ވޮޝިންޓަން (14 ސެޕްޓެމްބަރު 2024): ހުޅަނގުގައި އުފައްދާ ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ރަޝިއާގެ ތެރެއަށް ހަމަލާދިނުމުގެ ހުއްދަ ދީފިނަމަ ރަޝިއާއިން ޔަމަންގެ ހޫޘީންނަށް ޒަމާނީ ބަރުހަތިޔާރު ދޭނެކަމުގެ ކަންބޮޑުވުން އެމެރިކާއާއި އިނގިރޭސިވިލާތުން ފާޅުކޮށްފިއެވެ.
އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން ހުޅަނގުގެ ބާރުގަދަ ހަތިޔާރު ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއާއި ޔޫރަޕުން ޔުކްރެއިންއަށް ދީފިނަމަ ރަޝިއާއިން ޔަމަންގެ ހޫޘީންނަށް ބަރުހަތިޔާރު ފޯރުކޮށްދޭނެކަން އެމެރިކާއަށް މިހާރުވަނީ ޔަގީން ވެފައެވެ.
އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއިރު ސްޓާމާ އާއެކު ވައިޓް ހައުސްގައި ބައިޑެން ކުރެއްވި މަޝްވަރާތަކުގެ ބޮޑުބައި ބިނާކުރެއްވީވެސް މިމައްސަލައާބެހޭގޮތުންނެވެ.
އެމެރިކާގެ މަނަވަރުތަކާއި އެއާކްރާފްޓް ކެރިއާ ފަދަ ބިޔަ އުޅަނދުތަކަށް ހަމަލާދެވޭވަރުގެ ބާރުގަދަ ބަލިސްޓުކް މިސައިލް ހޫޘީންނަށް ދިނުމަކީ ރަޝިއާއަށް ކުރެވިދާނެކަމެކެވެ. މިކަމުގެ އިންޒާރު ތިންވަނަ ގައުމެއް މެދުވެރިކޮށް ރަޝިއާ އިން މިހާރު ވަނީ އެމެރިކާއަށް ދީފައިކަމަށް "ވޯލްސްޓްރީޓް ޖާނަލް" ބުނެއެވެ.
ޔަމަންގެ ހޫޘީންނަކީ މިހާރުވެސް އީރާނުގައި އުފައްދާ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލާއި އެމެރިކާގެ އާގު ބޯޓުތަކަށް ހަމަލާތައް ދެމުންގެންދާ ޖަމާއަތެކެވެ. އަދި ހޫޘީންވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ މެދުތެރެއަށްވެސް މީގެ ތިން މަސްކުރިން ޑްރޯން ހަމަލާއެއް ދީފައެވެ. ފާއިތުވި މަސްތަކުގައި ހޫޘިންވަނީ އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ޑްރޯންކަމަށްވާ "އެމްކިޔު ނައިން" މަރުކާގެ ނުވަ ޑްރޯން ވައްޓާލާފައެވެ.
އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިފަދަ ހަތިޔާރެއް ބޭނުންކޮށްފިނަމަ އެމެރިކާ ސިފައިންގެ އެތައް ސަތޭކަ ބަޔަކު މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރަޝިއާގެ އިސްކަންދަރު މަރުކާގެ މިސައިލްއާއި ކެލިބަރ މަރުކާގެ މިސައިލްތަކަކީ ސެޓަލައިޓް ގައިޑެޑް އަދި އަމިއްލައަށް އަމާޒު ހޯދައިގެން ދަތުރުކުރާ ސްމާޓް މިސައިލްތަކެކެވެ. މިތަކެއްޗަށް ހުރަސްއަޅައި ވައްޓާލުމުގެ ގާބިލުކަން އެމެރިކާގެ މަނަވަރުތަކުގައި ހުރިނަމަވެސް އެއީ އެހާ ފަސޭހަ ކަމެއްނޫނެވެ. ދިފާއީ ނިޒާމުތައް ފޫއަޅުވާލައި އަމާޒަށް ވާސިލްވުމުގެ ގާބިލުކަން މިފަދަ މިސައިލްތަކުގައި ވަރަށް ބޮޑުކަމަށްވެއެވެ.
އެހެންކަމުން ހޫޘީން މިފަދަ މިސައިލްތައް އެމެރިކާގެ މަނަވަރުތަކާ ދެކޮޅަށް ބޭނުންކޮށްފިނަމަ އެތަކެތިން ސަލާމަތް ވާން އެމެރިކާގެ މަނަވަރުތަކަށް ފަސޭހައެއް ނުވާނެއެވެ. އެމެރިކާގެ މަނަވަރުތަކަށް އެތަކެތި އަރައި ބޮޑެތި ގެއްލުންތަކެއް ވުމަކީ ވަރަށް ގާތްކަމެއްކަން އެމެރިކާ އިހުސާސް ކުރާކަމަށް "ވޯލްސްޓްރީޓް ޖާނަލް" ބުނެއެވެ.
ހުޅަނގުން މިހާރުވަނީ ޔުކްރެއިން ހަނގުރާމައިގާ ގެންގުޅޭ ސްޓްރެޓެޖީތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. ކުރިޔާ ޚިލާފަށް މިހާރު އެމެރިކާއާއި ޔޫރަޕުން ގެންދަނީ ރަޝިއާ ހިފާފައިވަ ޔުކްރެއިންގެ ސަރަހައްދުތައް މިނިވަން ކުރަން ހަމަލާދިނުމުގެ ބަދަލުގައި ރަޝިއާގެ އެތެރެއަށް ހަމަލާދިނުމަށް ބޭނުންވާ ބާރުގަދަ މިސައިލްތައް ޔުކްރެއިންއަށް ފޯރުކޮށްދެމުންނެވެ.
ޔުކްރެއިންއަށް ދީފައިވާ މިފަދަ ބާރުގަދަ މިސައިލްތަކުގެ ތެރޭގައި އެމެރިކާގައި އުފައްދާ "އަޓަކަމްސް" މަރުކާގެ މިސައިލްއާއި "ޖަސުމް" މަރުކާގެ މިސައިލްއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ގުޅިގެން އުފައްދާ "ސްޓޯމްޝެޑޯ" މަރުކާގެ މިސައިލް ހިމެނެއެވެ.
މި ތިން ގައުމުވެސް ގެންދަނީ މިތިން ބާވަތުގެ މިސައިލުން ރަޝިއާއަށް ސީދާގޮތެއްގައި ހަމަލާދިނުމުގެ ހުއްދަ ޔުކްރެއިންއަށް ދިނުމާމެދު މަޝްވަރާކުރަމުންނެވެ. ނަމަވެސް ހުއްދަ ދިނުމުގެ ކުރިން މިކަމުގެ ރައްދުގައި ރަޝިއާ އަޅާފާނެ ހަރުކަށި ފިޔަވަޅުތަކާމެދު އެގައުމުތައް ބިރުވެސް ގަނެއެެވެ.
ރަޝިއާ ވަނީ ހުޅަނގުން ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ދޭތީ އެކަމުގެ ރައްދެއްގެ ގޮތުން އީރާނާއެކު އަސްކަރީ ގުޅުންތައް ވަރުގަދަ ކޮށްފައެވެ. ރަޝިއާ މިހާރުވަނީ އެގައުމުގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުކަމަށްވާ އެސް-400 މަރުކާގެ އެންޓި މިސައިލް ނިޒާމުގެ ދެ ނިޒާމު އޭގެ ބެޓެރީތަކާއެކު އީރާނަށް ދާދިފަހުން ފޯރުކޮށްދީފައެވެ. އަދި ރަޝިއާ ގެންދަނީ އީރާނާއެކު ވަރަށް ފުޅާ ދާއިރާއެއްގެ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުންނެވެ.
އެސް-400 މަރުކާގެ އެންޓި މިސައިލް ނިޒާމަކީ ފައިޓާ ޖެޓާއި ޑްރޯނާއި މިސައިލުން ދޭ ހަމަލާތައްވެސް މައިތިރިކޮށްލެވޭ ވަރުގެ ސޮފިސްޓިކޭޓެޑް ނިޒާމެކެވެ. އީރާނުގެ އިތުރުން ރަޝިއާ މިނިޒާމު ވިއްކާފައިވަނީވެސް ވަރަށް މަދު ގައުމަކަށެވެ.
މީގެއިތުރުން ނަންހާމަކުރަން ބޭނުންނުވާ ރަޝިއާގެ މަސްއޫލުވެރިއަކުވަނީ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދެވޭ ވަރުގެ ބާރުގަދަ ހަތިޔާރު ޔަމަންގެ ހޫޘީންނަށް ދޭނެކަމުގެ އިންޒާރު ދާދިފަހުން ދީފައެވެ.
އަދި ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންވަނީ ހުޅަނގުގެ ބަރުހަތިޔާރުން ރަޝިއާއަށް ހަމަލާދިނުމުގެ ހުއްދަ ހުޅަނގުގެ ލީޑަރުން ދެއްވައިފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ ވަރުގަދަ އިންޒާރެއް ދާދިފަހުން ދެއްވާފައެވެ.
ރަޝިއާއަކީ އެމެރިކާއާއި ޔޫރަޕްގެ ކޮންމެ ތަނަކަށްވެސް އާދައިގެ ހަތިޔާރުންނާއި ނިއުކްލިޔާ ހަތިޔާރާއި ކެމިކަލް ހަތިޔާރުފަދަ ފަނާކުރަނިވި ހަތިޔާރުންވެސް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ.
ރަޝިއާއާ ސީދާ ގޮތެއްގައި އަސްކަރީ ގޮތުން ކުރިމަތިލުމަކަށް ދިޔުމަށް އެމެރިކާވެސް އަދި އެމެރިކާގެ ކޮންޓްރޯލް އޮންނަ ޔޫރަޕްވެސް ބޭނުމެއް ނުވެއެވެ. މިކަމަށް އެދެފަރާތުންވެސް ވަރަށް ފަސްޖެހެއެވެ.
ޔުކްރެއިނުން އެމެރިކާއާއި ޔޫރަޕްގެ ބާރުގަދަ މިސައިލްތަކުން ރަޝިއާއަށް ދޭ ހަމަލާތަކަކީ މިސައިލް އައްޑަނައިގެ ނިޒާމުތައް ބޭނުންކޮށްގެން ރަޝިއާއިން އެއަށް ހުރަސްއެޅިދާނެ ހަމަލާތަކެކެވެ. ނަމަވެސް ގިނައިން ހަމަލާތައް ދޭނަމަ އޭގެތެރެއިން ބައެއް ހަމަލާތައް ރަޝިއާއަށް އެރުމުގެ ފުރުސަތު ބޮޑެވެ.