އިސްލާމް ދީން ނައްތާލުމަށްޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ދީނުގެ ކަންކަން މޮޅަށް އުނގެނި އަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބެންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ކީރިތި ޤުރްއާނާ މެދު، އުފައްދާ ޝުބުހަ"، މި މައުޟޫއުގެ މައްޗަށެވެ.
ކީރިތި ޤުރްއާނަކީ، މާތްﷲގެ ކަލާމްފުޅެވެ. އެއީ ޖިބުރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ މުހައްމަދުގެފާނުގެ މައްޗަށް މާތްﷲ ބާވައިލެއްވި މުޢުޖިޒާތެކެވެ. އޭގެ ލަފުޒާއި މާނަ އައިސްފައިވަނީ މާތްﷲ ޙަޟްރަތުންނެވެ. އެއީ ސޫރަތުލް ފާތިޙާއިން ފެށިގެން ސޫރަތުލް ނާސިގެ ނިޔަލަށް ކިޔެވުން އަޅުކަމެއްކަމުގައި ލައްވައި، މާތްﷲ ބާވައިލައްވައިފައިވާ އެކަލާނގެ ޝަރީޢަތެވެ.
އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ތަވާތުރުކޮށެވެ. ކަލިމަތަކާއި އަކުރުތައް ރިވާވެފައިވާ ގޮތަށާއި، އަކުރު އަދާކުރުމުގައި ލުއިކުރުމާއި ބަރުކުރުމަށް، އެއްވެސް ބަދަލެއް ނައިސް، ސަނަދު ގުޅިގެންނެވެ. އަދި ކީރިތި ރަސޫލާގެ ޒަމާނުން ފެށިގެން، މިއަދާ ހަމައަށް ކީރިތި ޤުރްއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާހައި ގިނަ އަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށެވެ. އެހެންވީމާ، އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ބާވައިލެއްވި ގޮތަށްކަން ކަށަވަރެވެ.
ޚުތުބާގައި ބުނީ ކީރިތި ޤުރްއާނަކީ މާތްﷲގެ ކަލާމްފުޅުކަމާއި، އަދި އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، އެކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ. އެ ފޮތް ބާވައިލައްވަން ފެއްޓެވުމާހަމައިން، މިއަދާ ހަމައަށް ވެސް އެކަން ދެމި އެބައޮތް ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ ބޭނުމަކީ، މުސްލިމުން މާތްﷲއާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، އެއުރެން ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި އަގީދާއާ އެއުރެން ދުރުކޮށް، މުސްލިމުން އިސްލާމީ ޝަރީއަތާ ބީރައްޓެހިކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ ކަމެއް ކަމަށާއި މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މި ޒަމާނުގައި ނޭނގި ތިއްބައި އެ ފަދަ މީހުންގެ ދަލުގައި ޖެހި މަޅީގައި ބެދުމަކީ ދުރުކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
ކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާ އަމިއްލަފުޅަށް އުފައްދަވައިގެން ގެންނަވާ ފޮތެއްކަމަށް މައްކާގެ މުޝްރިކުން ދައުވާކުރުމުން، މާތްﷲ އެ މީހުންނަށް ރައްދު ދެއްވައި އެންގެވީ، އެ މީހުން އެ ކުރަނީ ތެދު ދައުވާއެއް ކަމުގައި ވަނީ ނަމަ، އެ މީހުން ވެސް އެފަދަ ޤުރްއާނެއް ގެނެސްގަތުމަށެވެ.
"ހޫދު ސޫރަތުގެ ތޭރަވަނަ އާޔަތުގައި ކީރިތި ޤުރްއާނާ އެއްފަދަ ދިހަ ސޫރަތް ގެނައުމަށް ވަޙީކުރެއްވި. އެ ކަމަށް ކުޅަދާނަ ނުވުމުން އަލްބަޤަރާ ސޫރަތުގެ ތޭވީސްވަނަ އާޔަތުގައި، ކީރިތި ޤުރްއާނާ އެއް ފަދަ އެންމެ ސޫރަތެއް ގެނައުމަށް ވަޙީކުރެއްވި. ނަމަވެސް އެބައިމީހުންނަށް އެފަދަ އެންމެ އާޔަތެއް ހެދުމަށް ވެސް ކުޅާދާނައެއް ނުވި،" ޚުތުބާގައި ބުންޏެވެ.
"...އެންމެ ފަހުން ކީރިތި ޤުރްއާނާ އެއްފަދަ ފޮތެއް ގެނެސްގަތުމަކީ އިންސީންނާއި ޖިންނީން ގުޅިގެން މަސައްކަތް ކުރިޔަސް ކުރެވޭނެ ކަމެއް ނޫންކަމުގައި އެންގެވި. ކީރިތި ޤުރްއާނަކީ އިންސާނެއްގެ އުފެއްދުމެއްކަމަށް ބުނެ ކުރި ދައުވާތައް ވަނީ ނާކާމިޔާބުވެ، ބާޠިލުވެފަ. އަދި އެއީ ދުވަހަކު ވެސް ކާމިޔާބުވާނެ ކަމެއް ނޫން،" ޚުތުބާގައި ބުންޏެވެ.
ކީރިތި ޤުރްއާނަކީ މާތްﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ އިލްމީ ހެކިތައް، ކީރިތި ޤުރްއާނުގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ހެއްކަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ތަފުޞީލުކޮށް ބަޔާންކުރައްވައިފައި ވުމެވެ.
އިސްލާމް ދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ މާތްﷲގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން ވަނީ، ކީރިތި ޤުރްއާނުގައި އަންގަވާފައި ކަމަށެވެ.
އެގޮތުން އިސްލާމް ދީން ނައްތައިލުމަށް ޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޚުތުބާގައި ގޮވާލިއެވެ.
"ދީނުގެ ކަންކަން މޮޅަށް އުނގެނި ޢަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބެންޖެހޭ. ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯ. ނަމަވެސް އަހަރެމެންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީން މަތީ ސާބިތުވެ ތިބުން. އެގޮތުގެ މަތީގައި ސާބިތުވެ ތިބެއްޖެ ނަމަ އަހަރެމެން މުސްލިމުން މަގުފުރައްދައެއް ނުލެވޭނެ. އަދި އިސްލާމީ އުންމަތް ބަލިކޮށެއް ނުލެވޭނެ،" ޚުތުބާގައި ބުންޏެވެ.
ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އަހަރެމެން ހިފިވަރަކުން އަހަރެމެންގެ ކަންތައްތައް މާތްﷲ އިސްލާހު ކުރައްވާނެ ކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އޭރުން ދެދުނިޔޭގެ އިއްޒަތާއި ޝަރަފު އެކަލާނގެ އަހަރެމެންނަށް ދެއްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ނަމަވެސް އަހަރެމެން އެއާ ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެ ކަމަށާއި އިސްލާމް ދީން ދޫކޮށް، ކާފިރުކަންމަތީ މަރުގަންނަވާ މީހުން، އެމީހުން ކުރި ހުރިހައި އަމަލެއް ބޭކާރުވެ ދާއިމަށް ތިބެންޖެހޭނެ ތަނަކީ ނަރަކަ ކަމަށް ޚުތުބާގައި ބުންޏެވެ.