އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއްގޮތަށް އަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްސިއްޔަތު ފުނޑުފުނޑުވެ، އިސްލާމް ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޣައިރު ދީންތަކުގެ ޝިޢާރުތައް ފާޅުކުރުން" މި މައުޟޫއުގެ މައްޗަށެވެ.
ޝިޢާރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތްﷲ އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތަކެވެ. މާތްﷲ ގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ އެ ޝަޢީރާތަކަށް އަހުރެމެންގެ ހިތްތަކުގައި މަތިވެރި މަގާމު ދިނުމާއި، އެ ކަންތައްތައް ޝައުގުވެރިކަމާއި ލޯތްބާއެކު ކުރުމެވެ.
ޚުތުބާގައި ބުނީ އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްސިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެ ކަމަށާއި އެއީ އަގީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަޚުލާގުގެ ކަމެއް ކަމުގައި ވިޔަސްމެއެވެ.
އެ މީހުންގެ ޚާއްސަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައި ވިޔަސް އަދި އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައި ވިޔަސް، އަހުރެމެން މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއްނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް އަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުސްލިމުން ޣައިރު މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ތަބާވުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް. އޭގެ ތެރޭގައި އެ މީހުންގެ އީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުން ހިމެނޭ، ހުކުރު ޚުތުބާ
މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކްރިސްމަސް ގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
ރަސޫލާ ޙަދީޘެއްގައި ވަނީ ބަޔަކާ އެއް ގޮތަށް އުޅޭ މީހަކީ އެބަޔެއްގެ ތެރެއިން ވާ މީހެއް ކަމަށެވެ. އެފަދަ ހުރިހާ ބަސްފުޅުތަކަކުން ވެސް އެނގެނީ ޣައިރު ދީނުގެ އީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ހަރާމްކަމެއްކަން ކަމަށް ބުނެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްސަކޮށް މިފަދަ އަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމައުތައް ސަލާމަތްވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށްޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ އަގީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރާނެ ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އެ މީހުންނަށް ތަބާވެއްޖައުމަށް ދާންދެން އެ މީހުން އެ މަސައްކަތް ހުއްޓައިނުލާނެކަން މާތްﷲ ވަނީ އަންގަވައިފައެވެ.
ޚުތުބާގައި ބުނީ ހެޔޮ ލަފާ އިސްލާމީ މުޖުތަމައެއް ބިނާކުރެވޭނީ އިސްލާމީ ސަގާފަތް ފަތުރައިގެން ކަމަށާއި އިސްލާމީ އަގީދާއާއި އަޚުލާގުގެ މަތީގައި އާއިލާ ބިނާކުރެވިގެން ކަމަށެވެ. އިސްލާމީ މުޖުތަމައުގެ ބިންގަލަކީ އަގީދާ ކަމަށް ވާއިރު، ޣައިރު މުސްލިމުންގެ އީދުތަކާއި އެމީހުންގެ އަގީދާއާ ގުޅިފައިވާ ކަންކަމުގައި ބައިވެރިވުން ހަރާމްވުމަކީ، އެމީހުންނާ މެދު އިހުސާންތެރިވެ އަދުލުވެރި ނުވާންވީ ސަބަބެއް ނޫން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ދިނާއި އަގީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއް ކަމަށް ބުންޏެވެ.
މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަސްލަކީ، އަނިޔާވެރިނުވާހައި ހިނދެއްގައި، ސުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުމެވެ. އެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިހުސާންތެރިވެ އަދުލުވެރިވުމަކީ މުސްލިމުންނަށް މާތްﷲ އަމުރުކުރައްވައިފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމީ ޙަޟާރަތުގައި ޣައިރު މުސްލިމުން އުޅެމުންދިޔައީ ރައްކާތެރިކަމާއި އަމާންކަމާއެކުގައި ކަމަށާއި ޚާއްސަކޮށް މެހުމާނުންނަށް ކަމޭހިތުމަކީ ދީނުގެ ތެރެއިންވާކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.