ގިނަ ހަރަކާތްތަކެއް ހިމެނޭ ކުލަ ގަދަ ހަފުލާއެއް ބާއްވައި، އަވަސް އެޕް މިރޭ ލޯންޗުކޮށްފިއެވެ.
މި އެޕް ލޯންޗު ކުރުމަށް މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ކުޑަ ކުދިންގެ ހަވީރެއް ބާއްވާފައެވެ.
އެ ހަވީރުގައި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭންގެ ޝޯއަކާއި ޚާއްސަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވާއިރު، ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުނެގުމަށް ފަހު ނަސީބުވެރި ފަރާތަކަށް ޕްލޭސްޓޭޝަން ފަހެއް ދީފައިވެއެވެ.

އަވަސް އެޕް ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ
އެކި ކަހަލަ ކާއެއްޗެހި ލިބޭ ސްޓޯލްތައް ވެސް މިއަދު ހަވީރު ކުރިއަށް ގެންދިޔައެވެ،
މިރޭ ބޭއްވި ހަފުލާގައި އަވަސް އެޕް ލޯންޗުކޮށްފައިވާއިރު، ކުލަގަދަ ހަރަކާތްތަކާއެކު ހަވާ ވެސް ވަނީ އަރުވާފައެވެ. މި ދެ ހަރަކާތަށް ވެސް ގިނަ ބަޔަކު އެއްވިއެވެ.

އަވަސް އެޕް ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ
މި ހަފުލާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ރަމީޒް ވިދާޅުވީ، އަވަސް، ފަސޭހަ، ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އުންމީދެއް ކަމަށާއި މިރޭ އިފްތިތާހު ކުރެވުނީ އެ ކުންފުނިން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.
އެ އަމާޒަށް ވާސިލުވާން އެ ކުންފުނިން 2015 ވަނަ އަހަރު ފެށީ 'ކޮބާ ޓެކްސީ އެޕްލިކޭޝަނުން' ކަމަށް ރަމީޒް ވިދާޅުވިއެވެ. އޭގެފަހުން އަވަސް ރައިޑް އެޕާ އެކު އަމާޒުކުރީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަވަސް ރައިޑް ޚިދުމަތުގެ އިތުރުން އަވަސް ފުޑްގެ ނަމުގައި ވެސް އެ ކުންފުނިން ޚިދުމަތްދެއެވެ.
މިރޭ އިފްތިތާހުކުރެވުނު އަވަސް އެޕާ އެއްކޮށް، ކަސްޓަމަރުންނަށް ދަތުރުފަތުރުގެ ތަޖުރިބާ ތަފާޓު ވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.