ބަރަހަނާ މަންޒަރު އަޅާ 571 ގްރޫޕު ބަންދުކޮށް 3 މީހުން ހައްޔަރުކޮށްފި

ބަރަހަނާ މަންޒަރު އަޅާ ގްރޫޕުތައް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ---

ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ފުލުހުން ސެއިޒްކޮށް، އޭގެ ތެރެއިން ނުވަ އެކައުންޓު ހިންގާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ޗެނަލްތަކުގައި އެކި މީހުންގެ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވެއެވެ. އަދި 34,680 މީހުން މި ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް އުފައްދައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނަކުން ކަމަށެވެ.

ޓެލެގްރާމް ޗެނަލްތައް ހިފެހެއްޓީ ރޭގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • އުމުރުން 45 އަހަރުގެ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ،
  • އުމުރުން 46 އަހަރުގެ، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ
  • އުމުރުން 29 އަހަރުގެ، ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް

ޒުބައިރާއި ނާސިފް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. ރަބީހު ހައްޔަރުކުރީ މިދިޔަ މަހުގެ 20ވަނަ ދުވަހެވެ.

މި މީހުންގެ ތެރެއިން ނާސިފާއި، ރަބީހަށް މި މަހުގެ ފަސްވަނަ ދުވަހު، 15 ދުވަހުގެ ބަންދު މުއްދަތުވަނީ ޖަހައިފައެވެ. އަދި ޒުބައިރަށް މިދިޔަ މަހުގެ 30ވަނަ ދުވަހުވަނީ 15 ދުވަސް ބަންދަށް ޖަހައިފައެވެ.

މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކުގެ 14 އާލާތް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި މި ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ.

އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ.

މި ޗެނަލްތަކުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން، އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ވެސް ބުންޏެވެ.

އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ.

މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރު ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކުރަން އެދޭކަމަށް ފުލުހުން ވަނީ އެދިފައެވެ.

ބަރަހަނާ މަންޒަރުތައް ހިއްސާކުރާ ޗެނަލްތައް ފުލުހުންވަނީ މީގެ ކުރިން ވެސް ފުލުހުންވަނީ ހޯދައި، ހިފަހައްޓައިފައެވެ.

comment ކޮމެންޓް