ސިކު ބައެއް; ފުނޑުފުނޑު ކޮށްލަނީ ކުޑަކުޑަ ކުދީންގެ މުޅި ހަޔާތް

ކުޑަކުދިން ހިމެނޭހެން އަންހެން ކުދިންގެ ބަރަހަނާ މަންޒަރު ވިއްކައި، ޓެލެގްރާމް ޗެނަލް ހަދައިގެން ފުޅާ ދާއިރާއެއްގައި އެކަންކުރި ތިން މީހުން: މި ފަދަ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ --

ނުލަފާކަމާއި 'ސިކު'ކަން ދާނީ މިހާ ހިސާބަށެވެ. ކުޑަކުޑަ ކުދީންގެ މުޅި ހަޔާތް ކުރިއަށް އޮއްވައި އެ ހަރާބުކޮށްލަނީ ރަހުމެއް، ކުލުނެއް، ހަމްދަރުދީއެއް، އިންސާނިއްޔަތުކަމެއް، އަގަލެއް ސަގަލެއް ވެސް ނެތިއެވެ.

ބަރަހަނާ މަންޒަރުތައް ވިއްކައިގެން، އެ ފައިސާއިން ކައިބޮއެ ހެދީ އެކަންޏެއް ނޫނެވެ. ކުޑަކުޑަ ކުދީންގެ ފޮޓޯއާއި ވީޑިއޯ ވެސް އެ ކަމަށް ހުސްވެ ތިބެގެން ހޯދައި، އެއިން ވިޔަފާރި ވެސް ކުރީއެވެ. އެއީ، ކޮން ގޯތި، ކޮން އުމުރެއްގެ، ކޮން ކުއްޖެއްކަން އެނގޭހެން ސޭލު އަޅުވައިގެންނެވެ.

ބަރަހަނާ 571 ޗެނަލް ޓެލެގްރާމުގައި ހިންގައި، 300،000 އަށްވުރެ ގިނަ ފޮޓޯއާއި ވީޑިއޯ ބޭނުންކުރީ ވިޔަފާރި އުސޫލުންނެވެ. އެ ކަމުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދިއެވެ.

ކުޑަކުޑަ ތުއްތު ކުދީންނަށް ޖިންސީ ގޯނާ ކުރާ ފޮޓޯއާއި ވީޑިއޯއާއި އެ ކުދީންނަށް އޮޅުވާލައިގެންނާއި ގްރޫމްކޮށްގެން ހޯދާ ނިވާކަންކުޑަ މަންޒަރުތަކާއި ހަޑިހުތުރު މަންޒަރުތައް ވިއްކީއެވެ. އެ ހޯދަން ރެއާއި ދުވާލު މަސައްކަތް ވެސް ކުރީއެވެ. އެ ކުދީން އެ ކަމުން އަރައިގަންނަން، ސަލާމަތްވާން އުޅުމުން ޖިންސީ އެދުންވެރިކަން ފުއްދައިދޭން އެދި ހުށަވެސްހެޅީއެވެ.

https://sun.mv/196660

ފުލުހުން މި މައްސަލައިގައި ހައްޔަރުކުރީ "ބައްޕަ" އުމުރު ދެ މީހުންނާއި ޒުވާނެކެވެ. އެއީ:

  • އުމުރުން 45 އަހަރުގެ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ،
  • އުމުރުން 46 އަހަރުގެ، ކ. މާލެ، ދަފުތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ
  • އުމުރުން 29 އަހަރުގެ، ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް

އޭގެ ތެރެއިން ޒުވާނާގެ ހާދިސާ ވަރަށް ތަފުސީލުކޮށް ފުލުހުން މިއަދު ނޫސްވެރީންނަށް ކިޔައިދިނެވެ. މީހެއްގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޓެލެގްރާމްގައި ޕޯސްޓުކުރާނެ ކަމަށް ބުނެ ބިރުދެއްކީއެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ މި ބުނާ 'ވިކްޓިމް'އެވެ. އެހެންވެ، ޒަބީހުގެ ފޯނު ފުލުހުން ބަލައި ފާސްކުރިއިރު ތަފާތު އެކިއެކި ކުށްކުށުގެ 'ކޮންޓެންޓް' ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ސާޅީހުން މައްޗަށް ގޮސްފައި ތިބި ދެ މީހުންގެ ފޯނުން ވެސް ހަމަ އެ ޒާތުގެ ހަޑިހުތުރު، ދަށު ދަރަޖައިގެ މަންޒަރުތައް ފެނުނެވެ.

https://sun.mv/196504

ފުލުހުން ދެން ކިޔައިދިނީ ޒުބައިރުގެ ވާހަކައެވެ. އޭނާގެ ފޯނުން ފެނުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް އެކަންޏެއް ނޫނެވެ. އެ ކަންކަން އެހެން މީހުންނަށް ކިޔައިދޭން ވެސް އުޅެފައި ހުއްޓެވެ. ދެން އެކަން ވިކްޓިމަށް އެނގުނީމާ ބުނަނީ ފައިސާ ދޭށެވެ. ނޫނީ ޖިންސީ ގުޅުން ހިންގަން ދައުވަތު ވެސް ދެނީއެވެ.

"މި މައްސަލައިގައި ވެސް ފުދޭވަރަކަށް ގިނަ ކުޑަކުދިންގެ ކޮންޓެންޓް އަދި ހަމައެކަނި ދުނިޔޭގެ އެހެން ގައުމުތަކުގެ ކުޑަކުދިންގެ ފޮޓޯތައް ހޯދުމަށްޓަކައި ވެސް ޝައުގުވެރިކަން ފާޅުކޮށްފައި [ވަނީ]،" އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ކަމުގެ ސީރިއަސްކަން ވިދާޅުވެދެއްވިއެވެ.

"އަދި މިއީ މި މައްސަލައިގެ ތެރެއިން. ދެން އަޅުގަނޑުމެންނަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާއި މި މައްސަލައާ ގުޅޭ ޓްރީތައް ހަދައިލާފައި ބަލައިލީމާ ދެއްތޯ އެގްޒެކްޓް ފިގާ [އެނގޭނީ]،"

ލީކުވަނީ ކިހިނެއް؟

އެކިއެކި ނަންނަމުގައި އެތައް ހާސް ޓެލެގްރާމް ޗެނަލެއް ހިންގަނީ އެއަށް ޑިމާންޑް ވެސް އޮތީމައެވެ. ފުލުހުން ބުނި ގޮތުގައި އެ މަންޒަރުތައް ގަންނަ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅަން ޖެހިލުމެއް ނުވާނެއެވެ. އެކަމަކު، ދެން އަހާނެ، އުފެދޭނެ އެންމެ ބޮޑު ސުވާލަކީ ފޮޓޯ ލީކުވަނީ ކިހިނެއްތޯއެވެ؟

https://sun.mv/196503

ފުލުހުންގެ އިންސްޕެކްޓަރު އަޒީފް ވިދާޅުވި ގޮތުގައި ލީކުނުވިޔަސް، މި މީހުން ފާޑުފާޑުގެ ގޮތްގޮތަށް އެޑިޓްކޮށްގެން ހެދުން ލައިގެން ތިބޭ ފޮޓޯތައް ވެސް އެބަ 'ބަރަހަނާ' ކުރެއެވެ.

"ޕޭޓާނަށް ބަލާނަމަ އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ އަޅުގަނޑުމެންގެ ތެރޭގައި ޚާއްސަކޮށް މިހާރުގެ ޖީލަށް ވިސްނިފައި އޮންނަނީ ވަރަށް އާދައިގެ ކުޑަ ކަމެއް ކަމަށް. މި ކަހަލަ ކަންތައްތަކަކީ،" މި ޖީލުގެ ކުދިން މީސްމީޑިއާއަށް ދޫކޮށްލާ ފޮޓޯއާއި ވީޑިއޯތައް ދޫކޮށްލުމުގެ ކުރިން ވިސްނާންވާ މިންވަރަށް ނުވިސްނާކަން ފާހަގަކުރައްވައި އަޒީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ސޯޝަލް މީޑިއާގައި ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައި ހުންނަ ފޮޓޯތައް އެޑިޓްކޮށްގެން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއަށް [ބަދަލު ކުރާކަން]،"

އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް: އޭނާ ވިދާޅުވީ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކާ މެދު ވިސްނަންޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ހަމައެކަނި އެޑިޓް ކުރާ ފޮޓޯތަކެއް ނޫނެވެ. ގަދަކަމުން ބިރުދައްކައިގެން ނަގާ ވީޑިއޯ ވެސް ހިމެނެއެވެ. އެންމެ ބޮޑަށް އިތުބާރުކުރާ 'ލޯބިވެރިޔާ'އަށް ފޮނުވާ ފޮޓޯ ވެސް ހިމެނެއެވެ. ޚާއްސަކޮށް ސްނެޕްޗެޓުން ފޮނުވާ ވީޑިއޯއާއި ފޮޓޯ ރިކޯޑުކޮށްގެން ލީކުކުރާކަން ފުލުހުން ފާހަގަކުރިއެވެ.

ދެވަނަ މީހަކު ނުކުރާނެކަން ޔަގީންވާ ވަރުގެ އަދަބެއް ދޭންޖެހޭ

މި ފަދަ މުޑުދާރު، ހުތުރުކަން ބޮޑު، ލަދުކުޑަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ފާޅުކަން ބޮޑު، ސުންޕާ އަދަބުތައް ދޭންޖެހެއެވެ. އެ ނުބައި ނުލަފާކަން ދެވަނަ މީހެއްގެ ހިތަށް ނާރާވަރުގެ އަދަބުތައް ދޭތަން ދައްކަން އެބަޖެހެއެވެ. ކުށް ކޮށްފައި ފިލަން ދުއްވައިނުގަނެވޭނެކަން ޔަގީންވާން ޖެހެއެވެ.

އެކަމަކު، ފުލުހުންނަށް ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ކަމަކީ ދުނިޔެ ތަރައްގީވަމުން އަންނަ ދުވެލީގައި ރާއްޖޭގެ ދުވަސްވީ ގާނޫނުތައް އިސްލާހުވަމުން ނައުމެވެ. މައްސަލަތައް އިތުރުވާ ސްޕީޑުގައި ގާނޫނުތައް ފައްކާވަމުން ނައުމެވެ.

ފުލުހުން ހުއްޓުވި ބައެއް ބަރަހަނާ ޓެލެގްރާމް ޗެނަލްތަކުގެ ތަފުސީލުތައް --

"ޓެލެގްރާމަކީ ބޭރުގެ އައިއެސްޕީތަކުން ހިންގާ ޕްލެޓްފޯމަކަށް ވާތީ އަޅުގަނޑުމެންނަށް ޗެލެންޖުތަކެއް އެބަހުރި މައުލޫމާތު ހޯދައި ލިބިގަތުމުގައި. މި މައްސަލައާ ގުޅޭ އެކަށިގެންވާ މައުލޫމާތު ހޯދުމަށްޓަކައި ފުދޭ ވަރަކަށް ވަގުތު ނެގި. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ގިނަވެގެން ދިޔަ،" އަޒީފް ފާހަގަކުރެއްވިއެވެ.

އެއީ، ރާއްޖޭގެ ގާނޫނުތަކުގައި ހުރި އެއް އުނިކަމެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް ތަފާތެވެ.

ގާނޫނުތަކާ ފުށުއަރާ އަދި އަމުދުން ކުޑަކުދީންގެ ރައްކާތެރިކަން ނަގާލައި އެ ކުދީންގެ ސަލާމަތްތެރިކަން ގެއްލޭ ފަދަ ލަދުކުޑަ ޖަރީމާތައް ހުއްޓުވަން ދަތިވާގޮތަށް ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ޕޮލިސީތައް ހުންނަ ނަމަ އެ ކުންފުނިތަކާ ދެކޮޅަށް ވެސް ދައުވާކުރެއެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރެއެވެ. ޓެލެގްރާމްގެ ސީއީއޯ ފްރާންސްގައި މި ފަހުން ހައްޔަރުކުރީ ވެސް މިހެން އޮތް ކަމެއްގައެވެ.

ފުލުހުން ބުނި ގޮތުގައި މަޖިލީހުގައި މިހާރު އޮތް ސައިބާކްރައިމްގެ ގާނޫނު ފާސްވުމުން ތަހުގީގުތަކަށް ބޮޑެތި ލުއިތަކެއް ލިބޭނެއެވެ. އެ ކަމަށް ހޭދަވާ ވަގުތު ވެސް މަދު ކުރެވޭނެއެވެ.

އެކަމަކު، ޒުބައިރު އަލީއާއި ނާސިފު އަދި ޒަބީހްގެ މައްޗަށް ތުހުމަތު ކުރެވޭ ފަދަ މުޑުދާރު، ލަދުކުޑަ، އިންސާނިއްޔަތު ކަމެއް ނެތް، ނުލަފާ ކަންތައްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ޚާއްސަކޮށް ކުޑަކުދީންގެ މުޅި ޒިންދަގީ ބަރުބާދުކޮށްލާފައި ގޮސް ފިލާ ނޯއެވޭނެކަން އެނގެން ޖެހެއެވެ. އެއީ، އެކަން ކުރާ އެހެން މީހުންނަށް ހުރި އިބުރަތެއް ކަމަށް ދައްކަން ޖެހެއެވެ.

ކުޑަކުޑަ ކުދީންގެ މުޅި ހަޔާތް ފުނޑުފުނޑު ކޮށްލާފައި އެހެން އޮތަ ދީގެން ނުވާނެއެވެ.

comment ކޮމެންޓް