ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 7ގައި

މިއަދު ބޭއްވި ދައުރުން ބޭރު ތިންވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ތިންވަނަ ދައުރު އޮކްޓޯބަރު 7 ގައި ބާއްވާނެކަން އިއުލާނުކުރައްވާފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރައްވައިފިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް, މި އަހަރުގެ މެއި 28 ގައި ހުވާކުރުމަށްފަހު، ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލައި ޗުއްޓީއަށް ގޮސްފައި ވަނީ އޮގަސްޓު 22 ގައެވެ.

އޭގެ ފަހުން ދައުރުން ބޭރުން މިދިޔަ ހަފުތާގެ ބުދަ ދުވަހާއި، އިއްޔެ އަދި މިއަދު ވަނީ ތިން ޖަލްސާއެއް ބާއްވާފައެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ ތިންވަނަ ދައުރު ފެށޭނެ ދުވަސް އިއުލާނުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ތިންވަނަ ނަންބަރު އަދި އެ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން އަޅުގަނޑު ގަސްތުކުރަނީ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހަތެއް އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހު ބޭއްވުމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މިއަދު ބޭއްވި ދައުރުން ބޭރު ތިންވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށެވެ. އެގޮތުން އެ ޕާޓީގައި 75 މެންބަރުން ތިއްބަވައެވެ. މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް އިދިކޮޅު އެމްޑީޕީގައި ތިއްބަވަނީ 12 މެންބަރުންނެވެ.

ދެން އެމްޑީއޭގައި ދެ މެންބަރުންނާއި އަމިއްލަ ގޮތުން ދެ މެންބަރުން ތިއްބަވާއިރު، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގައި ކޮންމެ ޕާޓީއަކުން އެއް މެންބަރަކު ވިހިވަނަ މަޖިލީހުގައި ތިއްބަވައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު އެ ދައުރުގައި 82.9 ޕަސެންޓު މަސައްކަތްތައް ވަނީ ނިންމާފައެވެ.

އެއަށްފަހު ދައުރުން ބޭރުން ތިން ޖަލްސާ ބާއްވާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށާއި، ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކުރުމަށް ޓަކައެވެ.

އަދި މިއަދު ބޭއްވި ދައުރުން ބޭރު ތިންވަނަ ޖަލްސާގައި އެ މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް