ޑެންމާކުގެ ސަރަހައްދެއް ކަމަށްވާ ގްރީންލޭންޑްގެ ކޮންޓްރޯލް ހޯދުމަށް ވަރުގަދަ އަމާޒުތަކެއް ކަނޑައަޅައި، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ގްރީންލޭންޑްގެ ބޮޑުވަޒީރު މޫޓް އެޖް ހުކުރު ދުވަހު ވިދާޅުވީ ޓްރަމްޕާ ވާހަކަ ދައްކަން ތައްޔާރަށް ހުރި ކަމަށާއި ގްރީންލޭންޑްގެ އުންމީދުތަކަށް ވެސް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިނިވަން ވާން ބޭނުން. އަޅުގަނޑުމެންގެ އަމިއްލަ ގޭގެ ވެރިއަކަށް ވާން ބޭނުން. މިއީ އިހުތިރާމް ކުރަންޖެހޭ ކަންކަން." އެޖް ވިދާޅުވިއެވެ.
މީގެ އިތުރުން ގްރީންލޭންޑްގެ ސަލާމަތީ ކަންކަން ކުރިއެރުވުމަށާއި އެމެރިކާގެ އަސްކަރިއްޔާ އެ ސަރަހައްދުގައި ބައިތިއްބުމާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭނުންވާކަން ހާމަކޮށް ޑެންމާކުގެ އޮފިޝަލުން ވަނީ ޓްރަމްޕްގެ ޓީމަށް މެސެޖުތަކެއް ވެސް ފޮނުވާފައެވެ. އަދި ޑެންމާކުން ވަނީ ގްރީންލޭންޑްގައި އެމެރިކާގެ އަސްކަރިއްޔާ ވަރަށް ބޮޑަށް އިތުރުކޮށް، އާކްޓިކް އިންސްޕެކްޝަން ދެ އުޅަނދެއް ގަތުމާއި ޑޯގް ސްލޭޑް ޕެޓްރޯލް އިތުރު ކުރުމަށް ހުށަހަޅާފައެވެ.
ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ބުރާސްފަތި ދުވަހު ވިދާޅުވީ ޓްރަމްޕާ ބައްދަލުކުރެއްވުމަށް އެދުނު ނަމަވެސް ޓްރަމްޕްގެ ވެރިކަމުގެ ކުރިން އެކަން ވާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.
ގްރީންލޭންޑް ގަތުމަށް ކިހާވަރެއް ޚަރަދުވާނެ؟
ފަންސާސް ހަތް ހާސް މީހުން ދިރިއުޅޭ ގްރީންލޭންޑަކީ 1953ވަނަ އަހަރާ ހަމައަށް ޑެންމާކުގެ ކޮލޮނީއެއް ނަމަވެސް މިހާރު އެއީ އަމިއްލައަށް ވެރިކަންކުރާ ޑެންމާކުގެ ސަރަހައްދެކެވެ. 2009ވަނަ އަހަރު ނެގި ވޯޓަކުން މިނިވަންކަން ހޯދުމުގެ ހައްގު ގްރީންލޭންޑަށް ކަށަވަރުކޮށްދިނެވެ. އެމެރިކާއިން އަސްކަރީ މަރުކަޒު ގާއިމުކޮށްފައި ވަނީ އެސަރަހައްދުގެ އުތުރުގައެވެ.
އަށްސަތޭކަ ތިރީސް ހާސް އަކަމީޓަރު (2.1 މިލިއަން އަކަމީޓަރު)ގެ ގްރީންލޭންޑް ވިއްކުމަށް މިވަގުތު ބާޒާރުގައި ނެތުމުން، އެތަނުގެ އަގެއް އެއްވެސް ވަރަކަށް ލިބިފައި ނުވާ ކަމަށް ބީބީސީން ބުނެއެވެ. ނަމަވެސް ރިއަލް އެސްޓޭޓް ޑިވެލޮޕާ އަދި ނިއުޔޯކް ފެޑްގެ ކުރީގެ އިކޮނޮމިސްޓް ޑޭވިޑް ބާކާ ލަފާކުރައްވާ ގޮތުގައި ގްރީންލޭންޑްގެ އަގު 12.5 ބިލިއަން ޑޮލަރާއި 77 ބިލިއަން ޑޮލަރަށް އަރާފާނެއެވެ.
"ބޮޑު އިގުތިސާދަކަށް އިތުރަށް ފައިސާ ދެއްކޭނެ، އަދި ބޮޑު އިގުތިސާދެއްގައި ބޮޑު އަގެއް ޑިމާންޑް ކުރާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.
ބާކާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ އިގުތިސާދު ސައިޒާ ގުޅިފައި އޮތުމުން އެމެރިކާގެ ދިފާއީ ދާއިރާގައި ގްރީންލޭންޑްގެ ދައުރު އިތުރުވާ މިންވަރަށް އެގައުމުގެ އަގު އިތުރުވާނެއެވެ. ނަމަވެސް އޭގެ އަގު ހަމައެކަނި ބިނާވެފައި ވަނީ މަޢުދަންތަކުގެ މައްޗަށް ނަމަ އިގުތިސާދުގެ ސައިޒު އެހާ މުހިންމެއް ނުވާނެއެވެ.
ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި މީގެ ކުރިން ވަނީ ގްރީންލޭންޑްގެ އަގު 1.1 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް އެއީ ރަގަޅު އަންދާޒާއެއް ނޫން ކަމަށް ބަކާ ވިދާޅުވެއެވެ.
ގްރީންލޭންޑްގެ ޖީޑީޕީ ގާތްގަނޑަކަށް 3.236 ބިލިއަން ޑޮލަރަށް އަރާ ނަމަވެސް، އުމްރާނީ ވަސީލަތްތަކާއި ދިރިއުޅުމުގެ ފެންވަރާއި ސްޓްރެޓެޖިކް ލޮކޭޝަނާ އެކު އޭގެ ބޭނުން ނުކުރެވޭ ވަސީލަތްތައް ޖީޑީޕީގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް އެކަން ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ބަކާ ވިދާޅުވިއެވެ.
ގްރީންލޭންޑް ކޮންޓްރޯލު ކުރަން ޓްރަމްޕް ބޭނުންވަނީ ކީއްވެ؟
ގްރީންލޭންޑަކީ ޓެކްނޮލޮޖީއާއި ދިފާއީ ދާއިރާއަށް ކޮންމެހެން ބޭނުންވާ މައުދަންތަކުން މުއްސަނދި ގައުމެކެވެ. އޭގެ ތެރޭގައި މޯބައިލް ފޯނާއި އިލެކްޓްރިކް ވެހިކަލްތަކާއި ހަތިޔާރުތަކުގައި ބޭނުންކުރާ, މަދުން ނޫނީ ނުފެންނަ ބިމުގެ އުފެއްދުންތައް ހިމެނެއެވެ. ދުނިޔެއިން މަދު ލިބޭ ބިމުގެ މައުދަތަކުންތަކުގެ މާކެޓްގައި ޗައިނާ ވެރިކަން ކުރަމުންދާއިރު، ގްރީންލޭންޑްގެ ރިޒާވްތަކަށް އެމެރިކާގެ ޝައުގުވެރިކަން އަންނަނީ އިތުރުވަމުންނެވެ.
ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑް ހޯދަން ބޭނުންވަނީ ގައުމީ ދިފާއީ ސަބަބުތަކަށްޓަކައެވެ. ގްރީންލޭންޑް ކޮންޓްރޯލްގެ ދަށަށް ގެންގޮސް، އެމެރިކާއިން މަސައްކަތް ކުރަނީ ގްރީންލޭންޑާއި އާކްޓިކްގައި ރަޝިޔާއާއި ޗައިނާގެ ނުފޫޒު ބޮޑުވަމުންދާ ގޮތާ ދެކޮޅަށް މަސައްކަތްކޮށް، ޔޫރަޕާއި އެމެރިކާއާ ދެމެދު ސްޓްރެޓެޖިކް ގޮތުން ތަރައްގީވަމުން އަންނަ ބިންތަކުގައި އެގައުމުގެ ވެރިކަން ކަށަވަރުކުރުމަށެވެ.
މީގެ ކުރިން 2019ވަނަ އަހަރު ވެރިކަން ކުރެއްވިއިރު ވެސް ޓްރަމްޕް ވަނީ ގްރީންލޭންޑް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ރަސްމީ މަޝްވަރާއެއް ކުރުމުގެ ކުރިން ޑެންމާކުގެ އިތުރުން އެ ޖަޒީރާގެ އަމިއްލަ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އެ ހުށަހެޅުމާ ވަގުތުން ދެކޮޅު ހަދާފައެވެ.
ގްރީންލޭންޑްގެ ސަލާމަތާއި ދިފާއީ ދާއިރާގެ ޒިންމާ ޑެންމާކުން އުފުލަން ޖެހޭ ގޮތަށް އޮތް ނަމަވެސް، އެ ސަރަހައްދުގެ އަސްކަރީ ގާބިލްކަން ވަރަށް ކުޑައެވެ.