އަންނަ ހަފުތާގައި ފިޔާގެ އަގުތައް ތިރިވާނެ: ހީނާ

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

މިވަގުތު ބާޒާރުގައި ފިޔާގެ އަގުތައް ހުރީ ވަރަށް ބޮޑުކޮށް ނަމަވެސް، އަންނަ ހަފުތާއިން ފެށިގެން ފިޔާގެ އަގު ހެޔޮވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބާޒާރުމަތީގައި ހޯލްސެއިލްކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިހާރު ފިޔާ ވިއްކަމުން އަންނަނީ ބަސްތާއެއް 900 ރުފިޔާއަށެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 650 ރުފިޔާ އަށެވެ. ނަމަވެސް އެދުވަހު ހަވީރުން ފެށިގެން އަގު ވަނީ 900 ރުފިޔާއަށް އުފުލިފައެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. ފިޔާގެ އަގު އިންތިހާއަށްވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ހީނާ ވިދާޅުވީ، ރާއްޖެއަށް ފިޔާ އެތެރެކުރާ މިންވަރު މަދުވެފައި ވާކަމަށެވެ. އަދި ފިޔާ އެތެރެކުރާ މިންވަރު މަދުވާން މެދުވެރިވީ، އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރާ މިންވަރު ވެސް މަދުވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ، އަސާސީ މުދަލުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީގައި އަބަދު ވެސް އޮންނަ ކަމަށެވެ.

"އޭގެ އެއްވެސް މުދަލެއް ބާޒާރުގައި މަދުވެގެން އުޅޭނަމަ، އެ މުދަލެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަަސައްކަތްތަކެއް ކުރައްވާ. އެގޮތުން އިރާދަކުރެއްވިއްޔަ އަންނަ ހަފުތާގެ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު އެސްޓީއޯ މެދުވެރިކޮށް، އިތުރަށް ރާއްޖެއަށް ފިޔާ ގެނައުމުގެ މަސައްކަތް އެބަ ކުރައްވާ،" ހީނާ ވިދާޅުވިއެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. ފިޔާގެ އަގު އިންތިހާއަށްވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

މީގެ ކުރިން ފިޔާކިލޯއެއް އާއްމުކޮށް ވިއްކަމުން އައީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. ނަމަވެސް މިހާރު ފިޔާ ކިލޯއެއްގެ އަގު ވަނީ 37 ރުފިޔާ އާއި 40 ރުފިޔާއަށް އުފުލިފައެވެ.

https://sun.mv/196686

ފިޔާގެ އިތުރުން އާންމުގޮތެއްގައި ދިވެހީން ކެއުމަށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ އަގުވެސް ބާޒާރުގައި ވަނީ އުފުލިފައެވެ. އެގޮތުން މީގެކުރިން ބާޒާރުގައި 25 ރުފިޔާއަށް ލިބެންހުރި ކެރެޓު ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާއާއި 35 ރުފިޔާއާ ދޭތެރޭ އަގެއްގައެވެ.

ހަމައެހެންމެ 350 ރުފިޔާއަށް ކުރިން ވިއްކަމުން އައި ކެބެޖު ބަސްތާއެއްގެ އަގު މިހާރު ވަނީ 750 ރުފިޔާއަށް އުފުލިފައެވެ.

ބާޒާރުމަތީގައި ވިޔަފާރިކުރާ މީހުންނާ ވާހަކަ ދައްކާލުމުން އެ މީހުން ބުނީ ކުއްލިއަކަށް މި ތަކެތީގެ އަގު ބޮޑުވެގެން ދިޔައީ ޑޮލަރުގެ އަގު މަތިވުމުން ކަމަށެވެ.

ހަމައެހެންމެ ކޮންޓެއިނަރުގެ އަގު ބޮޑުވުމުން މިހާރު ފިޔާފަދަ ތަކެތި މީހުން ކޮންޓެއިނަރުގައި ގެއްނަލެއް މަދު ކަމަށާއި އެހެންވެ ބަރޯސާ ވާން ޖެހެނީ ލަކުޑި ބޯޓުތަކަށް ކަމަށް ވެސް އެ މީހުން ބުންޏެވެ. އޭގެ ސަބަބުން ޑިމާންޑާ އެއްވަރަށް ސަޕްލައި ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އެ މީހުން ބުނެއެވެ.

comment ކޮމެންޓް