ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ، ޔޫޓިއުބަށް ވެސް ޕްރޮޕޯސަލެއް ހުށަހަޅަނީ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ؛ ޔޫޓިއުބަށް ވެސް ޕްރޮޕޯޒަލްއެއް ހުށަހަޅަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕޭޕަލް ތައާރަފްކުރުމަށް ފުލް ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާކަން މިދިޔަ މަހު 31ގައި އިއުލާނުކުރިއެވެ.

https://sun.mv/196222

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ޕޭޕާލްއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ މަޝްވަރާގެ ތެރެއިން ރާއްޖޭގެ ކްރޮސްބޯޑާ ޓްރާންސެކްޝަންއަށް ޕޭޕަލްއިން ބޭނުންވެގެން ހޯދަން އެދުނު މުހިންމު މައުލޫމާތުތައް ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ޓާގެޓްކުރާ ޝެޑިއުލްގައި އެބަ ދޭ. ލަފާކުރެވެނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޕޭޕަލްއާއެކު ކްރޮސްބޯޑާ ޓްރާންސެކްޝަންއެއް އަޅުގަނޑުމެނަށް ފެއްޓޭނެ ކަމަށް

މީގެއިތުރުން، ދިވެހިންނަށް ޔޫޓިއުބްގެ އެކައުންޓު ހުޅުވުނަސް، ޔޫޓިއުބުން ފައިސާ ހޯދުމުގެ ދަތިތަކެއް އެބަ ހުރި ކަމަށާއި ޔޫޓިއުބާއެކު މިމަހުގެ 19ގައި ދެވަނަ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި މިނިސްޓްރީގެ ބޭފުޅުން ---- ފޮޓޯ/ ރައީސް އޮފީސް

އިތުރަށް މިނިސްޓަރު ވިދާޅުވީ، އެ މަޝްވަރާގެ ތެރެއިން ޔޫޓިއުބަށް ޕްރޮޕޯސަލްއެއް ހުށަހަޅާނެ ކަމަށާއި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް އަމާޒުކޮށްގެން ކްރިއޭޓިވް އިކޮނޮމީ ފަންޑެއް މިރޭ ތައާރަފުކުރާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް، ކްރިއޭޓިވް އިކޮނޮމީގައި އިތުރު ދާއިރާތަކަށް އިގްތިޞާދު ފުޅާކުރުން ކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން، ކްރިއޭޓިވް އިކޮނޮމީގެ ފަސް އަހަރުގެ ސްޓްރެޓެޖީއެއް ލޯންޗު ކުރާނެ ކަމަށާއި އެ ޕްލޭންގެ ތެރޭގައި ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން 78 ވައުދެއް ހިމެނޭނެ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.

https://www.sun.mv/196847

ފާހަގަކޮށްލެވޭ ގޮތުގައި، ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ޕޭޕަލްއަކީ އޮންލައިން ފައިސާ ޓްރާންސްފާތައް ބަލައިގަންނަ، ގިނަ ޤައުމުތަކުގައި އޮންލައިން ޕޭމަންޓް ނިޒާމެއް ހިންގާ އެމެރިކާގެ ބައިނަލްއަޤްވާމީ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ. މިއީ ޗެކްތަކާއި މަނީ އޯޑަރުތައް ފަދަ އާންމު ކަރުދާސް އުސޫލުތަކުގެ ބަދަލުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ވަސީލަތެކެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ނުލިބޭތީ އެ ކަމާ ގިނަ ޒުވާނުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ކަންބޮޑުވުން އަބަދު ވެސް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ވެސް ބުނެއެވެ.

comment ކޮމެންޓް