ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހޯދައި، ގަތް މީހުންނަށް ވެސް ފިޔަވަޅު އަޅާނަން: ފުލުހުން

ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ހައްޔަރުކުރި މީހުން: އެ މީހުންގެ ފޯނުތަކުން ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ފެނުނު ކަމަށް ފުލުހުން ބުނެފައިވޭ --

ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ ސޯޝަލް މީޑިއާ ޗެނަލްތަކުގެ މައްސަލައިގައި، އެފަދަ ފޮޓޯ އާއި ވީޑިއޯ ހޯދައި، ގަނެފައިވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް އިންސްޕެކްޓަރު އަޒީފް އައްބާސް ވިދާޅުވީ، އެފަދަ މައްސަލަތަކުގެ ފިޔަވަޅު އަޅަން ގާނޫނުން ތަންދޭ ކަމަށާއި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

"މި މައްސަލައިގެ ތެރޭގައި މި މަސައްކަތް ކުރަނީ ޕީޖީއާ ވާހަކަ ދައްކައިގެން ނަމަވެސް ސަބްސްކްރައިބް ކޮށްފައި ތިބި ފަރާތްތަކަށް އަދި އިތުރު ފަރާތްތަކަށް، އެ ފޮޓޯ ހޯދުމަށް މަސައްކަތް ކުރި ފަރާތްތަކަށް ވެސް ގާނޫނުގެ މަތިން އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި އެފަދަ ފޮޓޯއާއި ވީޑިއޯ ދައުރުކުރާ 571 ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެ ޗެނަލްތަކުގައި އެކި މީހުންގެ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވާއިރު، 34,680 މީހުން އެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވެއެވެ.

އެ ޗެނަލްތަކުން ފޮޓޯއާއި ވީޑިއޯ ބެލުމަށް ސަބްސްކްރައިބަރުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ އަދި ޖިންސީ ގޯނާގެ ފޮޓޯ އާއި ވީޑިއޯ ދައުރުކުރާ 43 ޓެލެގްރާމް ޗެނަލް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އަޒީފް ވިދާޅުވި ގޮތުގައި އެ ޗެނަލްތަކުގައި ދައުރުކުރި ފޮޓޯއާއި ވީޑިއޯތަކުން 18 އަހަރުން ދަށުގެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 45 އަހަރުގެ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ،
  • އުމުރުން 46 އަހަރުގެ، ކ. މާލެ، ދަފުތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ
  • އުމުރުން 29 އަހަރުގެ، ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް

ޒުބައިރާއި ނާސިފް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. ރަބީހު ހައްޔަރުކުރީ މިދިޔަ މަހުގެ 20ވަނަ ދުވަހެވެ.

އޭގެ ތެރެއިން ޒަބީހު ހައްޔަރުކުރީ، އޭނާ ވިކްޓިމްއަކަށް ބިރު ދައްކައި، ޓެލެގްރާމްގައި ފޮޓޯ ޕޯސްޓްކުރާނެ ކަމުގެ އިންޒާރު ދިނުމުން އެ ވިކްޓިމް ހިއްސާކުރި މައުލޫމާތާ ގުޅިގެން ކަމަށް އަޒީފް ވިދާޅުވިއެވެ.

ޒަބީހުގެ ފޯނު ބަލައި ފާސްކުރުމުން ތަފާތު ކުށްތައް ހިމެނޭ ކޮންޓެންޓް ފެނިފައިވާ ކަމަށެވެ.

ނާސިފްގެ ފޯނުން ވެސް ބަރަހަނާ ފޮޓޯއާއި ވީޑިއޯގެ އިތުރަށް ފައިސާގެ ޓްރާންސެކްޝަންތައް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް އަޒީފް ވިދާޅުވިއެވެ. އެހެންވެ، ޗެނަލްތައް ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އޭނާއަށް ވެސް ކުރެވޭ ކަމަށް އަޒީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުބައިރުގެ ފޯނު ބަލައި ފާސްކުރުމުން ކުޑަކުދިންގެ ބަރަހަނާ މަންޒަރާއި ޖިންސީ ގޯނާ ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަކާއި، އެހެން މީހުންނަށް އެކަންތައްތައް ކިޔައިދޭން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މި ނޫނަސް ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެއީ ޒުބައިރު އަލީ އިންޓްރެސްޓް ހުރެ، ހޯދުމަށް މަސައްކަތް ކުރާ އެއްޗެއް ކަމުގައި ވެސް މި ޗެނަލްތައް މެދުވެރިކޮށް ތަފާތު އެކިއެކި މީހުންނާ ވާހަކަދައްކައި ފޮޓޯތައް ހޯދުމަށްޓަކައި ވެސް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވުނު،" އަޒީފް ވިދާޅުވިއެވެ.

އެ ޗެނަލްތަކުގައި ދައުރުކުރި ފޮޓޯއާއި ވީޑިއޯތައް ނަގަން މީހުން އެދުމުން، އެ މީހުންގެ އަތުން ފައިސާ ހޯދަން ވެސް ޒުބައިރު މަސައްކަތް ކުރިކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އެންމެ ހިތާމަވެރިކަމަކީ ޒުބައިރު އަލީ މި އަމަލު ހިންގަމުން ދިޔައިރު މީގެ ވިކްޓިމައިޒްވި ފަރާތްތައް ޗެނަލްތަކުގެ ތެރެއިން ކޮމިއުނިކޭޓްކޮށް އެ އެއްޗެހިތައް ނެގުމަށް ޓަކައި ރިމޫވް ކުރުމަށް ޓަކައި މަސައްކަތްކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި ޒުބައިރު އަލީ އޭގެ ތެރެއިން ވެސް ނާޖާއިޒު ގޮތުގައި ފައިސާގެ މުއާމަލާތްތައް ހިންގުމަށް ޑިމާންޑުކޮށްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.

"އޭގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތެރެއިން ޖިންސީ އަމަލު ހިންގުމަށް ވެސް ރިކުއެސްޓްކޮށްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ."

ބަރަހަނާ މަންޒަރުތައް ހިއްސާކުރާ ޗެނަލްތައް ފުލުހުން މީގެ ކުރިން ވެސް ހޯދައި، ހިފަހައްޓައިފައިވެއެވެ.

comment ކޮމެންޓް