ރާއްޖޭގައި ތަކެތި އުފައްދައިގެން އޮންލައިކޮށް ވިޔަފާރިކުރާ 400އަށް ވުރެ ގިނަ ވިޔަފާރިވެރިން އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހެދި އިންވެންޓްރީއަކުން ހާމަވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ސައީދު ރޭ އެފަދައިން ވިދާޅުވީ، އިކޮނޮމިކް ސްޓެރެޓެޖިކް އެކްޝަން ޕްލޭނާއި އިކޮނޮމީ ފަންޑު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގައި އޮންލައިކޮށް ވިޔަފާރި ކުރަނީ ކިހާ ފަންނުވެރިނެެއްތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ކުޑަ އިންވެންޓްރީއެއް ހެދި ކަމަށެވެ.
މިގޮތުން އަޅުގަނޑުމެން އިންވެންޓްރީއެެއް ނެގިއިރު، 400އަށް ވުރެ ގިނަ އަދަދެއްގެ އެކްޓިވްލީ ތަކެތި އުފައްދައިގެން އޮންލައިކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރާ އަންހެން ބޭފުޅުން، ފިރިހެން ބޭފުޅުން އެބަތިބި
މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކޮންމެ ހަފުތާއަކު ވެސް ވަކި ވަރަކަށް ވިޔަފާރިވެރިންނަށް ޒިޔާރަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، މިހާ ހިސާބަށް ބައްދަލު ކުރެވުނު ވިޔަފާރިވެރިންގެ ތެރޭގައި ހަމުގެ ފަރުވާކުރާ ޕްރޮޑަކްޓުތައް އުފައްދާ ފަރާތްތަކާއި އޮސްޓްރޭލިއާގެ ލެބަކުން ރިސާޗްކޮށްގެން ރާއްޖޭގެ މޫސުމަށް ސަންޓޭން ލޯޝަން އުފައްދާ ފަރާތްތައް ހިމެނޭކަން ސައީދު ފާހަގަކުރައްވާފައިވެއެވެ.
ކުރެހުންތައް ހިމެނޭ ގޮތަށް ތުއްތު ކުދިންނަށް ކިޔަވާދޭ ފޮތްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އުފައްދާ ޒުވާނުންނާ ދިމާވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޭގެއިތުރުން، އެމޭޒަންގައި ދިވެހި އުފެއްދުންތަކަށް ޖާގަ ހޯދުމަށް ވާހަކަދެއްކުމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.