2 ޕެނަލްޓީން ޖެހި 2 ލަނޑާ އެކު ރެއާލަށް މޮޅެއް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފިއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ނަތީޖާއަށް ބަލާއިރު މިއީ ރެއާލަށް ފަސޭހަ މޮޅެއް ކަމަށް ހީވި ނަމަވެސް ސޮސިއެޑާޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން، 25 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ލޫކާ ސުސިޒް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ 10 މިނެޓު ފަހުން ޝެރަލްޑޯ ބެކާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އެކަމަކު، ދެވަނަ ހާފުގައި ރެއާލުންވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރެއާލަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. ދެވަނަ ލަނޑު ވެސް ލިބުނު ޕެނަލްޓީއެއްގައި 75 ވަނަ މިނެޓުގައި ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ.

މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މި ކާމިޔާބީއާ އެކު ރެއާލް މިހާރު އޮތީ ކުޅުނު ފަސް މެޗުން ލިބިފައިވާ 11 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އެއީ، އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއަށް ވުރެ އެއް ޕޮއިންޓް ފަހަތުންނެވެ. ނަމަވެސް، ބާސާ މި ހަފުތާގައި ކުޅެން ހަމަޖެހިފައިވާ މެޗު ކާމިޔާބުކޮށްފިނަމަ މި ފަރަގު އަނެއްކާ ވެސް ހަތަރު ޕޮއިންޓަށް އިތުރުވާނެއެވެ.

މެޗުން ބަލިވުމުން ސޮސިއެޑާޑް މި ވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގައެވެ.

ލަލީގާގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު ވިޔަރެއާލާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ވިޔަރެއާލެވެ. މެޗުގައި ވިޔަރެއާލުން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލޯގަން ކޯސްޓާއާއި އަޔޯޒޭ ޕެރޭޒްއެވެ. މަޔޮކާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ވިޔަރެއާލްގެ ރައުލް އަލްބިއޯލް އަތުން ބައިކޮޅަށް ވަން ލަނދެކެވެ.

މި ނަތީޖާއާ އެކު ވިޔަރެއާލް މިހާރު އޮތީ ފަސް މެޗުން ލިބިފައިވާ 11 ޕޮއިންޓާ އެކު ރެއާލްގެ ފަހަތުން ތިންވަނައިގައެވެ. އަދި، މަޔޯކާ އޮތީ ފަސް ޕޮއިންޓާ އެކު 11 ވަނައިގައެވެ.

މީގެ އިތުރުން، އެސްޕަންޔޯލާއި އަލަވޭޒް ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށްފައިވަނީ އެސްޕަންޔޯލެވެ. މެޗުގައި އެސްޕަންޔޯލްގެ ތިން ލަނޑު ޖަހައި، ހާވީ ޕުއާޑޯ ހެޓްރިކް ހަދާފައިވާއިރު އަލަވޭޒްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ކޮނެޗްނީއާއި ނަހުއެލް ޓެނަގްލިއާއެވެ.

ލީގުގައި ސެވިއްޔާއާއި ގެޓާފޭ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ސެވިއްޔާއެވެ. މެޗުގައި ސެވިއްޔާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހޭސުސް ނަވާސެވެ.

comment ކޮމެންޓް