ދީނީ ކުދި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދިނުމަށް މަޝްވަރާ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ދީނީ އިޖްތިމާއީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކުގައި އިޖްތިމާއީ ހާލަތު އޮތް ގޮތާއި ދީނީ ކަންތަކަށް ބޭނުން ޖެހިފައިވަ މިންވަރު ޖަމިއްޔާތަކަށް އެނގޭނެ ކަމަށެވެ.
އެގޮތުން، ގުރުއާން ކުލާސް ނެތް ރަށްރަށާއި ކުޑަކުދިންނަށް ކިޔަވާދޭނެ ގޮތެއް ނެތިފައި ތިބީ ކިތައް އެދުރުންތޯއާއި މިސްކިތްތައް މަރާމާތު ކުރަން ޖެހިފައި ހުރީ ކިތައް ރަށުގައިތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.
އެކަންތަކަކީ ރަށްރަށަށް ދަތުރުކުރާއިރު ފެންނަން ހުރި ކަންކަން ފަހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދީނަށް ޓަކައި ކުރެވޭ ޚިދުމަތްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ ރާއްޖޭގެ ދީނީ ވަޙްދަތު ދެމެހެއްޓުމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގައި ޖަމިއްޔާތަކުގެ މުހިންމުކަން. ވަރަށް ޚިދުމަތްތެރި ޖަމިއްޔާތައް ރާއްޖޭގައި އެބަހުރި.
މީގެއިތުރުން، ތަފާތު އެހީތެރިކަމަށް އެދި ޖަމިއްޔާތަކުން މިނިސްޓްރީއަށް ސިޓީ ފޮނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، އެކި ވަސީލަތްތައް ހޯދުމަށް ޖަމިއްޔާތަކުގެ ޕްރޮޕޯސަލް މިނިސްޓްރީއަށް އަންނަ ކަމަށާއި އެފަދަ ކަންކަން ކުރެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓްރީން ބޭނުންވަނީ މިއަދު ފެށި ބައްދަލުވުން ނިމިގެންދާއިރު އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރެވި، އެކަމަށް ރަނގަޅު އިންތިޒާމެއް ހަމަޖެހިގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، ފަށާ ކަމެއް ރަނގަޅު ގޮތުގައި ފެށުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކިވަޑައިގަންނަ ކަމަށާއި ސަރުކާރުގެ ފަރާތުން ދީނީ ޚިދުމަތްތައް އަދާކުރުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ޖަމިއްޔާތަކަށް ދެއްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މިއަދުގެ މި މަހާސިންތާގައި މަޝްވަރާ ކުރެވިގެންދާނެ އިސްލާމީ ކަންތަކާ ބެހޭ ވުޒާރާގެ ފަރާތުން ޖަމިއްޔާތަކަށް ކޮންކޮން ކަންތައްތަކެއްތޯ ކޮށްދެވޭނީ. އަދި އެގޮތުން، އަޅުގަނޑުމެން އެއްބަސްވުންތަކެއް ގާއިމުކުރާނަން ޖަމިއްޔާތަކާއެކުގައި. ކުރިއަށް އޮތް ތަނުގައި އެކި ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން، ވުޒާރާގެ ފަރާތުން އެހީތެރިކަން އަރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން
ޚާއްސަކޮށް ނަމާދު ކުރުމަށް އަހުލުވެރިކުރުވާ ފަދަ ޕްރޮގްރާމުތަކާއި ކުދި މަޝްރޫއުތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، ޒުވާން ޙާފިޒުން ބިނާކުރުމާއި ޒުވާން ޚަތީބުންނާއި އިމާމުން ބިނާކުރުމާއި އިމާމުންނަށް އިތުރު ތަމްރީނު ދިނުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ހިމެނޭ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.