ދީނީ އިޖްތިމާޢީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

ދީނީ އިޖްތިމާޢީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި 70 ޖަމިއްޔާއަކުން ބައިވެރިވޭ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދީނީ އިޖްތިމާއީ ޖަމާއަތްތަކުގެ އަހަރީ ބައްދަލުވުން މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި، ޖަމިއްޔާތަކާއެކު މިއަދު ފެށި އަހަރީ ބައްދަލުވުމުގައި ތިން ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން، މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމިއްޔާއަކުން 98 މަންދޫބުން ބައިވާއިރު، އޮންލައިކޮށް ވެސް ބައެއް ފަރާތްތަކުން މި ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެއް ބައްދަލުވުމަކުން ދީނީ އެތައް ޖަމިއްޔާތަކަކާ ބައްދަލުވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރުވުމާ ގާތްވަމުން އަންނައިރު ފިކުރީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ މީގެކުރިން ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ދީނީ އިޖްތިމާޢީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި ----- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މީގެއިތުރުން، އެ ގޮންޖެހުންތަކުގެ ކުރިމަތީގައި ރާއްޖޭގެ އިސްލާމީ އަގީދާ ހިމާޔަތްކޮށް، ދީނީ އެއްބައިވަންތަކަން ނަގަހައްޓަން ކުރެވޭ މަސައްކަތްތަކަކީ ހަމައެކަނި ސަރުކާރުން ކޮށްގެން ފަރުޖެހޭނެ ކަންތައްތަކެއް ނޫން ކަމަށް މިނިސްޓަރު ޝަހީމް ގަބޫލުފުޅުކުރައްވައެވެ.

މިކަންކަން އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އިސްލާމީ އަދި އިޖްތިމާއީ މަސައްކަތް ކުރާ އެކިއެކި ޖަމިއްޔާތަކާއި ދީނީ ދައުވަތުގައި މަސައްކަތްކުރައްވާ އިލްމުވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެހެން ވެސް މުއައްސަސާތަކާ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކޮށްގެންއިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ އިސްލާމްދީނުގެ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތާ، ދީނާ ގުޅުން ހުރި ކަންތައްތައް ދެމެހެއްޓުމަށް ވަރަށް މުހިންމު އިސްކަމެއް ދެއްވާ ސަރުކާރެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި އިސްލާމް ދީނުގެ ނޫރު ދަމަހެއްޓުމާއި ދީނުގެ ހިދާޔަތު ފަތުރަން ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ޖަމިއްޔާތަކަށް ކޮށްދެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް