ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި ރަހީނުކޮށް ބިރުދައްކައިގެން ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އަންހެނަކަށް، ފޭރުމުގެ މައްސަލައެއްގައި ދައުވާ ކުރަން ފުލުހުން ފޮނުވައިފިއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި، ހިޔާ ފުލެޓަކަށް ފިރިހެނުން ގެންގޮސް ފޭރޭ ކަމުގެ މައްސަލަތަކެއް ފެންމަތިވިއެވެ.
އެ ދުވަސްވަރު ފޭރުމާއި ބިރު ދެއްކުމާއި ފައިސާ ފޭރުމުގެ މައްސަލައެއްގައި، ހިޔާ ފުލެޓެއްގައި އުޅުނު 39 އަހަރުގެ ރިމާނާ މޫސާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އެއަށް ފަހު ވެސް އޭނާގެ ބަންދު އިތުރުކޮށްފައިވެއެވެ.
އޭގެ ފަހުން ފޭރުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 15ގައި އޭނާއަށް ވަނީ 15 ދުވަސް ޖަހައިފައެވެ. ނަމަވެސް އެ އަމުރުގައި ކޭސް ނަމްބަރު ތަފާތުވުމުން، އެއީ ފޭރުމުގެ ތަފާތު މައްސަލައެއް ކަމަށް ބެލެވެއެވެ.
އިއްޔެ ރިމާނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ އޭނާގެ ކަމަށް ތުހުމަތު ކުރެވޭ މިންވަރަކަށް ހެކި ހުށަހަޅައިފައިވެއެވެ. އެ މައްސަލައިގައި ރިމާނާއަށް ދައުވާ ކުރުމަށް ޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގެންފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށް އަމުރުގައިވެއެވެ.
އޭގެ އިތުރުން ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އޭނާގެ ބަންދު ރެކޯޑު އޮތް ކަމަށާއި ފޭރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ހެކި ހުށަހަޅައިފައިވުމާއި އެއީ އިންތިޒާމްކޮށްގެން، އިތުރު މީހަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭކަން ހިމެނެއެވެ.
އެ މައްސަލައިގައި މިފަހަރު ރިމާނާގެ ބަންދަށް ޖަހައިފައި ވަނީ 30 ދުވަހެވެ.
މިދިޔަ މެއި މަހު ރިމާނާއާއެކު، ރަހީނުކޮށް ބިރު ދައްކައި ފަައިސާ ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި 44 އަހަރުގެ އަހުމަދު މިހާދަށް ވެސް އިއްޔެ ބަންދު ޖަހަފައިވެއެވެ. އޭނާއަށް ވެސް ޕީޖީ އޮފީހުގެ އެދުމަށް 30 ދުވަސް ޖަހައި، ދައުވާ ކުރުމަށް ޓަކައި ލިޔެކިޔުންތައް ބަލައިގެންފައިވާ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
އެކި ގޮތްގޮތަށް ވާހަކަދައްކައިގެން، އޮޅުވާލައިގެން މީހުން ހިޔާ ފުލެޓުތަކަށް ގެންގޮސް ފޭރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ކުށްތައް ކޮށްފައި ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭ ގުރޫޕުތަކުން ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.