ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކުރި ނަމަވެސް، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ދީފިއެވެ.
މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައެވެ. މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އެ ގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައިވަނީ "ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް" ކަމަށް ބުނެފައެވެ.
މީގެ އިތުރުން ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި ބަދަލުތައް މި މަހު އިއުލާންކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއާބެހޭ ގޮތުން ނިންމާފައިވާ ނިންމުމާ ގުޅިގެން އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ:
- ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން މި އަހަރު 4.9 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް
- 2025ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 6.5 އިންސައްތައިގައި
އެމްއެމްއޭއިން ބުނީ ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ މައިގަނޑު އެއް ސަބަބަކީ މި އަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބައެއް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ އެ ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުން ކަމަށެވެ.
އެ ގޮތުން މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން އެމްއެމްއޭއިންވަނީ ފާހަގަކޮށްފައެވެ.
އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ހަތް އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.
- އޮގަސްޓުމަސް ނިމުނުއިރު ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް އިތުރުވުން
އެ ގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު ރިޒާވްގައި 395 މިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރު ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެ ގޮތުން މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިންވަނީ އަންދާޒާކޮށްފައެވެ.
މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަށްކުރިއިރު، ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭއިން ބުނީ އެ ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށެވެ.
މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށް ޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އިންޑިއާއާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ޚަރަދުކުޑަކުރުމަށް ޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.