ކުޑަ މިސާލެކެވެ. ރޭ މާފަންނު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު, ބޭއްވެވި ބައްދަލުވުމުގައި އަންހެނަކު ވަނީ, 80 ރުފިޔާއަށް ކުރިން ގަންނަމުން ދިޔަ ޕެޑްގެ އަގު 190 ރުފިޔާއަށް އުފުލިފައިވާތީ އެކަން ހައްލުކޮށްދޭން ރައީސަށް ދަންނަވައިފައެވެ. މީގެ ހަފުތާއެއް ކުރިން 88 ރުފިޔާއަށް ގަތް ކޮފީ ފުޅިއެއްގެ އަގު އިއްޔެ ގަތްއިރު 96 ރުފިޔާއަށް އެރުމުން އޭނާ އެ ކަންބޮޑުވުން އޮއްސާލިއެވެ. މިއީ ހައެއްކަ މަސް ތެރޭގައި ތަކެތީގެ އަގުތަކަށް އައި ބަދަލުކަން ރައީސްގެ ސަމާލުކަމަށް ގެންނެވިއެވެ.
އެ ކަންބޮޑުވުންތައް ބަންޑުންކޮށްލަމުން, އޭނާ ބުނިހެން އެ ވާހަކަދެއްކުމަކީ އެއްގޮތަކަށް ވެސް ހީފައި, މަލާމާތްކުރަން ޖެހޭ ސަބަބެއް ނޫނެވެ. މިއީ ރައްޔިތުން އުޅެމުން އަންނަ ދަތި ހާލަތުގެ ކުޑަ މިސާލެކެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގައި މިފަދަ އެތައް ކަމެއް އެބަ ފެނެއެވެ. ދެހާސް ފަންސަވީސް ވަނަ އަހަރު ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު, އެ ގައުމެއްގެ އާއްމު ރައްޔިތުންނަށް ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ނަމަވެސް, ރައްޔިތު ބައްދަލުވުންތަކުގެ ނަމުގައި ރައީސް މުއިއްޒު ކުރިއަށް މިގެންދަވާ ބައްދަލުވުންތަކުން ސިފަ ވަނީ އެ މަންޒަރެއް ނޫނެވެ. އޭގެ ބަދަލުގައި ސިފަވަނީ ބާރުތައް އެއްކުރައްވައިގެން މީގެ 17 އަހަރު ކުރިން ކުރައްވަމުން ގެންދެވި ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މިނިވަން ބަހުސެވެ. އޭރު ވެސް އުޅުނީ އަސާސީ ޚިދުމަތާއި އިންސާފާއި މިނިވަންކަން ނުލިބިގެންނެވެ.
ރައްޔިތު ބައްދަލުވުންތަކުގައި މިއަދު ވެސް އެތައް ރައްޔިތުންނެއް އަސަރާ އެކު, އާދޭސް ކުރަމުން އެ ބުނަނީ, އެ މީހުން ދުނިޔޭގައި ތިބުމަށް ކޮންމެހެން ކާން ޖެހޭ ބޭސް ނުލިބޭ ވާހަކައެވެ. ތުއްތު ދަރިފުޅަށް ދޭ ކިރު ދަޅުގެ އަގު އަތްނުފޯރާ ފަށަށް ދެތިން މަސް ދުވަހުގެ ތެރޭގައި އަގު އުފުލުނު ވާހަކައެވެ. ބޯހިޔާވަހިކަން ނުލިބޭތާ ލިބޭނެކަމުގެ އުންމީދު ވެސް ނެތްކަމުގެ ޝަކުވާއެވެ. ނިކަ ގަހަކުން ސަލާމަތް ނުވެގެން އެތައް އާއިލާއެއް އުޅޭ ވާހަކައެވެ.
https://www.sun.mv/214346
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލަކު ފުރުސަތު ހޯއްދަވައިގެން ރައީސަށް އާދޭސް ދަންނަވަން ޖެހުނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓާލައްވާށެވެ. އާއްމު ރައްޔިތަކު ރޭ ވެސް ރައީސްގެ އަރިހުން އެ އާދޭހާއެކު އެދުނީ ތިން ބާރުވަކިވެފައިވާ ނިޒާމަކުން ވެރިކަން ކޮށްދެއްވުމަށެވެ. ސިފައިންނާއި ފުލުހުން, ސިޔާސީ ބޭނުމަށް ބޭނުން ނުކުރެއްވުމަށެވެ. ނޫސްވެރިއަކު ރޭގައި ވެސް އެ އެދުނީ މި ސަރުކާރުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބޮޑެތި ސިންގާ ކޮރަޕްޝަންގެ އަމަލުތައް ނުބަލާތީ, އެ ކަންކަން ބަލައި އިންސާފު ހޯދައި ދިނުމަށެވެ. މިހެންގޮސް މިފަދަ އެތައް ކަމެކެވެ.
މި ރައްޔިތު ބައްދަލުވުންތަކުން ހަގީގަތުގައި އަޅުގަނޑަށް ފެނުނު މަންޒަރަކީ ރާއްޖެ މި އޮތް ނިކަމެތި ހާލެވެ. ރައްޔިތުން އުޅެމުން އަންނަ ދަތި ދިރިއުޅުމެވެ. މިއީ ހަމައެކަނި މި ސަރުކާރުގެ ނުވަތަ ރައީސް މުއިއްޒުގެ އެކަނި މައްސަލައެއް ނޫނެވެ. މިއީ މުޅި ސިޔާސީ ނިޒާމާއި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގެ އިހުމާލެވެ. ގައުމު ފެއިލްވެފައިވާކަން މި ބައްދަލުވުންތަކުން އެކަނި ސިފަވެއެވެ.
ޒަމާނީ ޑިމޮކްރަސީއަކަށް ގައުމު ބަދަލުވި, އަދި ހިފަހައްޓާފައިވާ އެތައް މިނިވަން ކަމެއް ރައްޔިތުންނަށް ލިބުނީ, އޮގަސްޓް 7، 2008 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތަސްދީގުކުރެއްވި އާ ގާނޫނުއަސާސީއާ އެކުއެވެ. އެއާއެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް, އެތައް މުއައްސަސާއަކާއި އިދާރާތަކެއް އުފައްދައިފިއެވެ. އެކި ނަންނަމުގައި އެ ތަންތަނަށް ހާހުން, ދެ ހާހުން ވެރިން އައްޔަންކޮށްފިއެވެ. އެ މީހުންގެ މުސާރައާއި އިނާޔަތަކުގެ އިތުރުން އެ އިދާރާތައް ހިންގުމަށް އަހަރަކު ބިލިއަނުން އެބަ ޚަރަދުކުރެއެވެ.
ދެހާސް އަށްވަނަ އަހަރު ރާއްޖެ ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލުވިއިރު ދައުލަތުގެ ބަޖެޓަކީ އެންމެ 6.5 ބިލިއަން ރުފިޔާއެވެ. އޭގެ ފަހުން ބަޖެޓް ބޮޑުވަމުން ވަމުން ގޮސް އަންނަ އަހަރުގެ ބަޖެޓަކީ 64 ބިލިއަން ރުފިޔާއެވެ. ހަމައެކަނި ބޮޑުވީ ބަޖެޓެއް ނޫނެވެ. ބޯހިކެން ނެތްވަރަށް ދަރަނި ވެސް ބޮޑުވެއްޖެއެވެ. އެކަމަކު، ވީ ކޮން ކަމެއް ހެއްޔެވެ؟
ހަތަރު ލައްކަ ދިވެހީން ހަމަނުވާ މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ އަސާސީ ޚިދުމަތްތައް ވެސް ނުލިބެއެވެ. އިންސާފެއް ނުލިބެއެވެ. މުއައްސަސާތަކުގައި ހަމައެއް ލަމައެއް ނެތެވެ. އަދިވެސް ގަދަމީހާއަށް ގަދަ ގޮތެވެ. ދެރަ މީހާއަށް ދެރަގޮތެވެ.
މިކަމުން މި ބުނެދެނީ ކޮން ވާހަކައެއް؟
މި ވާ ގޮތެއް ޔަގީންކުރަން އެކި ދާއިރާތަކުން ތަޖުރިބާކާރު ގިނަ ބަޔަކާ ވާހަކަދެއްކީމެވެ. އެކަމުން އެނގުނީ, ރައްޔިތުންގެ މި ބައްދަލުވުންތަކުން މި އެނގެނީ ހަގީގީ ޑިމޮކްރަޓިކް ގައުމަކަށް ރާއްޖެ އަދިވެސް ނުވާ ކަމެވެ. އެއް ބާރެއްގެ ބާރުވެރިކަން މާ ގަދަ ކަމެވެ. ޒަމާނުއްސުރެ ދިވެހިން ދެކެމުން އައީ ރައީސަކީ ހަމައެކަނި ކަންކަން ހައްލުކުރެވޭނެ މީހާ ކަމަށެވެ. ބާރުތައް ވަކިކުރަން ބިލިއަނުން މުއައްސަސާތަކަށް ޚަރަދުކުރި ނަމަވެސް ރާއްޖޭގައި ވެރިކަންތައް ކުރަމުން މި އަންނަނީ ވަރަށް ވެސް ބޮޑަށް "ސެންޓްރަލައިޒްޑް" ނިޒާމެއްގެ ތެރެއިންނެވެ.
ރައީސަކަށްވުމާ އެކު އެ ބޭފުޅަކު ބަދަލުވަނީ ރަސްކަލަކަށެވެ. ބޭސް ލިބުމުގެ ދަތިކަމާއި، މަގުތަކުގައި ފެންބޮޑުވުމާއި، ވަޒީފާގެ މައްސަލަތަކާއި، ބޯހިޔާވަހިކަމާއި، ގަހެއް ކެނޑުމާއި، ހުރިހާ ކަމެއް ހައްލުކުރެވޭނީ ހަމައެކަނި ރައީސަށް ކަމަށް އާއްމުން ގަބޫލުކުރަން ޖެހެނީ އެހެންވެއެވެ.
މިހެންވާ އަނެއް ސަބަބަކީ ކަންކަން އިސްލާހު ކުރުމުގައި, މިނިސްޓްރީތަކާއި ކައުންސިލްތަކާއި މުއައްސަސާތަކަށް ރައްޔިތުން އިތުބާރުނުކުރާ ނުކުރުމެވެ. އެ ތަންތަނަށް ދިޔަޔަސް, އަދި ކަންކަން ހުށަހެޅިޔަސް ކަމެއް އިސްލާހުވާނެ ކަމަކަށް އާއްމުންގެ ތެރެއިން ގިނަ މީހުން ގަބޫލުނުކުރަނީއެވެ. އެހެންވީމާ ޒާތީ މައްސަލަތައް ހައްލުކުރަން ވެސް ރައީސް އަރިހަށް ދާން ޖެހޭކަމަށް އާއްމުންނަށް ގަބޫލުކުރެވެނީއެވެ.

"ކޮންމެކަމަކަށް މުއައްސަސާ ހަދާފަ ހުއްޓަސް އޭގެން ކޮންތާކުންތޯ އިންސާފެއް ނޫނީ ޚިދުމަތެއް ލިބެނީ؟ ބާރުގަދަ މީހަކަށް ނުގުޅައި ރާއްޖޭގައި އެއް ކަމެއް ވެސް ވޭތޯ؟ ނުވޭ ނޫންތޯ؟ އެހެންވީމާ ކިރިޔާ ވެސް ކަމަކު ޖެހުނީމާ ދެވެން އޮތިއްޔާ ރައީސްގެ އަރިހަށް ނޫންތޯ އާއްމުން ދާނީ," ތައުލީމީ ބޭފުޅަކު މި މައުޟޫއުގައި "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
"އެހެންކަމުން ރައީސަކީ ގައުމުގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް ބަދަލުވެފައި ތި ވަނީ،"
ޑިމޮކްރަސީ ހަރުދަނާ ގައުމުތަކުގައި ސީދާ މިގޮތަށް ރައީސަކާ ސުވާލުކުރަން ފުރުސަތު ލިބިއްޖެނަމަ އެންމެ ގިނައިން ކުރާނެ ސުވާލުތައް ގުޅިފައިވާނީ އިގުތިސާދީ ސިޔާސަތާއި، މޫސުމީ ސިޔާސަތާއި، ތައުލީމީ އިސްލާހުތަކާއި، ޓެކްސް ނިޒާމާއި، އަދި އެ ނޫން ވެސް ކަންކަމާ ގުޅޭ ގޮތުންނެވެ. އޭގެން އެ އަންގައި ދެނީ އެ ގައުމުތަކުގެ ރައްޔިތުންގެ ހޭލުންތެރިކަމާއި ކަންކަން އިސްލާހު ވާނީ ނިޒާމު އިސްލާހުކޮށްގެންކަން ގަބޫލުކުރާ ގަބޫލުކުރުމެވެ. ނަމަވެސް، ރާއްޖޭގައި މި ކަންކަން އަދި ވަރަށް ދަށެވެ.
މި ސުވާލު ކުރުމުން, ޝަރުއީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، މުޅިން އެހެން ވާހަކައެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި ރައްޔިތު ބައްދަލުވުންތަކުގައި އާއްމުން ގައުމީ ބޮޑެތި މައްސަލަތައް ފެންމަތިނުކުރަނީ އެއީ ބޭކާރު ކަމެއްކަމުގެ އިހުސާސް އެ ރައްޔިތުންނަށް ކުރެވޭތީ ކަމަށެވެ.
"ސިޔާސީ ބޭފުޅަކު ކަމެއް އިސްލާހުކުރާނެ ކަމަށް ގަބޫލުކުރަންތޯ؟ އެ އުންމީދެއް ނެތެއް ނޫންތޯ؟ ދެން އެހެންވީމާ ގައުމުގެ މައްސަލަތައް ހުށަހެޅުމަށް ވުރެ އެ މީހެއްގެ އަމިއްލަ ކަމެއް އެދުން ނޫންތޯ ރަނގަޅުވާނީ؟ ގަހެއް ކަނޑައިގެން ފަސޭހައެއް ވާން އޮތްނަމަ އެ ފަސޭހައެއް ނޫންތޯ ހޯދަން އެދޭނީ،" ކުރިން ފަނޑިޔާރުކަން ވެސް ކުރެއްވި އެ ބޭފުޅާ ވިދާޅުވިއެވެ.
ރައްޔިތު ބައްދަލުވުންތަކުން މި ފެނުނު މަންޒަރުން ގަތީ ލަދެވެ. ވީ ދެރައެވެ. ގައުމު ފެއިލްވެފައިވާ މިންވަރު ސިފަވީތީއެވެ. ރައީސުލްޖުމްހޫރިއްޔާ އަރިހުން, ބޭސް ނުލިބިގެންނާއި ބޯހިޔާވަހިކަން ނުލިބިގެންނާއި އިންސާފު ނުލިބިގެން އަދިވެސް މި ޖެހެނީ ސަލާން ޖަހާށެވެ. ބަޖެޓުން ޚަރަދުކުރާވަރު, ކިތަންމެ ބިލިއަނެއް އިތުރުވި ނަމަވެސް ބޭސް ސިޓީ ހިފައިގެން ތީމުގެއަށް ދާން ޖެހުނު ހާލަތު އަދިވެސް ބަދަލެއް ނުވެއެވެ. މިއީ މުޅި ސިޔާސީ ނިޒާމު ފެއިލްވެފައިވާކަމުގެ އަލިގަދަ ހެއްކެކެވެ.