްގާޓުން ވަނީ 68 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ރެއާލް ސިއްސުވާލައިފައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އުންޑާވެ.
މެޗު އެއްވަރުވާން ދަނިކޮށް، މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ރެއާލް މޮޅުކޮށްދިނީ އެންޓޯނިއޯ ރުޑިގާ ޖަހައިދިން ލަނޑުންނެވެ. މެޗުގައި ރެއާލްގެ ފަހު ލަނޑު، އިތުރު ވަގުތުގައި ޖަހައިދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ފޯވާޑް އެންޑްރިކެވެ.
މި ލަނޑާ އެކު އުމުރުން 18 އަހަރާއި 58 ދުވަހުގެ އެންޑްރިކް ވެފައިވަނީ ޔުއޭފާ ޗެމްޕިއަން ލީގުގައި ރެއާލަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރިކޯޑް އޮތީ 1995 ވަނަ އަހަރު 18 އަހަރާއި 113 ދުވަހުގައި ލަނޑު ޖަހައިދިން ރެއާލްގެ ކުރީގެ ފޯވަޑް ރައުލް ގޮންޒާލޭސް އަތުގައެވެ. އެންޑްރިކަކީ 21 ވަނަ ގަރުނުގައި ލަލީގާގައި ވެސް ރެއާލަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއެވެ.
ރެއާލުން ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ފެށުން ރަނގަޅުކުރިއިރު ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފްރެންޗް ލީގު އާންގެ ލީލްއާއެވެ. އަދި، ސްޓުޓްގާޓް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޗެކް ފަސްޓް ލީގުގެ ސްޕާޓާ ޕްރާގާއެވެ.