ކްރިއޭޓިވް އިކޮނޮމިކް ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފުތިތާހުކޮށްފި

ކްރިއޭޓިވް އިކޮނޮމީ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

ފަސް އަހަރުގެ ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓަޖީ ޕްލޭން މިރޭ އިފުތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

އެގޮތުން، މިއަހަރުން ފެށިގެން 2028ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލި މި ޕްލޭނަކީ ފަންނުވެރިންގެ ބޭނުންތައް ހިމަނައިގެން އުފައްދާފައިވާ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން ކުރާނެ ބައެއް ކަންތައް:

  • ފައިނޭންޝަލް ސަޕޯޓާއި އިންވެސްޓުމަންޓުތައް ފުޅާކުރުން
  • ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިރާތައް ކުރިއެރުވުން
  • ހުރިހާ އުފެއްދުންތައް ރައްކާތެރިކުރުން
  • އުފެއްދުންތަކަށް މާކެޓުތައް އިތުރުކުރުން
  • ހުނަރުވެރިކަމާއި އުނގެނުމަށް އިންވެސްޓްކުރުން
  • ފަންނުވެރިން މަސައްކަތް ކުރުމަށް ވޯކް ސްޕޭސްތައް ގާއިމުކުރުން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމިކް ސްޓެރެޓިކް ޕްލޭނަކީ ގިނަ ޒަމާންތަކެއް ވަންދެން ތަފާތު ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ޚާއްސަކޮށް ޒުވާން ފަރާތްތަކަށް އުންމީދުން ފުރިގެންވާ ޕްލޭނަކަށް ވެގެން ދާނެ ކަމަށެވެ.

ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު: ކްރިއޭޓިވް އިކޮނޮމީ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި --- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، ކްރިއޭޓިވް އިކޮނޮމީ ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއް ފަރާތަކީ މިނިސްޓަރު ސައީދުކަމަށް ޒިޔާއު ވިދާޅުވިއެވެ.

ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބީސީސީން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން ފާހަގަކުރައްވައި މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޒިޔާއު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭގެއިތުރުން، މިރޭ ވަނީ އަންހެނުން ވިޔަފާރި ފަށައިގަތުމަށް 100 މިލިއަން ރުފިޔާ ލިބޭ ގޮތަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު ވެސް އިފުތިތާހުކޮށްފައެވެ.

https://sun.mv/196854

އެ ފަންޑަށްއެދި ހުށަހެޅުމަށް އަންނަ މަހުގެ 10ވަނަ ދުވަހު ހުޅުވައިލާއިރު، މި ފަންޑުގެ ތެރެއިން ކޮންމެ ފަރާތަކަށް ބައިލައްކަ ރުފިޔާއާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ނެގުމަށް ހުށަހެޅޭނެއެވެ.

comment ކޮމެންޓް