އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު : ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، މޫޑީސްއިން ރާއްޖޭގެ ރޭޓިން 'ސީއޭއޭ1'އިން 'ސީއޭއޭ2'އަށް ދަށްކޮށްފައި ވަނިކޮށެވެ.

ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އެ ގޮތުން، އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

https://sun.mv/196611

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ 'ނުކުޅެދުންތެރިކަމުން ބޮއްސުންލާފައިވާ' ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރަން ކްރެޑިބަލް ސިޔާސަތެއް ތަންފީޒުނުކުރެވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުގައި ކަމަށެވެ.

ސިޔާސީ މުވައްޒަފުން ގިނަކުރުން ނުހުއްޓޭ ކަމަށާއި ކުންފުނިތައް އެއް ކުރިއަސް 'ހާހުން' ނަގާފައިވާ ސިޔާސީ ވަޒީފާތައް މަދުނުވާ ކަމަށް އޭނާ ވިދާޅުވެއެވެ.

އެމްއެމްއޭ: އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އަމީރު ވަނީ ވިދާޅުވެފައި --- ސަންފޮޓޯ/ ނާއިޝް ނާހިދު

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަން 'އިންތިހާއަށް' އިތުރުވެފައިވާ ކަމަށާއި ރޭވިގެން ހިންގާ ޖަރީމާއެއްގެ ތެރެއިން މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް، އިތުބާރު ގެއްލުވާލާފައިވާ ކަމަށް އަމީރު ތުހުމަތުކުރެއްވިއެވެ.

އެކަމުގެ ސަބަބުން ވިޔަފާރިތައް އެއްކޮށް 'އިނދަޖެހި' ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މާލީ ޑިސިޕްލިން އަލުން ގާއިމުކުރުމާއި، ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމާއި، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. މި ވަގުތު މި ގޮތަށް އަމަލު ނުކުރުމަކީ އިގުތިސާދީ ގޮތުން އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެއް،ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އަމީރު އިތުރަށް ވިދާޅުވީ، މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަށްކުރީ މުއައްސަސާތަކުގެ ގާބިލްކަން ދަށްވެ، ސަރުކާރު ހިންގުން 'ދޯދިޔާ' ވުމުން ކަމަށާއި އެކްސްޓާނަލް ވަލްނަރަބިލިޓީސްތަކާއި ހިރާސްތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގާބިލުކަން ސަރުކާރުގައި ނެތް ކަމަށް މޫޑީސްއިން ފާހަގަކޮށްފައިވާ ކަމަށެވެ.

މޫޑީސްގެ އެސެސްމަންޓުން ދައްކުވައިދެނީ ފަތުރުވެރިން އިތުރުވެ، އެ ކަމާ ގުޅުން ހުރި ޓެކްސްތައް އިތުރުވި ނަމަވެސް، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ޑިފޯލްޓް ރިސްކު އިތުރުވެފައިވާތަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން: އަމީރު ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިސްކަލް ޓްރާންސްޕެރަންސީ ގެއްލިފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ހަފުތާއަކު އެއް ފަހަރު މާލީ ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލުމުން ސަރުކާރުގެ ޚަރަދާއި ރިޒާވް ކުޑަވުމާ ގުޅުން ހުރި ކަންކަމާ މެދު އިތުރު ސުވާލު އުފެދޭ ކަމަށެވެ.

މިއީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލު ރައްކާތެރިކުރުމަށްޓަކައި ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ސަރުކާރުން އިސްކަންދޭންވީ ވަގުތު،ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ފާހަގަކޮށްލެވޭ ގޮތުގައި، މޫޑީސްގެ ނިންމުމާ ގުޅިގެން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ ކްރެޑިޓް ރޭޓިން ދަށްކުރި ނަމަވެސް، ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދީފައެވެ.

މި އަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭއިންވަނީ އަންދާޒާކޮށްފައެވެ.

https://sun.mv/196619

މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަށްކުރިއިރު، ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނީ، އެ ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށެވެ.

comment ކޮމެންޓް