އަލިފާން ރޯވި ގާމަގު ކެފޭ އިމާރާތް ތަޅާލައި މަގު ހުޅުވާލައިފި

މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތް: އެ އިމާރާތް މިހާރު ވަނީ ތަޅާލާފައި ---- ސަން ފޮޓޯ/ މޫސަ ނަދީމް

މިދިޔަ ހޯމަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގި މާލޭ ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭ އިމާރާތް ތަޅާލައި، އެ ސަރަހައްދު އިއްޔެ ހުޅުވާލާއިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން ފެށީ މިދިޔަ އަންގާރަ ދުވަހެވެ.

އެކަމާ ގުޅުވައި ލޯކަލް ގަވަނަންސް މިނިސްޓްރީން އިއްޔެކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ތަޅާލުމަށް ބަންދު ކުރި ހ. ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ނިމި، އެ ސަރަހައްދު ބޭނުން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ހެންވޭރު ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓު ކޮށްފައި ވަނީ ހޯމަ ދުވަހުގެ މެންދުރު 14:47 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު އެ ގެ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ.

އެ ހާދިސާގައި، 57 މީހުން ހާލުގައި ޖެހުނު ކަމަށް އޭރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައިވެއެވެ. އޭގެތެރޭގައި 37 ދިވެހިންނާ 20 ބިދޭސީން ހިމެނެއެވެ.

އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް