ތެލްއަވީވު (15 ސެޕްޓެމްބަރު 2024) : ޔަމަނުގެ ހޫޘީން ފޮނުވާލި ބިޔަ ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ މެދުތެރެއަށް އަރައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުން ހޫޘީން ފޮނުވާލާފައިވަނީ ބިމުން ބިމަށް ފޮނުވާ ބާވަތުގެ ދުރުރާސްތާގެ ބެލިސްޓިކް މިސައިލެކެވެ. މިއީ އީރާނުގައި އުފައްދާ މިސައިލެކެވެ.
މި މިސައިލް މަތަކުރުމަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމެއްކަމަށްވާ "ހީތްސް -3" ފޮނުވާލި އެންޓި މިސައިލްތަކުން ޔަމަންގެ މިސައިލުގެ އަމާޒު ކަސިޔާރުވެ އެ މިސައިލް ވެއްޓުނީ ބެންގޯރިޔަން އެއާޕޯޓުގެ ކައިރީގައިވާ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ.
ބެންގޯރިޔަން އެއާޕޯޓަކީ އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓެވެ. އެ އެއާޕޯޓް އޮންނަނީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވް އާ 30 ވަރަކަށް ކިލޯމީޓަރުގެ ދުރުގައެވެ.
ޔަމަންގެ މިސައިލުން ސަލާމަތްވުމަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން އެތަށް ރޮކެޓެއް ފޮނުވާލައި އޭގައި ޖެއްސުމާއެކު ޔަމަންގެ މިސައިލްގެ އަމާޒު ކަސިޔާރުވި ނަމަވެސް އެމިސައިލް، އިސްރާއީލުގެ މެދުތެރެއަށް އަރައި ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެފައިވާކަމަށް އިސްރާއީލު ސިފައިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި އެއްބަސްވެފައިވެއެވެ.
ޔަމަންގެ ހޫޘީން އިސްރާއީލަށް ފޮނުވާލި މިސައިލާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ފުރަތަމަ ނެރުނު ބަޔާނުގައި އެ މިސައިލް އިސްރާއީލަށް އެރުމުގެ ކުރިން ވައްޓާލިކަމަށް ބުނެ ވަނީ ދޮގުހަދާފައެވެ.
ނަމަވެސް އިސްރާއީލުގެ ޕްރައިވެޓް މީޑިއާ ތަކުން މިކަމުގެ ހަގީގަތްތައް ހާމަކުރަން ފެށުމުން ދެވަނަ ބަޔާނެއް ނެރެ އިސްރާއީލު ސިފައިންވަނީ ޔަމަނުން ފޮނުވާލި މިސައިލް މަތަކުރުމުގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ނާކާމިޔާބުވި ކަމަށް އެއްބަސްވެފައެވެ. އަދި ޔަމަންގެ މިސައިލް އިސްރާއީލުގެ މެދުތެރެއަށް ވެއްޓި ނުވަ މީހަކު ޒަޚަމްވި ކަމަށް އެއްބަސްވެފައެވެ.
ޔަމަންގެ ހޫޘީން ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ބަދަލުހިފައި ޣައްޒާގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ ގޮތުން އެޖަމާއަތުން ފޮނުވާލި ދުރުރާސްތާގެ ބެލިސްޓިކް މިސައިލްގެ އަމާޒަކީ އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓްކަމަށްވާ ބެންގޯރިޔަން އެއާޕޯޓެވެ. އެ މިސައިލް ބެންގޯރިޔަން އެއާޕޯޓަށް އެެރިނަމަ އެއެއާޕޯޓްގެ ބޮޑުބައެއް ފުނޑުފުނޑުވެ އެތައް ބަޔަކު މަރުވީހެވެ.
ނަމަވެސް އިސްރާއީލު ހުރަސްއެޅުންތަކާއެކު ވެސް އިސްރާއީލުގެ ވައިގެ ދިފާއީ ތިން ނިޒާމެއް ފޫއަޅުވާލުމަށްފަހު ހޫޘިންގެ މިސައިލް އިސްރާއީލުގެ އެތެރެއަށް ވާސިލްވެ މެދުތެރެއަށް ވެއްޓުމަކީ ލިބުނު ބޮޑު ކާމިޔާބެއް އެއްކަމަށް ހޫޘީންގެ ބަޔާނެއް ބުނެއެވެ.
މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ އިސްރާއީލަށް އަމާންކަން ނުލިބޭނެކަން އިސްރާއީލުގެ ސަރުކާރާއި ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންނަށް އެންގުންކަމަށް ހޫޘީން ބުނެފައިވެއެވެ.
ހޫޘީން މީގެ ދެތިން މަސްކުރިން ވަނީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވުގެ ވިޔަފާރި މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ވެސް ދީފައެވެ. ހޫޘީންގެ ޑްރޯން ހަމަލާގައި އެ ސަރަހައްދު ގުޑުވާލިއެވެ. ހޫޘީންގެ ޑްރޯން ވައްޓާލުމުގައި ވެސް އިސްރާއީލުގެ ދިފާއީ ނިޒާމުތައްވަނީ ނާކާމިޔާބުވެފައެވެ.
ހޫޘީންގެ ޑްރޯން ހަމަލާގެ ސަބަބުން މުޅި އިސްރާއީލުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އިސްރާއީލަކީ ކުރިޔާ ޚިލާފަށް މިހާރު ޑިޓަރެންސް ގެއްލިފައިވާ އަދި ބޭނުން ބަޔަކަށް ހަމަލާދެވޭ ހާލަތުގައި އޮތް ބަލިކަށި ގައުމެއްކަން ހާމަވެގެން ދިޔައެވެ. އިސްރާއީލުގެ ދިފާއީ ނިޒާމުތަކަށް ބަރޯސާވެވެން ނެތްކަމުގެ އިހުސާސް ޔަހޫދީންނަށް ކުރެވިގެން ދިޔައެވެ.
ކުރިން އިސްރާއީލަކީ އެއްވެސް ބަޔަކަށް ހަމަލާދެވޭނެ ގައުމެއް ނޫންކަމާއި އެއަށްވުރެ މާބާރު ގަދަ ގައުމެއްކަމުގެ ޕްރޮޕަގެންޑާތައް ފަތުރައި އަރަބި ސަރުކާރުތަކަށް ބިރުދައްކައިގެން އުޅޭ ޣައިރު ގާނޫނީ ގައުމެކެވެ.
މި ޕްރޮޕަގެންޑާ އިސްރާއީލުގެ އިތުރުން އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ މީޑީއާތަކުން ވެސް އިންތިހާއަށް ފަތުރަމުން ގެންދިޔައެވެ.
ނަތީޖާއެއްގެ ގޮތުން އިސްރާއީލު ބޭނުންވާއިރަކު އަވަށްޓެރި އަރަބި ގައުމުތަކަށް ހަމަލާދެވޭއިރު އަރަބިންނަށް އިސްރާއީލަށް ރައްދު ނުދެވޭނެކަމަށް ބުނެ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތައް ދިޔައީ ވަރަށް ގަދަބަސް ބުނަމުންނެވެ.
ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ސީދާ އެހީއާއެކުވެސް އިސްރާއީލު މިހާރުވަނީ ހަމާސް އާއި ހިޒްބުﷲ އަދި ހޫޘީންނާއި އިރާގުގެ ޖަމާއަތްތައްފަދަ އިސްލާމިކް ރެސިސްޓެންސް ޖަމާއަތްތަކުން ދޭ ހަމަލާތަކުން ދިފާއުވުމަށް ނުކުޅެދިފައެވެ. ރެސިސްޓެންސް ޖަމާއަތްތަކުގެ މި ކާމިޔާބީގެ ފަހަތުގައިވަނީ އީރާނުން ތަރައްގީކުރި ހަތިޔާރުގެ ޒަމާނީ ޓެކްނޮލޮޖީއެވެ.
މިގޮތަށް ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އަރަބި ގައުމުތައްވަނީ ފެއިލް ވެފައެވެ. މިއާއެކު އިސްރާއީލު ކުރިން ގާއިމްކޮށްފައިވާ އަސްކަރީ ޑިޓަރެންސްވަނީ މުޅިން ގެއްލި ފުނޑުފުނޑުވެފައެވެ.
އިސްރާއީލުގައި އަމާންކަން ނެތްނަމަ އަދި ކޮންމެ ވަގުތަކުވެސް ހަމަލާއެއް އަރާފާނެކަމުގެ ބިރު އޮންނަނަމަ އިސްރާއީލުގެ ޔަހޫދީން އެގައުމު ދޫކޮށް އެމީހުންގެ އަމިއްލަ ގައުމުތަކަށް ފިލައިގެންދާނެކަމުގެ ބިރު އިސްރާއީލު އިހްސާސް ކުރެއެވެ.
އިސްރާއީލު ބަލިކަށިވެ އެންމެ ފަހުން ނެތިގެންދާނީވެސް މިގޮތަށް ކަމަށް ޔަހޫދީ މުފައްކިރުން ލަފާކުރެއެވެ. ޔަމަނާއި އިސްރާއީލުގެ ތެލްއަވީވާ ދެމެދު ގާތްގަނޑަކަށް އެއްހާސް އައްސަތޭކަ ކިލޯމީޓަރު ހުންނަކަމަށްވެއެވެ.