ޣައްޒާ (17 ސެޕްޓެމްބަރު 2024): ފަލަސްތީނު މިނިވަންކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ފަނާކުރަނިވި ދިގުލީ ހަނގުރާމައަކަށް ދިޔުން ނޫން އެހެން ގޮތެއް ނެތް ކަމަށް ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހްޔާ އައްސިންވާރު ވިދާޅުވެއްޖެއެވެ.
އަރަބި ތިން ވެރިއަކަށް ފޮނުއްވި ސިޓީފުޅެއްގައި ސިންވާރު ވިދާޅުވީ، އާންމު ގޮތެއްގައި ގައުމުތަކުން އިސްތިއުމާރާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ހަނގުރާމައަކީ ފަނާކުރަނިވި ދިގުލީ ހަނގުރާމައެއް ކަމަށާއި އަނިޔާވެރި އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން ގިނަ ގައުމުތަކަށް މިނިވަންކަން ލިބިފައިވަނީ ދިގުލީ ހަނގުރާމައެއްކޮށްގެން ކަމުގައެވެ.
ފަލަސްތީނުން އިސްރާއީލާ ދެކޮޅަށް ކުރަނީ ވެސް މިފަދަ މިނިވަންކަމުގެ ހަނގުރާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސިންވާރު ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރުން ފަލަސްތީނު މިނިވަން ކުރުމަށްޓަކައި ދިގުލީ ހަނގުރާމައަކަށް ދާން ހަމާސްގެ އިތުރުން މުޖާހިދުންގެ ހުރިހާ ޖަމާއަތްތައް ވެސް ތިބީ ތައްޔާރަށް ކަމަށެވެ.
މިކަމުގެ އަގު ކިތަންމެ ބޮޑު ނަމަވެސް އަދި އެތައް ލައްކައަކުން އާންމުން މަރުވި ނަމަވެސް އިސްރާއީލުގެ އަޅުވެތިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންވެވޭނީ ދިގުލީ ހަނގުރާމައެއް ކޮށްގެން ފަލަސްތީނުން ފައިބަން ޔަހޫދީންނަށް މަޖުބޫރުކޮށްގެން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށް ސިންވާރު ވިދާޅުވިއެވެ.
ސިންވާރު މިހެން ވިދާޅުވެފައިވަނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ޝައިޚް ހަސަން ނަސްރުﷲ އަށާއި ޔަމަންގެ ހޫޘީ ޖަމާއަތުގެ ޒައީމް އަބްދުލްމަލިކް ބަދްރުއްދީން އަލްހޫޘީއަށާއި އަދި އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫނަށް ފޮނުއްވި ސިޓީތަކުގައެވެ.
އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ޣައްޒާގެ އާންމުން ދިރިއުޅޭ ފޭލިގެތަކަށް ހަމަލާދީ 50 އާއި 60 އާ ދެމެދު އަދަދެއްގެ މީހުން ޝަހީދުކޮށްލައެވެ. މިކަމުގެ އެއް މަގުސަދަކީ މިނިވަންކަމުގެ ޖިހާދު ހުއްޓާލުމަށް ފަހު އިސްރާއީލަށް އަމާންދޭން މުޖާހިދުންނަށް މަޖުބޫރުކުރުން ކަމަށާއި އަނެއް މަގުސަދަކީ ޣައްޒާއިން ޣައްޒާގެ އާންމުން ބޭރުކޮށްލުމެވެ. ތިންވަނަ މަގުސަދަކީ އިސްރާއީލުން ބޮންއަޅައި މަރާނެކަމުގެ ބިރަށް ޣައްޒާ ދޫކޮށް ދާން ޣައްޒާގެ އާންމުންނަށް މަޖުބޫރު ކުރުންކަމަށް މުޖާހިދުން ބުނެއެވެ.
އިސްރާއީލުން ޣައްޒާގެ 41،000 އަށް ވުރެ ގިނަ އާންމުން މަރާލިއިރު ވެސް ޣައްޒާ ދޫކޮށް އެ ތަނުގެ އާންމުން ނުދެއެވެ. މަރުވާން ވެސް އެ މީހުން ތިބެނީ އެ މީހުންގެ ބިމުގައެވެ. ޣައްޒާގެ އާންމުންނަށް ހަމަލާދީ މީހުން މެރުމުގައި އިސްރާއީލުގެ ހަތަރުވަނަ މަގުސަދަކީ ޣައްޒާގެ އާންމުން މަރައިގެންނާއި ޒަޚަމުކޮށްގެން އެ މީހުންގެ ނަސްލު ނައްތާލުންކަމަށް މުޖާހިދުން ދެކެއެވެ.
މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުންގެ ވެސް ޝިއާރަކީ މިނިވަންކަން ހޯދުން ނޫނީ މިނިވަންކަމަށް މަސައްކަތްކޮށް ޝަހީދު ވެގެންދިޔުން މި ޝިއާރެވެ.
އެމެރިކާއާއި ޔޫރަޕުން އިސްރާއީލަށް ހަތިޔާރު އޮއްސަމުންދިޔަ ނަމަވެސް އަދި އިސްރާއީލުގެ ޓެރަރިޒަމަށާއި އިސްތިއުމާރީ ހަރަކާތްތަކަށް ހުޅަނގުން ވާގިވެރިވެ ބައިނަލްއަގުވާމީ މަހްފަލްތަކުގައި އިސްރާއީލުގެ ޖަރީމާތަކާއި އިންސާނީ ހައްގުތަކާއި ޚިލާފު އަމަލުތައް ދިފާއުކުރަމުން ގެންދިޔަނަމަވެސް މުޖާހިދުން ބަލިކުރުމުގައާއި ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތައް ހުއްޓުވުމުގައި އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ.
ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ ރޫހާއި އަޒުމު ގުޑުވާލުމުގައި ވެސް އިސްރާއީލުން ވަނީ ނާކާމިޔާބުވެފައެވެ. މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގައިވަނީ އަމާންކަން އެއްކޮށް ގެއްލިފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ ޔަހޫދީން ވަނީ އެ މީހުން ހިޖުރަކޮށްގެން އުޅޭ ފަލަސްތީނުގެ ބިން ދޫކޮށް އެ މީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރި ދާން ފަށާފައެވެ.
ފަލަސްތީނު މިނިވަންކުރުމަށް މުޖާހިދުން ގެންގުޅޭ މައިގަނޑު ސްޓްރެޓެޖީއަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އިސްރާއީލަށް އަމާންކަމުގައި ނޯވެވުން މި ސްޓްރެޓެޖީއެވެ.