ކުށްކުރާ ކުޑަކުދިންނަށް ހައްލަކީ މާހައުލު ބަދަލު ކުރުން، އުމުރު ދަށްކުރުމެއް ނޫން: ޝަމީމް

ޕީޖީ ހުސައިން ޝަމީމް: އޭނާ ވިދާޅުވީ ކުށްކުރާ ކުޑަކުދިންގެ މައްސަލަ ހައްލުކުރަން ކުރަންވީ ކަމަކީ މާހައުލު ބަދަލު ކުރުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިން ކުށްކުރުމުގެ މައްސަލައަށް އޮތް ހައްލަކީ މާހައުލު ބަދަލު ކުރުން ކަމަށާއި އުމުރު ދަށްކުރުމަކީ ހައްލެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ފަހުންނެވެ.

ޝަމީމް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރަނީ އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ. އެހެންވެ، އެކަމަށް އޮތް ހައްލަކީ ކުށަށް ހުށަހެޅިފައިވާ ކުދިންގެ މާހައުލު ބަދަލު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބަދަލާއެކު ކުދިންގެ ސުލޫކަށް ބަދަލުގެނައުމަށް ވަގުތު ބޭނުންވާނެކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، އެކަން ހާސިލްކުރުމަށް ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާ ކަމަށާއި އެކަމަށް ދައުލަތުގެ ވަސީލަތްތައް ވެސް ހޭދަކުރަން ޖެހޭ ކަމަށެވެ.

"މިއީ ކުޑަނޫން މަސައްކަތެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ދަރިން ތަރުބިއްޔަތުކުރުމަށް ކެތްތެރިކަން ބޭނުންވާ ފަދައިން، އެ ކުދިން އިޞްލާޙުކުރުމަށްވެސް ކެތްތެރިކަން ބޭނުންވާނެއެވެ." ޝަމީމް ފާހަގަކުރެއްވިއެވެ.

https://sun.mv/190633

އޭގެއިތުރުން، މާހައުލު ބަދަލު ކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ކުށްކުރާ ކުއްޖަކު ޖަލުގައި ބަންދު ކުރުމަށް ހިނގާ ޚަރަދަށް ވުރެ ކުޑަ އަދި އޭގެ ނަޖިގާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއް ކަމަށް ގަބޫލު ކުރައްވާކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަޙްގީގީ ދާއިރާއާއި ސަރުކާރުގެ ބައެއް ބޭފުޅުން ދެކެނީ ކުށަށް އަރައިގަންނަ ކުޑަކުދިންގެ ހައްލަކީ ކުށުގެ ޒިންމާ އުފުލަން ޖެހޭ މިންވަރު 15 އަހަރުން 12 ނުވަތަ 10 އަހަރަށް ދަށްކޮށް، އެކުދިންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތް ހެދުން ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޖަލުގައި ބަންދު ކުރުމަކީ އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީސް،" އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ވެސް ޝަމީމް ވަނީ ކުށްކުރާ ކުޑަކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށާއި އަދަބު ދީގެން ކުށްކުރާ ބަޔަކު އުފެއްދުމުގެ ބަދަލުގައި، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިވުމަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް