ޕީޖީ ކަމަށް އައްބާސް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އައްބާސް އިންޓަވިއުކުރުމުގެ ތެރެއިން: މިއަދު މަޖިލީހުން ވަނީ އޭނާ ޕީޖީކަމަށް އައްޔަނުކުރަން ރުހުން ދީފައި -- ފޮޓޯ/ މަޖިލިސް

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވާ، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް ޢައްބާސް ޝަރީފް، އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ދައުރުން ބޭރުން އާ ޕީޖީއަކު އައްޔަންކުރަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅު އިއްވެވިއިރު، ރައީސް ހުށަހެޅުއްވާފައިވަނީ އައްބާސްގެ ނަންފުޅު އެކަންޏެވެ. އެ ރޭ ޖަލްސާގައި ވަނީ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައެވެ.

އެއާ އެކު އިއްޔެ ޖުޑިޝަރީ ކޮމިޓީއަށް އައްބާސް ހާޒިރުކޮށް މެންބަރުން ވަނީ އިންޓަވިއުކޮށްފައެވެ. އިންޓަވިއުއަށް ފަހު، ކޮމިޓީ މެންބަރުންގެ އިއްތިފާގުން، އައްބާސް އެ މަގާމަށް އައްޔަނުކުރުމަށް ވަނީ ފާސްކޮށްފައެވެ.

އައްބާސްއަށް ރުހުން ދިނުމަށްޓަކައި މިއަދު ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި ނެގި ވޯޓުގައި 85 މެންބަރުން ވޯޓުދެއްވީ އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ކުރީގެ ޕީޖީ ހުސައިން ޝަމީމް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީޖީގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މާގާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ޝަމީމް ވަކިކުރަން މި މަހުގެ 22ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވިއެވެ.

މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި 65 ވޯޓުން ޝަމީމް އެ މަގާމުން ވަކިކުރަން ފާސްކުރިއެވެ.

ޝަމީމް ވަކިކުރުމާ އެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ.

އިއްޔެ އިގްތިސޯދީ ކޮމިޓީގައި މެންބަރުން އައްބާސްއާ އިންޓަވިއުކުރައްވަނީ -- ފޮޓޯ/ މަޖިލިސް

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން އައްބާސް ވަނީ ޕީޖީކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ އެދިވަޑައިގަތުމަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ މަގާމަށް އައްޔަންކުރައްވައިފިނަމަ މޫނަކަށް ބެލުމެއް ނެތި މައްސަލަތައް ބައްލަވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.

އަދި ކުޑަކުދިންގެ ކުށުގެ ޒިންމާ ބެލެނިވެރިން ނަގަންޖެހޭ މިންވަރަށް ގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް ވިދާޅުވީ، ޕީޖީކަމަށް ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. އަދި، މަސައްކަތްކުރައްވާނީ ނަޒާހަތްތެރިކަމާ އެކު ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ޕީޖީކަމަށް އައްޔަންވެއްޖެނަމަ ހައްލު ނުލިބި ހުރި ކަންކަމަށް ޚާއްސަ އުސޫލުތައް ލިޔެ، އާންމުކޮށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި، ހާމަކަން ބޮޑުކޮށް، އެއްވެސް މީހެއްގެ "މޫނަށް ނުބަލާނެ" ކަމަށް ވިދާޅުވިއެވެ.

އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެއާއެކު 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އަދާކުރެއްވިއެވެ. އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް