ބަންކަރިންގެ ޚިދުމަތް ފެށުމަށްފަހު، އެންމެ ފުރަތަމަ ޚިދުމަތް ދޭނީ އެމްއެސްއެސްގެ އުޅަނދަކަށް

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ދޭން ބޭނުންކުރާ "މެރިން ބެލާ"

އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށާއިރު، އެންމެ ފުރަތަމަ ޚިދުމަތް ދޭނީ، އެމްއެސްއެސްގެ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދަކަށް ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ، މީގެ ކުރިން މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން ކަމަށެވެ.

"ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ޤާބިލުކަން ހުންނަކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު، އެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި އެމްޕީއެލްއެވެ.

އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ޚިދުމަތްދޭއިރު، އެމްޕީއެލުން ޚިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގައެވެ. ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އެމްޕީއެލުން ބޯޓުތަަށް 14 ޚިދުމަތެއް ދޭނެއެވެ. އޭގެ ތޭރޭގައި ހިމެނެނީ:

  • ޕައިލޮޓޭޖްގެ ޚިދުމަތް
  • ކްރޫ ޗޭންޖު
  • ޝިޕް ޓު ޝިޕް ސާވިސް
  • ސާފު ބޯފެނުގެ ޚިދުމަތް
  • ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް
  • އަޑީތެޔޮ ފޯރުކޮށްދިނުން
  • ޔޮޓުފަހަރުތަކަށް ޑޮކުގެ ޚިދުމަތް
  • މެއިންޓަނެންސްގެ ޚިދުމަތް
  • އަންޑަވޯޓާ ސާވިސް
  • ޓަގުގެ ޚިދުމަތް
  • އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުން
  • ބޯޓުގައި އުފެދޭ ކުނިތައް ނައްތާލުމުގެ ޚިދުމަތް

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ދޭން ދެ ބޯޓެއް ބޭނުންކުރާނެއެވެ. އެއީ، "މެރިން އޭޖަލް" އަދި "މެރިން ބެލާ" ކިޔާ ދެ ބޯޓެކެވެ. ދެ ބޯޓު ވެސް މިހާރު އޮތީ އިހަވަންދިއްޕޮޅުގައެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13ވަނަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް